Last Updated: November 24, 23:51
Sunday, November 24, 2024
ކޮލަމް

ސިޔާސީ ފިކުރު ތަފާތުވިޔަސް މަންޒިލަކީ އެކައްޗެއް

އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ)

ރާއްޖޭގެ ރިޔާސީ އިންތިޚާބު މިހާރު މިވަނީ ނަގާ ބޯމަތިވެފައެވެ. އަންނަ ޖޫން ނުވަތަ ޖުލައި މަހު އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވާ އިރު ސިޔާސީ ވާދަވެރިންގެ ފިނިހަގުރާމަވެސް މިހާރު ވަނީ ފެށިފައެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ހިގަމުންދަނީ ބާރު ސްޕީޑެއްގައެވެ.

ރިޔާސީ އިންތިޚާބަކީ ކޮންމެ 5 އަހަރަކުން އެއްފަހަރު ޤައުމުގެ މުސްތަޤްބަލާއި މެދު ގޮތެއް ކަނޑައެޅުމަށް ލޮބުވެތި ރައްޔަތުންނަށް ލިބޭ ހަމައެކަނި ފުރުސަތެވެ. ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ
"ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔަތުންގެ ކިބައިންނެވެ. އަދި އެބާރުތައް ދެމިއޮންނާނީ ރައްޔަތުންގެ ކިބައިގައެވެ. " މިހެން ބަޔާން ކުރެވިފައިވާ ބާރުގެ ހަޤީޤަތެވެ. ފާއިތުވެދިޔަ ރިޔާސީ ދައުރުގައި ރާއްޖޭގެ ޒަޢާމަތު ބެލެހެއްޓެވި ފަރާތުން ޤައުމަށް ނުވަތަ މުޖަތަމަޢަށް ކޮށްދީފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް އޭނާ ބެހެއްޓުން ނުވަތަ އެހެން މީހަކު އިޚްތިޔާރު ކުރުމަށް ރާއްޖޭގެ ލޮބުވެތި ރައްޔަތުންނަށް ލިބޭ ހަމައެކަނި ފުރުސަތެވެ.

ނަމަވެސް 2012 ފެބްރުއަރީ 08 ވަނަ ދުވަހު ކުރީގެ ރައީސް ކެނެރީގެ މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ރާއްޖޭގެ ޢުމްރާނީގެ ތަރައްޤީގެ ކުރިއެރުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަންދާ ހުލިކުރުން ފަދަ ހަރަކާތްތަކަކީ މި މައްދާގެ ދަށުން ރައްޔަތުންނަށް ލިބޭ އިޚްތިޔާރާއި ބާރު ކަމުގައި ފަހަރެއްގައި ވެސް މާނަނުކުރެވެއެވެ. ހަޤީޤަތުގައި އެއީ ރާއްޖޭގެ ލޮބުވެތި ރައްޔަތުންނަށް ލިބިގެންދިޔަ ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށް ވާއިރު އެއީ ތަރައްޤީ އަށް ކުރިމަތިވެގެން ދިޔަ ހުރަހެއްވެސް މެއެވެ. އެފަދަ އަމަލުތަކަކީ ޢައިރު ޤާނޫނީ އަދި ޓެރެރިސްޓް އަމަލުތަކެވެ. ރާއްޖޭގެ ޝަރުޢީ ދާއިރާ އިން މި މައްސަލަ ނުނިމި ދިގު ދެމިގެންދާ ކަމާއި މެދު ހައިރާން ވާންޖެހެއެވެ.

އާދެ! މިފަދަ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ތިމާއާއި ތިމާ ނިސްބަތްވާ މުޖްތަމަޢަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ވާއިރު މީހެއް ނުވަތަ ބައެއްގެ ފަރާތުން ތިމާ އަށް ލިބޭ ކުރިއެރުމެއް ނުވަތަ ނާޖާއިޒު ފައިދާ އެއްގެ ސަބަބުން މުޖްތަމަޢުގެ ކުރިއެރުމަށް ވުރެ ބޮޑަށް ތިމާ އަށް އެމަންފާ ލިބޭ ފަރާތުގެ ދިފާޢުގައި ވާހަކަ ދެއްކުމާއި ހަޤީޤަތް އޮޅުވާލުމަށް މަސައްކަތް ކުރުމަކީ ޚޮދު ތިމާ އާއި ތިމާގެ އާއިލާ ގެ އިތުރުން ޤައުމަށް ޚިޔާނާތްތެރި ވުމެކެވެ.

އާދެ! ރިޔާސީ އިންތިޚާބުގެ މިދެންނެވި މުހިއްމު ދަނޑިވަޅުގައި ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް ތިންބައިކުޅަ ދެބައި މީހުން ދިރިއުޅޭ ރަށް ފުށުގެ ރައްޔަތުންގެ ފަރާތުން އެބަޔެއްގެ މުސްތަޤްބަލާއި މެދު ގޮތެއް ކަނޑައަޅައި އެހުށަހެޅުންތައް ރިޔާސީ ކެންޑިޑޭޓުންނަށް ހުށަހެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. އައްޑު އަތޮޅުގެ ރައްޔަތުން މިރޮގުން އަޅުގަޑު ޚާއްސަކޮށްލަމެވެ. އާބާދީ ގޮތުން ބޮޑު ނަމަވެސް ވަޒީފާގެ ފުރުސަތު ތަކެއް ނެތް އާމްދަނީ ލިބޭނެ ވަސީލަތެއް ފެނިފައި ނުވާ ހިތްދަތި ދިރިއުޅުމެއް ތަހައްމަލް ކުރަމުންދާ ބަޔަކަށްވާތީއެވެ. އާމްދަނީ ލިބޭފަދަ ފުރުސަތުތަކެއް ސަރުކާރުން ހޯދާދީފައިވާ ބަޔަކަށް ވެސް ނުވެ ދިގުމުއްދަތެއް ތާރީޚާއި އެކުވެ ގޮސްފައިވާ ބަޔަކަށް ވާތީއެވެ.

