ޓެރަރިސަމްގެ ދައުވާގައި ޖަލަށް ލެވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ނިކުމެވަޑައިގެން އިނގިރޭސިވިލާތުގައި ސިޔާސީ ހިމާޔަތް ހޯއްދަވައި އަހަރު ދުވަސް ގައުމުން ބޭރުގައި ހޭދަކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވުމަށް ގަސްދުކުރައްވައިފިއެވެ.
ފްރާންސުގެ އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައިވަނީ އެނބުރި ގައުމަށް ވަޑައިގަތުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
"އެނބުރި ގައުމަށް ދިއުން ރައްކާތެރިއެއް ނޫން. އަމާންކަމާއެކު އެނބުރި ދެވޭނެ ދުވަހެއް އަންނާނެ ކަމަށް ނުދެކެން. ނަމަވެސް މިއަދު އެއީ ކުރަން ޖެހިފައި އޮތް ކަމެއް." ނަޝީދު ބުނެފައިވެއެވެ.
އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަށް ގައުމަށް އެނބުރި ދިއުމަކީ މުހިއްމު ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. މިހާރު އޮތް ރައީސް ޔާމީނުގެ ވެރިކަން ބަދަލު ކުރުމަކީ އަމާޒެއް ނޫން ކަމަށާއި ޑިމޮކްރެޓިކް އުސޫލުން 2018 ވަނަ އަހަރުގެ އިންތިޚާބު ކުރިއަށް ގެންދިއުމަކީ އެންމެ އިސްކަން ދޭން ޖެހޭ ކަން ކަމަށް ގަބޫލު ކުރައްވާ ކަމަށް ނަޝީދު ވަނީ އިތުރު ކޮށްފައެވެ.
މީގެ އިތުރުން އެމެރިކާގެ ރައީސް ކަމަށް ހުވާކުރެއްވި ޑޮނަލްޑް ޓްރަމްޕުގެ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅު ފިކުރާއި ބެހޭގޮތުން ސުވާލުކުރުމުން ނަޝީދު ވިދާޅުވެފައިވަނީ އެއީ ބައެއް ސިޔާސީ ބޭފުޅުންގެ އާންމު ފިކުރެއް ކަމަށެވެ. ނަމަވެސް ގައުމެއް ހިންގުމާއި ހަވާލުވެގެން އެއީ ކިހާވަރެއްގެ މުހިއްމު ކަމެއް ކަމާއި އަޅާނުލައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަން އިހުސާސު ވާނެ ކަމަށް ބުނެފައިވެއެވެ.
ރައީސް ނަޝީދު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯދުމަށްފަހު ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައިވެސް ވަރަށް އަވަހަށް ގައުމަށް އެނބުރި ވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.
އޭގެ ފަހުން އެމެރިކާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެއްގައި އަނެއްކާވެސް އެވާހަކަ ތަކުރާރުކުރައްވާފައި ވާއިރު ސަރުކާރުން ވަނީ ރައީސް ނަޝީދު ގައުމަށް އެނބުރި ވަޑައިގެން އެމަނިކުފާނަށް ކުރެވުނު ހުކުމް ތަންފީޒު ކުރުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.