އައްޑޫގައި 2011 ވަނަ އަހަރު ބޭއްވި ބޭއްވި ސާކް ސަމިޓަށް ވެހިކަލް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އައްޑޫގައި ބޭއްވި ސާކް ސަމިޓަށް 21 ވެހިކަލެއް ކުއްޔަށް ހިފި އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ނެރުނު ސާކް ސަމިޓްގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ވަނީ ގޮތުން ސަމިޓަށް 21 ވެހިކަލެއް ކުއްޔަށް ހިފައި، 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެ ރިޕޯޓްގައި އަދި ބުނީ ކުއްޔަށް ވެހިކަލްތައް ހިފާފައިވާ ރޭޓްތަކަކީ އާއްމުކޮށް ދުވަހު ކުއްޔަށް ނުވަތަ ގަޑިއަށް ކުއްޔަށް ހިފާ ރޭޓްތަކަށްވުރެ ބޮޑު ރޭޓްތަކެއް ކަމަށެވެ.
މީގެ އިތުރުން ދަތުރުތަކުގެ ތަފްސީލް ބަލަހައްޓާފައި ނުވުމާއި ބިލްކޮށް ފައިސާ ނަގާފައި ވަނީ ސާކް ސަމިޓުގެ ބޭނުންތަކަށް އެ އުޅަނދުތައް ބޭނުންކޮށްފައިވާ ގަޑިތަކަށްކަން ޔަގީންކުރެވިފައި ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
މި މައްސަލަ އޭސީސީން ތަހުގީގުކޮށް މިއަދު އާންމު ކުރި ރިޕޯޓްގައި ބުނެފައި ވަނީ ކުއްޔަށް ވެހިކަލްތައް ހިފާފައި ވަނީ އިއުލާންކޮށް ބިޑްކޮށްގެން ކަމަށެވެ.
އަދި އުޅަނދުތައް ކުއްޔަށް ނަގާފައިވާ ރޭޓްތަކަކީ އާންމުކޮށް އުޅަނދުތައް ކުއްޔަށް ހިފާ ރޭޓްތަކަށް ވުރެ ބޮޑު ރޭޓްތަކެއް ކަމަށް އޮޑިޓް ރިޕޯޓްގައިވީ ނަމަވެސް އުޅަނދުތައް ކުއްޔަށް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ވަކި ރޭޓެއް ހަމަޖައްސާފައި ނެތް ކަމަށެވެ.
އޭސީސީން އަދި ބުނީ ސާކް ސަމިޓް ދުވަސްވަރު ހިދުމަތް ދިން ފަރާތްތަކުންނާއި ތަކެތި ކުއްޔަށް ދިން ފަރާތްތަކުން އެ ދުވަސްވަރުގެ ޑިމާންޑަށް ބަލައި ހިދުމަތާއި ތަކެތީގެ އަގު ބޮޑުކޮށްފައިވާކަން ތަހުގީގަށް އެނގޭ ކަމަށެވެ.
އަދި ކުއްޔަށް ހިފި ވެހިކަލްތަކަށް ފައިސާ ދޫކޮށްފައި ވަނީ ސާކް ސަމިޓް ނިމުނު ފަހުން ކަމަށާއި ވެހިކަލްތައް ކުއްޔަށް ހިފާފަ އިވަނީ އެގްރިމެންޓްކޮށް ވަކި މުއްދަތަކަށް ކަމަށްވާތީ ކުއްޔަށް ހިފި ވެހިކަލްތަކަށް ފައިސާ ދީފައި ވަނީ އެގްރިމެންޓް ކުރި މުއްދަތްތަކަށް ކަމަށް ވެސް އޭސީސީގެ ރިޕޯޓްގައިވެ އެވެ.