އާދެ! އަޅުގަޑު މިދެންނެވި ފަދަ ހުށަހެޅުމަކުން ދެކަމެއް ހާސިލު ވެގެން ދެއެވެ. ފުރަތަމަ ކަމަކީ ރައްޔަތުންގެ ހުށަހެޅުމަށް ތާޢިދު ނުކުރާނަމަ ވޯޓް ނުދިނުމެވެ. ދެވަނަ ކަމަކީ ރައްޔަތުންގެ ތާޢިދާއި އެކު ފުރިހަމަ ކުރާ ރިޔާސީ ދައުރުގައި އެބޭފުޅަކު ވަޢުދުވެ ވަޑައިގެންނެވި ކަންތައް ފުރިހަމަ ނުކުރެވޭނަމަ ދެވަނަ ދައުރުގައި ފެއިލްކޮށްލުމުގެ ފުރުސަތު ރައްޔަތުންނަށް ލިބިގެންދާ ކަމެވެ.

ހަގީގަތުގައި ގައުމު އިސްލާހުކުރުމަށް ރައްޔަތުންނަށް ލިބޭ އެންމެ މުހިއްމު އެއް ފުރުސަތަކީ މިއީކަމުގައި ދަންނަވަންޖެހެއެވެ. މިސާލަކަށް ކުރީގެ ރައީސް ގ. ކެނެރީގެ މުހައްމަދު ނަޝީދު ފެއިލްކޮށް ލުމުގެ ފުރުސަތު މިއަދު ރާއްޖޭގެ ލޮބުވެތި ރައްޔަތުންނަށް ވަނީ ލިބިފައެވެ.

މުހައްމަދު ނަޝީދު ކުރެއްވި އެންމެ ވަޢުދެއްވެސް ފުއްދިފައެއް ނެތެވެ. މަސައްކަތް ކުރެއްވީ ޒަމާނުއްސުރެ އަޅުގަޑުމެން އެދީނެއްގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި މާތްވެގެންވާ އިސްލާމް ދީން މިޤައުމުގައި ބަލިކަށި ކޮށްލުމަށެވެ. އެހެނިހެން ދީންތަކަށް ފުރުސަތު ހޯދާދިނުމަށެވެ. ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނަވައިގެން ބަނގުރާ އާންމު ކުރުމަށް މަސައްކަތް ކުރެއްވި ކަމީ އެންމެންވެސް ދަންނަ ހަގީގަތެކެވެ.

މަސްތުވާ ހިކިތަކެތިން ސަލާމްތްކުރުމުގެ ބަހަނާގައެވެ. ރިޔާސީ ގަޑުވަރުގެ ތެރެއިން ނެރުނީ ބަނގުރާ ފުޅިތަކެކެވެ. ޤާނޫނާއި ޚިލާފު ގިނަ ކަންތައްތަކެއް ކުރެއްވިއެވެ. ދިވެހި ރައްޔަތުން ތިމާއަށް ދީފައިވާ ޤަދަރާއި ޢިއްޒަތް ވެއްޔާއި މޮޑެލާ ރަށްފުށުގެ ރަށަކަށް އަރައިފީއްޔާ އަންހެންކުދިން ނިންދަވަނީ ތިމާގެ ކޮޑުމަތީގައެވެ. ރައްޔަތުންނާ މުޚާޠަބް ކޮށް ވާހަކަ ދައްކަވަން ފަށައިގަތުމުގައި ކީރިތި ރަސޫލާގެ މައްޗަށް ސަލަވާތެއް ދުވަހަކުވެސް ކިޔާފައެއް ނެތެވެ. މިގޮތުން މުޅި މީހާގެ ވަށައިގެން އެނބުރުނީ ލާދީނީ ފިކުރު ކަމުގައި ދަންނަވަންޖެހެއެވެ.

އާދެ! މިދެންނެވީ ކަމުގެ ހަޤީޤަތް ކަމަށް ވުމާއި އެކު އަޅުގަޑުމެންނީ ދިވެހި ޤައުމަށް ދިވެހި އުއްމަތަށް އިޚްލާސްތެރި ތެދުވެރި ބަޔަކު ކަމުގައިވާނަމަ އަދި މާތްވެގެންވާ އިސްލާމް ދީން މިގައުމުގައި ތާއަބަދަށް ދަމަހައްޓަން ބޭނުން ބަޔަކު ކަމުގައިވާނަމަ ކުރީގެ ރައީސް ކެނެރީގެ މުހައްމަދު ނަޝީދު އަށް އަޅުގަޑުމެން ތާޢީދު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި ހަމަ އެއާއި އެކު އެމަނިކުފާނާއި އެކުގައި ހަރަކާތްތެރި ވަމުން ދިޔަ އައްޑު އަތޮޅުގެ ކައުންސިލަރުންނަށް ވެސް ތާޢިދުކުރަންޖެހޭ ސަބަބެއްނެތެވެ. އެއީ އައްޑު އަތޮޅުގެ ރައްޔަތުންނާއި ދިވެހި އުއްމަތަށް ވަރަށް ބޮޑު ޚިޔާނާތްތެރިން ކަމުގައި ބެލެވޭ ބަޔެކެވެ.

އާދެ! ރިޔާސީ އިންތިޚާބު ނަގާބޯމަތިވެފައިވާ މިދަނޑިވަޅުގައި ފުރުސަތު ބޭނުން ރަށްފުށުގެ ރައްޔަތުން ހިފަމުންދާތަނެއް ފެނިގެން ނުދާތީ އަޅުގަޑުގެ ހިތަށް ވަދެގެންދަނީ އާދަޔާއި ޚިލާފު ޝުޢޫރެކެވެ. ހަލަބޮލި ވެފައިވާ ސިޔާސީ މަސްރަހުގައި އަވަދި ނެތި އުޅުއްވާ އަޅުގަޑުމެންގެ ސިޔާސީ ވާދަވެރިންގެ ކެމަފްލާޖް ވާހަކަ ތަކުން ރަށް ފުށުގެ ރައްޔަތުންނަށް މަންފާ ކޮށްފާނެ ކަމަށް ވިސްނަވަނީތޯއެވެ؟ ނުވަތަ ޤަބޫލުކުރައްވަނީ ތޯއެވެ؟ އަދިވެސް ހޭއަރާށެވެ.

ވިސްނަމާލަމާތޯއެވެ؟ މާޟީވެދިޔަ ދިގު ތާރީޚަށް ބަލާއިރު ހ.އ. އާއި އައްޑު އަތޮޅާއި ދެމެދު މީހުން ދިރިއުޅޭ ސަރަހައްދު ތަރައްޤީ ކުރުމަށް ސަރުކާރުން ކަނޑައަޅާ ފައިވަނީ ތަފާތު ދެ ސިޔާސަތެކެވެ. އޭގެ ތެރެއިން ފުރަތަމަ ފާހަގަކޮށްލާނީ ރާއްޖެ ތެރެ ތަރައްޤީ ކުރުމުގެ ސިޔާސަތެވެ.

