ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ސެކިޔުރިޓީ ބެލެހެއްޓުން ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންނާ ހަވާލުކުރާ ގޮތަށް ނިންމައިފިއެވެ.
އައްޑޫ ސިޓީ ކޮމާންޑަރ ސަބްއިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވި ގޮތުގައި ހޮސްޕިޓަލުގެ ސެކިޔުރިޓީއާއި ފުލުހުން ހަވާލުވުން މިހާރު ފައިނަލް ވެފައިވާ ކަމަށާއި އޭގެ ސަބަބުން އެތަނުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
ޖަމްޝީދު ވިދާޅުވި ގޮތުގައި ހޮސްޕިޓަލުގެ ސެކިޔުރިޓީއާއި ފުލުހުން ހަވާލުވާނީ އެކަމަށް ބޭނުންވާ މީހުން ހޯދައިހެން އެމީހުންނަށް އޮރިއެންޓޭޝން ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދިޔުމަށްފަހު ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މީހުން ހޯދުމަށް އިއުލާން ކޮށްފައިވާ ކަމަށް ޖަމްޝީދު ވިދާޅުވިއެވެ.
ހޮސްޕިޓަލުގެ ސެކިޔުރިޓީ ބެލެހެއްޓުން ކޮންސްޓަބްލަރީ ފުލުހުންނާ ހަވާލުކުރުމާއި ބެހޭ ގޮތުން ސުވާލުކުރުމުން ހޮސްޕިޓަލުގެ ޑިރެކްޓަރ ޝާހު ސައީދު ބުނީ އެކަމާއި ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެހެން ނަމަވެސް އެކަން ފައިނަލްވިކަން ނޭނގޭ ކަމަށެވެ.