މި ސިޔާސަތުގެ ދަށުން ކުރިއަށް ގެންގޮސްފައިވަނީ އަންހެނުންގެ މިސްކިތެއް ފިރިހެނުންގެ މިސްކިތެއް މަގުބުރިއެއް ނުވަތަ ބަނދަރު ފަޅިއެއް ފަދަ މަޝްރޫޢެކެވެ. ނަމަވެސް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު އަބުދުލްޤައްޔޫމުގެ ޒައާމަތުގެ ތިރީސް އަހަރުގެ ތެރޭގައި އިޖްތިމާޢީ ގޮތުން އަތޮޅުތަކުގެ ރައްޔަތުންނަށް ބައެއް ކަހަލަ ކުރިއެރުން ތައް ލިބިފައި ނުވާކަމަކަށް ދަންނަވާކަށް އަޅުގަޑު ނެތީމެވެ.

ތަޢުލީމީ ގޮތުން އެމަނިކުފާނު ދިވެހި އުއްމަތަށް ކޮށްދެއްވާފައިވަނީ ވަރަށް ވެސް މަތިވެރި ޚިދުމަތެކެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖޭގެ ސިއްހީ ހާލަތު ބަދަލުކުރެއްވިއެވެ. ތައުރީފް އާއި ޝުކުރުވެރި ވުން ހައްޤު މަތިވެރި ޚިދުމަތެކެވެ. ނަމަވެސް ރާއްޖޭގެ އަތޮޅުތަކުގެ ރައްޔަތުންނަކީ މާލީ ތަނަވަސްކަމާއި އެއާއި ގުޅިގެން ލިބެންޖެހޭ ދިރިއުޅުމުގެ އެންމެހާ ލުއި ފަސޭހަތަކާއި ކުރިއެރުންތައް ލިބެންޖެހޭ ބައެއް ކަމުގައި އެމަނިކުފާނުގެ ސަރުކާރުން ވެސް ބަލާފައި އޮތްކަމަކަށް ގަބޫލެއްނުކުރެވެއެވެ. ނުވަތަ ވިސްނާފައެއް ވެސް ނެތެވެ. ނުވަތަ ޤަބޫލު ނުކުރެއެވެ. ދެބަސްވެރި ވުމަކަށް ކުޑަވެސް ޖާގައެއް ނެތެވެ.

އެހެނީ މިދެންނެވި މުއްދަތުގެ ތެރޭގައި މާލެ އަށް އައިސް ފައިވާ ކުރިއެރުމާއި އަތޮޅުތަކުގެ މިއަދުގެ ހާލަތާ އަޅާބަލާލުމުން މިކަންތައް ކިތެންމެ ރަގަޅަކަށް ވެސް ހާމަވެގެންދެއެވެ. ސަލާމަތް ސިކުނޑިއެއްވާ ކޮންމެ މީހަކު މިހަޤީޤަތް ޤަބޫލުކުރާނެއެވެ. އަތޮޅު ތަކާއި މާލެ އާއި ދެމެދުގެ ތަފާތު ކުޑަކުރުމުގެ ވާހަކަ ތައް ޕޯޑިއަމް ތަކުގައި މެދުނުކެޑި މިދެންނެވި މުއްދަތުގެ ތެރޭގައި ދެކެވެމުން ދިޔައިރު އެތަފާތު އެއްދުވަހުން އަނެއް ދުވަހަށް ދިޔައީ ބޮޑުވަމުންނެވެ. ނަމަވެސް 1976 ވަނަ އަހަރު ވަރަށް އާދައިގެ ގޮތެއްގައި އޮތް މާލެ ބޭރުގައުމެއްގެ ސިޓީ އެއްގެ ފެންވަރަށް ތަރައްޤީ ކުރެވުނު އިރު އަދި ކަނޑު ހިއްކައިގެން ދެވަނަ މާލެ އެއް ތައްޔާރު ކުރެވޭއިރު ރާއްޖޭގެ އަތޮޅުތަކުގެ ފެންވަރު ވަކިން ޚާއްސަކޮށް 1976 ވަނަ އަހަރު އައްޑު އަތޮޅު ގެ ގަމުން އިގިރޭސިން ފޭބިއިރު މުޅިރާއްޖޭގައި ތަރައްޤީ ގެ ގޮތުން އެންމެ ކުރިއަރާފައިވާ އައްޑު އަތޮޅުގެ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިފައި އޮތީ ދިވެހިސަރުކާރުން އެރޫހުގައި މަސައްކަތް ނުކުރާތީ ކަމުގައި ފަހެ ޤަބޫލު ނުކުރެވެނީ ތޯއެވެ؟ އެއީ އަޅުގަޑު މިދެންނެވީ ހަގީގަތެއްކަން ދޭހަކޮށްދޭ ކަމަކަށް ފަހެ ނުވަނީތޯއެވެ؟

އާދެ! ދެވަނަ ސިޔާސަތަކީ ރާއްޖެ ތަރައްޤީ ކުރުމުގެ ސިޔާސަތެވެ. މިސިޔާސަތުގެ ދަށުން ހިންގާފައިވަނީ މާލެ ތަރައްޤީ ކުރުމުގެ ބޮޑެތި މެގަ ޕްރޮޖެކްޓް ތަކެވެ. މިގޮތުން " ރާއްޖެ " ކަމުގައި ބެލެވިފައިވަނީ މާލެ އެކަންޏެވެ. މާލޭގެ ބިންބޮޑުކޮށް ތަރައްޤީ ކުރުމާއި ވިލިމާލެ އާއި ހުޅުމާލެ އަދި ގުޅީފަޅު ޕްރޮޖެކްޓް އާއި މާލެ އާއި ހުޅުމާލެ އާއި ދެމެދުގެ ބްރިޖްއެޅުން ފަދަ މަޝްރޫޢު ތަކަކީ ރާއްޖެ ތަރައްޤީ ކުރުމުގެ ނަމުގައި މާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހިންގާ މެގަ ޕްރޮޖެކްޓް ތަކެވެ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔަތުން ކުރާ މަސައްކަތުގެ ނާޖާއިރު ފައިދާ މިއަދާއި ހަމަޔަށް ސަރުކާރުން ބޭނުންކުރަމުން ދަނީ މިދެންނެވި މަގުސަދު ހާސިލުކުރުމަށެވެ. ދިވެހިރާއްޖޭގެ އަތޮޅު ތަކުގެ ރައްޔަތުން ބޭނުން ކުރަމުން އައިސްފައިވަނީ ފައިސާ ޖަހާ މެޝިންތަކެއްގެ ގޮތުގައެވެ. ރާއްޖޭގެ ނިކަމެތި ރައްޔަތުން ކުރާ މަސައްކަތުގެ ފައިދާ ޖަމާކޮށް އެއިން ކުރިއެރުން ހޯދާދީފައިވަނީ މާލެ އަށެވެ. ފެންނަން ހުރި ހަޤީޤަތެވެ.

އާދެ! މި މަޝްރޫޢުގެ ދަށުން މިހާރުން މިހާރަށް ރޭވިފައިވާ ޕްރޮޖެކްޓްތަކުގެ ޚަރަދަށް ބަލާއިރު 247 މިލިއަން ޔޫ.އެސް.ޑޮލަރ ޚަރަދުވެއެވެ. އެއީ ހުޅުމާލެ އާއި މާލެ އާއި ދެމެދުގެ ބްރިޖް އެޅުމަށް މަދުވެގެން 150 މިލިއަން ޑޮލަރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން 230 ހެކްޓަރ ބިން ހިއްކުމަށް 70 މިލިއަން ޑޮލަރު، އަދި ގުޅީފަޅު ޕްރޮޖެކްޓަށް 27 މިލިއަން ޔޫ.އެސް.ޑޮލަރެވެ.

މީގެ އިތުރަށް ހުޅުމާލޭގެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 60 މިލިއަން ޑޮލަރ ޚަރަދުކޮށްފައިވާއިރު ޖުމުލަ 307 މިލިއަން ޔޫ.އެސް.ޑޮލަރު ހަމައެކަނި މާލޭގެ ތަރައްޤީ އަށް ޚަރަދުކުރެވެއެވެ. ދިވެހިރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބައި ދިރިއުޅޭ ރަށްފުށުގެ ރައްޔަތުންނަށް ލިބުނު ކުރިއެރުމަކީ ކޮބައިތޯއެވެ؟ ބަނދަރު ފަޅިއެއްތޯއެވެ؟ އަދި އެހިސާބުން ނިމުނީ އެއްވެސް ނޫނެވެ. ގުޅީފަޅު، ތިލަފުށި، ވިލިމާލެ، މާލޭގެ ބްރިޖް ގެ ޚަރަދު އަދި އެބައޮތެވެ.

ނަމަވެސް މިދެންނެވި ހަގީގަތުގެ މައްޗަށް ބުރަވެހުރެ ދިވެހިސަރުކާރުން ދިވެހިރާއްޖޭގެ އަތޮޅު ތަކުގެ ރައްޔަތުން ބޭނުންކުރަމުން ދަނީ އަޅުންގެ ގޮތުގައި ކަމުގައި ދަންނަވާކަށް އަޅުގަޑު ނެތީމެވެ. އެކަމަކު ރާއްޖޭގެ އަތޮޅު ތަކުގެ ރައްޔަތުންނާއި މާލެ އާއި ދެމެދު މިހާބޮޑު އިމްތިޔާޒު ތަކެއް ހުރިކަން އެއީ ހަގީގަތެކެވެ. އެއީ އިންސާފުވެރި ނިންމުމެއް ނޫނެވެ. އަދި މިކުރިއެރުން މާލޭ އަށް ލިބިގެން ދިޔައީ އަތޮޅު ތަކުގެ ރައްޔަތުން ކުރަމުން ދިޔަ ބުރަމަސައްކަތުގެ ނަތީޖާއެވެ. އަތޮޅު ތަކުގެ ރައްޔަތުންނަށ މަންފާއެއް ނެތްގޮތުގައެވެ.

އާދެ! ރާއްޖެ ތަރައްޤީ ކުރުމުގެ ނަމުގައި މާލެ ތަރައްޤީ ކުރުމުގެ ގޮތުން ފުރަތަމަ ކުރެވުނު މަސައްކަތަކީ މާލޭގެ ހުޅަގުފަރާތު ބިންހިއްކުމެވެ. މާލޭގެ އާބާދީ ބޮޑުވެ މާލޭގެ ރައްޔަތުންނަށް އުޅުމަށް ދަތިވާތީ ކަމުގައި ހާމަކުރަމުންނެވެ. ތެދުފުޅެކެވެ. 70 ގެއަހަރު ތަކުގެ ކުރީކޮޅުން ފެށިގެން މިއަދާއި ހަމަޔަށް ވެސް އެއްދުވަހުން އަނެއް ދުވަހަށް މާލެ އަށް ދަނީ ބާރު ބޮޑުވަމުންނެވެ. ނަމަވެސް އެއީ ރާއްޖޭގައި ދެވޭ އިގްތިސާދީ އިޖްތިމާޢީ ޚިދުމަތާއި ސިއްޚީ ޚިދުމަތް ލިބޭ ހަމައެކަނި ތަނަކީ މާލެ ކަމުގައި ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން މިޚިދުމަތް ލިބިގަތުމަށް ޓަކައި ގިނަ އަދަދެއްގެ ބަޔަކު މާލެދިއުމުގެ ނަތީޖާ އެއްގެ ގޮތުންނެވެ.

ރާއްޖެތެރެ ތަރައްޤީ ކުރުމުގެ ނަމުގައި މަގުބުރިއަކާއި ބަނދަރު ފަޅިއެއް އަދި އަންހެނުންގެ މިސްކިތެއް އިމާރާތް ކުރުމަކުން މިކަމެއް އިސްލާހެއް ނުވާނެކަން ހަމަކޮންމެ މީހަކަށް ވެސް އެގިވަޑައި ގަންނަވާނެއެވެ. މިކަން އިސްލާހު ކުރެވޭނީ ރަށްފުށުގެ ރައްޔަތުންގެ މާލީ ތަނަވަސްކަން އިތުރުވެގެންނެވެ. އެހެން ކަމުން އެއީ ކުރީއްސުރެ ޕްލޭން ކުރެވިގެން ސަރުކާރުގެ ހުރިހާ ފެންވަރަކަށް ވެސް އެގިގެން ހިގަމުންދިޔަ ކަމެއް ކަމުގައި ދަންނަވަން ޖެހެއެވެ. މިއަދާއި ހަމަޔަށް އިސްލާހީ ފިޔަވަޅެއް ސަރުކާރުން އަޅާފައި ނުވާތީއެވެ. ރާއްޖެ ތަރައްގީގެ މަންޒިލަކަށް ވާސިލުވުމުގެ ދަތުރުފެށިތާ 36 އަހަރު ތާރީޚާއި އެކުވެގެން ދިޔައިރު މާލެ ފަދަ ދެވަނަސިޓީ އެއް ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދެއްގައި ތަރައްޤީ ކުރެވިފައި ނެތްކަމީ މިކަންދޭހަކޮށްދޭ ކަމަކަށް ފަހެ ނުވަނީތޯއެވެ؟ އަދި އެއީ އޮޅުމެއްގެ ތެރޭގައި ހިގާދިޔަ ކަމެއްނޫން ކަންދޭހަކޮށްދޭ ކަމަކަށް ފަހެ ނުވަނީތޯއެވެ؟

ރާއްޖެ ތަރައްޤީ ކުރުމުގެ ނަމުގައި މާލެ ތަރައްޤީ ކުރުމުގެ ދެވަނަ މަސައްކަތަކީ ވިލިގިލި (މިހާރުވިލިމާލެ) އާބާދުކުރުމުގެ މަސައްކަތެވެ. މާސިންގާ ކަނޑެއް ހުރަސްކޮށް އޮތް ވިލިގިލި މާލޭގެ އަވަށެއްގެ ގޮތުގައި ހަމަޖެއްސެވި އިރު އެއީ ދިވެހި ދައުލަތަށް މިލިއަނުން ޑޮލަރު ލިބިލިބި އޮތް ޓްވަރިސްޓް ރެސޯޓެކެވެ. އަދި އެއީ ދިވެހި ރާއްޖޭގެ އާދަކާދަ ތަކާއި ބަސްމޮށުން ތެރިކަމާއި ވެސް މުޅިން ޚިލާފު ކަމެއް ކަމުގައި ދަންނަވަން ޖެހެއެވެ. އެހެނީ އަވަށެއްގެ ގޮތުގައި ޒަމާނުއްސުރެ ބަލަމުން އައިސް ފައި ވަނީ ހިކިފަސް ރަށެއްގެ ބަޔަކަށެވެ.

ކަނޑު ހުރަސްކޮށް އޮންނަ ރަށެއް ނުވަތަ ފިނޮޅެއް ނުވަތަ ފަޅުރަށެއް އެއީ މީހުން ދިރިއުޅޭ ރަށެއްގެ އަވަށެއްގެ ގޮތުގައި ބެލެވިފައިވާ ޒަމާނެއް ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ނެތެވެ. އެގޮތަށް ވިލިގިލި ނުވަތަ ވިލިމާލެ އެއީ މާލޭގެ އަވަށެއްގެ ގޮތުގައި ބަލާކަމަށްވާނަމަ މާލެ އަތޮޅުގައި ދެންހުރި ރަށްރަށްވެސް މާލޭގެ އަވަށެއްގެ ގޮތުގައި ބަލަން ނުޖެހޭ ސަބަބެއް އެބައޮތްތޯއެވެ. ނުވަތަ ފުވައްމުލަކަކީ އައްޑު އަތޮޅުގެ އަވަށެއްގެ ގޮތުގައި ބަލަން ނުޖެހޭ އެއްވެސް ސަބަބެއް ފަހެ އެބައޮތްތޯއެވެ. ކުރީ ޒަމާނުގައި ކިޔާ އުޅުނީ ވެސް " އައްޑޫ ފުވައްމުލައް " މިހެންނެވެ.

ހަމަ އެއާއި އެކު ދިވެހި ދައުލަތަށް ލިބިލިބި ހުރި މިލިއަން ޑޮލަރުގެ ގެއްލުން މާލޭގެ ތަރައްޤީ އަށް ޓަކައި ދިވެހި ސަރުކާރުން ތަހައްމަލް ކުރިއިރު ދައުލަތުގެ އާމްދަނީ ގެ ބޮޑުބައެއް ހިއްސާކުރާ ރަށްފުށުގެ ރައްޔަތުންގެ މުސްތަޤްބަލާއި މެދު ސަރުކާރުން ވިސްނާފައިވަނީ ކިހާމިންވަރަކަށް ބާވައެވެ؟ މިއީ ރަށްފުށުގެ ކޮންމެ ރައްޔަތަކުވެސް އުފައްދަންޖެހޭ ސުވާލެކެވެ. ޖަވާބު ހޯދަންޖެހޭ މުހިއްމު ނުކުތާ އެކެވެ. އެހެނީ ދައުލަތުގެ މާލީއްޔަތަކީ ވަކިބަޔެއްގެ ތަރިކަ މުދަލެއްނޫނެވެ. ދިވެހި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔަތުންގެ ހަމަހަމަ ހައްގެކެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި "ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމުގައި ބަޔާންކުރެވިފައިވާއިރު ރަށްފުށުގެ ރައްޔަތުންނަށް މި ހަމަހަމަކަން ލިބިފައިވަނީ ކޮން ނަޒަރަކުންތޯއެވެ؟ ކޮންކަމަކުންތޯއެވެ؟ ނުވަތަ ކޮން ޚިދުމަތަކުންތޯއެވެ؟ އެއްވެސް ކަމަކުން އެއްވެސް ޚިދުމަތަކުން މި ހަމަހަމަ ކަން ރާއްޖޭގެ އަތޮޅު ތަކުގެ ރައްޔަތުންނަށް ލިބިފައެއް ނެތެވެ. ދިވެހި ދައުލަތަށް ފައިސާ ޖަމާކުރަންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ހަމަހަމަ ބަޔަކަށް ވާއިރު ދިވެހި ސަރުކާރުން ޚިދުމަތް ފޯރުކޮށް ދިނުމުގައި މިހަމަކަމެއް ބޭނުމެއް ނުވެއެވެ.

ރާއްޖެ ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވައްސަކީ ހުޅުމާލެ ހިއްކުމުގެ ފުރަތަމަ މަޝްރޫޢު އެވެ. ސީދާ ދިވެހި ސަރުކާރުގެ ބަޖެޓްގެ ޚަރަދުގައެވެ. މި މަސައްކަތް ފެށިއިރު ވިލިމާލެ އާބާދުކޮށް އަދި ނުނިމެއެވެ. އަޅުގަޑު ހަދާންވާ ގޮތުގައި ގާތްގަޑަކަށް 163 ހެކްޓަރގެ ބިން ހިއްކުމަށް 60 މިލިއަން ޑޮލަރ ހޭދަވިއެވެ.

ރައީސް މައުމޫނުގެ ވެރިކަން ބަދަލުވެ ރާއްޖޭގެ ރިޔާސަތާ ރައީސް ނަޝީދް އާއި ހަވާލުވުމަކުން ރާއްޖެ އާއި ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މިދެންނެވި ސިޔާސަތަކަށް އައި ބަދަލެއްނެތެވެ. އަތޮޅު ތަކުގެ ރައްޔަތުންގެ މާލީ ތަނަވަސްކަން އިތުރުކުރެވޭ ފަދަ ޕްރޮޖެކްޓެއް އެމަނިކުފާނުގެ ޒައާމަތުގައި ހިންގިފައެއް ނެތެވެ. މިގޮތުން އެކަމަށް ވިސްނާވަޑައިގެންފައިވާ ކަމުގައި ދަންނަވާކަށް އަޅުގަޑު ނެތީމެވެ.

ނަމަވެސް އައްޑު އަތޮޅަށް ކޮންމެވެސް ވަރެއްގެ ޢުމްރާނީ ތަރައްޤީގެ ކުރިއެރުމެއް ލިބިގެންދިޔައެވެ. މިގޮތުން ބޭކާރު ޚަރަދު ތަކަކާ އެކު ނަމަވެސް ހިތަދޫ ބޮޑު މަގު " ޢާޒީމަގު" ގެ ދެފަރާތް ޕޭވްކުރުމާއި އެކު ތާރަ ލޭޔަރެއް އެޅުމާއި އަތޮޅުގެ އެހެން ހުރިހާ ރަށެއްގެ ބޮޑު މަގުވެސް ރަގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން ފެނާއި ފާޚާނާ ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތަކީ އުމްރާނީ ގޮތުން ލިބިގެންދިޔަ ކުރިއެރުމެކެވެ. އަދި ހިތަދޫ ޕޯޓަކީ އެހެން ބައެއްގެ ސީދާ ނުފޫޒުން އެއްކިބާވެ ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އަތޮޅަށް ލިބިގެން ދިޔަ ކުރިއެރުމެއްކަން ފާހަގަކުރަމެވެ. ނަމަވެސް އަތޮޅުގެ މާލީ ތަނަވަސްކަން އިތުރުކުރެވޭ ފަދަ ޕްރޮޖެކްޓެއް ހިންގިފައެއް ނުވަތަ ޕްލޭން ކުރެވިފައެއްވެސް ނެތެވެ.

އާދެ! ރައީސް ނަޝީދުގެ ޒައާމަތުގައި ޕްލޭންކުރެވުނު ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓަކީ ރާއްޖެ ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވައްސެވެ. މި ފިޔަވަހީގެ ދަށުން ގާތްގަޑަކަށް 50 ހެކްޓަރ ބިންހިއްކުމަށް ހަމަޖެހިފައިވާ އިރު އެއީ 27 މިލިއަން ޔޫ.އެސް.ޑޮލަރެވެ.

ރާއްޖެ ތަރައްޤީ ކުރުމުގެ 4 ވަނަ ފިޔަވައްސަކީ މާލެ އާއި ހުޅުމާލެ އާއި ދެމެދު ބްރިޖް އެޅުމެވެ. އެއީ 150 މިލިއަން ޔޫ.އެސް.ޑޮލަރުގެ (2.3 ބިލިއަން ދިވެހިރުފިޔާގެ) ޕްރޮޖެކްޓެކެވެ. ތުރުކީގެ އެގްޒިމް ބޭންކުން ލޯނު ނެގުމަށް ނިންމާފައިވާ ކަމުގައި ފިނޭންސް މިނިސްޓަރ އަބުދުﷲ ޖިހާދު 09 ޖެނުއަރީ 2012 ގައި (ހަވީރުއޮންލައިން) ވިދާޅުވަމުން ހުޅުމާލޭ ބްރިޖްގެ މި މަޝްރޫޢަކީ 10 އަހަރު ވެފައިވާ މަޝްރޫޢެއް ކަމުގައި ހާމަކުރެއްވިއިރު އައްޑު އަތޮޅު ގަމުގެ އެއަރޕޯޓް ތަރައްޤީކޮށް މުޅިދިވެހި އުއްމަތުގެ އިގްތިސާދީ ހާލަތާއި އައްޑު އަތޮޅުގެ ލޮބުވެތި ރައްޔަތުންގެ މާލީ ތަނަވަސްކަން އިތުރުކޮށް ދިނުމަށް އަޅުގަޑުމެން އައްޑު އަތޮޅުގެ ރައްޔަތުން އެދި އެކިފެންވަރުގައި ވާހަކަ ދައްކަމުން އަންނަތާ މިއަންނަ މާރޗް މަހުގެ 29 ވަނަ ދުވަހަށް 37 އަހަރުވެއެވެ.

މިކަމަށް ސަމާލުކަންދެއްވި ދިވެހި ދައުލަތުގެ ވެރިޔަކީ ކޮބައިތޯއެވެ؟ ހުޅުމާލޭގެ ބްރިޖް ޕްރޮޖެކްޓަކީ 150 މިލިއަން ޔޫ.އެސް.ޑޮލަރ ކަމަށްވާއިރު ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވަނީ 40 މިލިއަން ޔޫ.އެސް.ޑޮލަރެވެ. މިދެންނެވި ހޭދަކޮށްގެން ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމަކީ މުޅި ދިވެހި ޤައުމަށް ގައުމުގެ އިގްތިސާދަށް ނުހަނު ބޮޑެތި މަންފާ ކުރާނެ ޕްރޮޖެކްޓަކަށް ވާއިރު ހުޅުމާލެ އަށް ދަތުރުކުރާ އުޅަދަކުން ނެގޭ ފީއަކުން ދިވެހި އުއްމަތަށް ކުރާނީ ކިހާވަރެއްގެ މަންފާ އެއްބާވައެވެ؟

މިދެންނެވި ހަޤީޤަތް މިހެން ހުރުމާއި އެކުވެސް ދިވެހި ދައުލަތަށް މިލިއަނުން ޑޮލަރު ލިބިލިބި ހުރި ވިލިގިލި މާލޭގެ އަވަށެއްގެ ގޮތުގައި ހަމަޖެއްސި ގޮތަށް 40 މިލިއަން ޑޮލަރުގެ ހޭދައަކާއި އެކު އައްޑު އަތޮޅުގެ ގަން ހިންގުމުން ދިވެހި ދައުލަތަށް ލިބޭ މަންފާ އަށް ވުރެ ބޮޑަށް ދިވެހި ސަރުކާރަށް މުހިއްމުވީ ހުޅުމާލޭގެ ބްރިޖް ޕްރޮޖެކްޓެވެ. ވިލިގިލި ޓުވަރިސްޓް ރިސޯޓުން ދައުލަތަށް ލިބިލިބި ހުރި މިލިއަން ޑޮލަރ އަށް ވުރެ ކަނޑު ހުރަސްކޮށް އޮތް މާލޭގެ އަވަށަކަށް ވިލިހެދުން ސަރުކާރަށް މުހިއްމުވީ ގޮތަށެވެ. މިއީ އިންސާފު ވެރި ނިންމުމަކަށް ބެލެވިދާނެ ބާވައެވެ؟
ރާއްޖެ ތަރައްޤީ ކުރުމުގެ 5 ވަނަ ފިޔަވައްސަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިންހިއްކުމެވެ. 230 ހެކްޓަރ ގެ ބިން ހިއްކުމަށް 70 މިލިއަން ޑޮލަރ ޚަރަދުކުރެވެއެވެ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔަތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެ ތަކެތީގެ އަގާއި ޚިދުމަތުގެ އަގު ރައްޔަތުންނަށް އުފުއްލުމުގައި އެތަކެއް ދަތިތައް ކުރިމަތިލަމުން އަންނަ މިދަނޑިވަޅުގައި ވެސް ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔަތުން ކުރާ މަސައްކަތުގެ ނާޖާއިޒު ފައިދާ ނަގައި މާލެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމީ ރާއްޖޭގެ އަތޮޅު ތަކުގެ ރައްޔަތުންނާއި މެދު ސަރުކާރުން ސަމާލުކަން ނުދޭކަން ދޭހަކޮށްދޭ ކަމަކަށް ނުވޭތޯއެވެ. ސަރުކާރުގެ މިފަދަ އަމަލުތަކުން ދޭހަކޮށްދެނީ ރަށްފުށުގައި ދިރިއުޅޭ ރައްޔަތުންނަކީ އަގެއް ނެތް ތިމާމެން ބޭނުން ގޮތެއް ހަދަން ތިބި ބަޔެއް ކަމަށެވެ.
ރާއްޖެ ތަރައްޤީ ކުރުމުގެ ނަމުގައި މާލެ ތަރައްޤީ ކުރުމަށް ސަރުކާރުން ޕްލޭން ކުރެވިފައިވާ 5 ވަނަ ޕްރޮޖެކްޓަކީ މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށިގެން ގިރާވަރު ކަނޑު އޮޅިއާއި ހަމަޔަށް ގުޅާލެވޭ މަގެއް ނުވަތަ ބްރިޖް އެއް ބިނާކުރުމެވެ. އެކަން އިޢްލާން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. (ރިޔާސީ ބަޔާން 03 މާރޗް 2011)

އާދެ! އަޅުގަޑު މިދެންނެވީ ވޭތުވެދިޔަ 35 އަހަރު ރާއްޖެ އާއި ރާއްޖެތެރެ ތަރައްގީ ކުރުމުގެ ހަގީގަތެވެ. އަދި މިނުކުތާ ތަކަކީ ރާއްޖޭގެ އަތޮޅުތަކުގެ ރައްޔަތުން ފުންކޮށް ވިސްނަންޖެހޭ މުހިއްމު ނުކުތާތަކެކެވެ. އެހެނީ މިދެންނެވި ހަގީގަތުގެ މައްޗަށް ވިސްނާއިރު ސިޔާސީ ވާދަވެރިން ނުވަތަ ރިޔާސީ ކެންޑިޑޭޓުން މަތިއޮމާންކޮށްފާ ދައްކާ އެއްވެސް ވާހަކަ އަކުން އަތޮޅު ތަކުގެ ރައްޔަތުންނަށް ކުރާނެ މަންފާއެއްނެތެވެ. "ރާއްޖެ ތަރައްޤީކުރުން" މިނަމުގައި ދައްކާ ކޮންމެ ވާހަކަ އަކީ މާލެ ތަރައްޤީކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ދައްކާ ވާހަކަ ތަކެއް ކަމަށް ބެލެވެއެވެ.

އެފަދަ ވާހަކަ ތަކަކުން ރާއްޖޭގެ އަތޮޅު ތަކުގެ ރައްޔަތުންނަށް ނުވަތަ އަތޮޅު ތަކުގެ ރައްޔަތުންގެ މާލީ ތަނަވަސްކަމަށް ކުރިއެރުމެއް ލިބިގެންނުދާނެ ކަން ޔަގީނެވެ. އަޅުގަޑުމެންނަކީ މާ އަބުއި ބަޔަކަށް ހެދިގެން ތިބުމަކުން އަޅުގަޑުމެންގެ އަތޮޅަށް އަޅުގަޑުމެން ނިސްބަތްވާ މުޖަތަމަޢަށް ކުރިއެރުންތައް ލިބިގެނެއް ނުދާނެކަން ޔަގީނެވެ. އެހެންކަމުން އަޅުގަޑުގެ އިލްތިމާސް އަކީ އަޅުގަޑުމެންގެ ލޮބުވެތި ރައްޔަތުންގެ ތަރައްޤީ އާއި ކުރިއެރުމަށް ބޭނުންވާ ކަންތައްތަކެއް ރިޔާސީ ކެންޑިޑޭޓުންނަށް ހުށަހަޅައި އެކަން ޤަބޫލުކުރައްވާ ބޭފުޅެއްގެ ފަހަތުގައި ދެމިތިބުމަށް ޝަރުޠުކުރުމެވެ. އެހެން ނޫނީ އަޅުގަޑުމެންގެ ދިރިއުޅުމުގެ ފެންވަރަކަށް އިތުރު ބަދަލެއް ރިޔާސީ މިދައުރުގައި ވެސް ނައަންނާނެއެވެ.

ދިވެހިރާއްޖޭގެ ބަޖެޓް ހުސްކޮށް އަޅާލާނީ މާލޭގެ ތަރައްޤީ އަށެވެ. މާޟީވެދިޔަ 36 އަހަރު ކަންތައް ހިގާފައިވަނީ މިދެންނެވި އުސޫލުންނެވެ. އަދި އަޅުގަޑުމެން އަތޮޅު ތަކުގެ ރައްޔަތުން އެއާއި ދެކޮޅަށް އަޑު ނުއުފުލާކަމަށް ވާނަމަ މުސްތަޤްބަލްގައި ވެސް އެކަން ދެމިއޮންނާނީ ހަމަ އެގޮތުގައެވެ. އަތޮޅު ތަކުގެ ރައްޔަތުންގެ ތަރައްޤީ ދެމިއޮންނާނީ މަގުބުރިއެއް، ބަނދަރު ފަޅިއެއް، އަދި އަންހެނުންގެ މިސްކިތެއް ނުވަތަ ފިރިހެނުންގެ މިސްކިތެއްގެ މައްޗަށެވެ. ރައްޔަތުންގެ މާލީތަނަކަމުގެ ވާހަކަ އެއް ނައަންނާނެއެވެ.

އާދެ! ރާއްޖޭގެ އަތޮޅު ތަކުގެ ރައްޔަތުންގެ ތެރެއިން އެންމެ ނިކަމެތި ހާލުގައި އުޅޭ ބަޔަކީ އައްޑު އަތޮޅުގެ ލޮބުވެތި ރައްޔަތުންނެވެ. ވަޒީފާގެ ފުރުސަތު ތަކާއި އާމްދަނީ ލިބޭނެ ވަސީލަތްތައް ލިބެން ހުރިކަމުގައި ވިޔަސް ސަރުކާރުން އެކަމަށް މަގުފަހިކޮށްދީފައި ނުވާ ބަޔަކަށްވާތީއެވެ. ބައިނަލް އަގުވާމީ ވައިގެ ބަނދަރަކަށް އައްޑު އަތޮޅުގެ ގަމުގެ ވައިގެ ބަނދަރު ތަރައްޤީކޮށް އޭގެ ވަސީލަތުން އަތޮޅުގެ ރައްޔަތުންގެ މާލީ ތަނަވަސްކަމާއި ރާއްޖޭގެ އިގްތިސާދު ކުރިއެރުމާއި މެދު އަތޮޅުގެ ރައްޔަތުން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމުގައި ސަރުކާރުގެ އެއްބާރުލުން ލިބިފައިނުވާ ބަޔަކަށް ވާތީއެވެ. ވޭތުވެދިޔަ 36 އަހަރު އައްޑު އަތޮޅުގެ ލޮބުވެތި ރައްޔަތުންނަށް ސަރުކާރުން އިހްމާލުވެފައިވާ ބަޔަކަށްވާތީއެވެ. އެހެންކަމުން އައްޑު އަތޮޅުގެ ލޮބުވެތި ރައްޔަތުންނަށް އަޅުގަޑު ގޮވާލާނީ ތިރީގައި މިދަންނަވާ ކަންތައްތަކަށް

1. ގަމުގެ ވައިގެ ބަނދަރު ބައިނަލް އަގުވާމީ ވައިގެ ބަނދަރަކަށް ތަރައްޤީކޮށް ގަމުގެ ވައިގެ ބަނދަރާއި އެފްރިކާގެ ގައުމުތަކާއި ދެމެދު ވައިގެ ދަތުރު ފަތުރު ގާއިމުކޮށްދިނުން.

2. އައްޑު އަތޮޅު ހިތަދޫ " ގައުކެނޑި" ކިޔާ ސަރަހައްދުގައި މަދުވެގެން 5000 ކޮންޓެއިނަރ ބެހެއްޓޭ ވަރުގެ ޓްރާންސިޓް ހާބަރ ނުވަތަ ކޮންޓެއިނަރ ހާބަރެއް ހެދުމަށް މަގުފަހިކޮށްދިނުން

3. މަތިންދާ ބޯޓް އާއި އާގުބޯޓް ފަހަރަށް ތެޔޮ ބަރުކުރެވޭ ފަދަ ބަންކަރިން ފެސިލިޓީޒް އަކަށް މަގު ފަހިކޮށްދިނުން

4. ސަރުކާރުގެ ރަސްމީ ރޭޓުން ދެކުނުގެ އަތޮޅު ތަކަށް ކާޑުގެ ބާވަތްތައް ދޫކުރާ ތަނަކީ އައްޑު އަތޮޅު ކަމުގައި ހަމަޖެއްސުން

މަގުފަހިކޮށްދިނުމަށް އެއްބަސްވާ ބަޔަކަށް މެނުވީ ވޯޓް ނުދިނުމަށެވެ. އަޅުގަޑުމެންގެ މެދުގައި ސިޔާސީ ފިކުރު ތަފާތުވިޔަސް މަންޒިލަކީ އެކައްޗެކެވެ. އަތޮޅުގެ ތަރައްޤީ އާއި ކުރިއެރުމެވެ. އަތޮޅުގެ ރައްޔަތުންގެ މާލީ ތަނަވަސްކަން އިތުރުވެގެން ދިއުމެވެ. މިރޫހުގައި ކުރިއަށް ދާނަމަ ކަނޑައެޅިގެން ވަކިމީހެއްގެ ފަހަތުގައި ތިބުމަކީ މުހިއްމު ކަމެއްނޫނެވެ. އެހެން ކަމުން މިއިން ކޮންމެ ކަމަކީ އަތޮޅުގެ ރައްޔަތުންގެ މާލީ ތަނަވަސްކަން އިތުރުވެ ރާއްޖޭގެ އިގްތިސާދަށް ނުހަނު މަންފާ ކުރާނެ ކަމަކަށް ވާއިރު މިކަމާއި މެދު އަޅުގަޑުމެންގެ މެދުގައި ޚިޔާލު ތަފާތު ވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަޅުގޮވާލަނީ ކަމާއި ބެހޭ ގޮތުން ފުޅާދާއިރާ އެއްގައި ވާހަކަ ދައްކާ ގޮތެއް ނިންމުމަށް ވަށްމޭޒު ޖަލްސާ އެއް އިންތިޒާމް ކުރުމަށެވެ.