Last Updated: November 23, 21:59
Saturday, November 23, 2024
ރިޕޯޓް

ސަރުކާރުން އިއާދަކުރެނިވި ހަކަތައާ ދެކޮޅީ ކީއްވެ؟

ދުނިޔޭގެ މުސްތަގުބަލަކަށް އިއާދަކުރެނިވި ހަކަތަވެ، މުޅި ދުނިޔެ އެހަކަތަ ބޭނުން ކުރުމަށް ނަސޭހަތްތެރިވަމުން އަންނަ އިރު ދިވެހި ސަރުކާރުން އިއާދަކުރެނިވި ހަކަތައާއި މާ ދުރުވެގެން އުޅެނީ ކީއްވެތޯ އެއީ ދިވެހި ރައްޔިތުންގެ ހިތުގައި އުފެދެމުން އަންނަ ސުވާލެކެވެ.

އިއާދަކުރެނިވި ހަކަތައާއި ދިމާލަށް މިސްރާބު ޖަހަމުން އަންނަ ބޮޑެތި ގައުމުތަކަށް ނަޒަރު ހިންގާލަމާތޯއެވެ.

1. ސްވިޑެން
ސްވިޑެންއަކީ ފޮސިލް ފިއުލް އެއްވެސް ވަރަކަށް ބޭނުންނުކުރާ އެންމެ ފުރަތަމަ ގައުމުގެ ޝަރަފު ހޯދުމަށް މަސައްކަތް ކުރާ ގައުމެވެ. އެމީހުންގެ އެއް ނަމްބަރު އަމާޒަށް މުޅި ގައުމު ތިމާވެއްޓާއި ރައްޓިހި ކުރުން އަމާޒަށް ހަދައި އެހެން ގައުމުތަކަށް އެމީހުންގެ މިރޭހުގައި ބައިވެރިވުމަށް ޗެލެންޖު ކޮށްފައިވެއެވެ. މިއީ ކާމިޔާބުކުރެވިއްޖެނަމަ އެންމެން މޮޅުވާނެ ރޭހެކެވެ.

2. ކޮސްޓަރިކާ
ކުޑަ ނަމަވެސް ކޮސްޓަރިކާ އަކީ ކާބަން ނިއުޓްރަލް ލިސްޓުގައި ބާރުގަދަ ގައުމެކެވެ. 2021 ވަނަ އަހަރާއި ހަމައަށް މުޅި ގައުމު ކާބަން ނިއުޓްރަލް ކުރުމަށް އަޒުމް ކަނޑައަޅައިގެން އެމީހުންވަނީ މުޅިންވެސް އިއާދަކުރެނިވި ހަކަތައާއި ދިމާލަށް މިސްރާބު ޖަހާފައެވެ. 2015 ވަނަ އަހަރު އެގައުމުގެ %99 ހަކަތަ އިއާދަކޮށްފައިވަނީ އިއާދަކުރެނިވި ހަކަތައިންނެވެ. ދިވެހިން ނަމޫނާއަކަށް ބަލާނަމަ ކޮސްޓަރިކާ އަކީ ރަނގަޅު ނަމޫނާއެކެވެ.

3. ނިކަރާގުއާ
ނިކަރާގުއާ އަކީ 2015 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް އެގައުމުގެ މުޅި ކަރަންޓުގެ %54 އިއާދަކުރެނިވި ހަކަތައަށް ބަދަލުކޮށްފައިވާ ގައުމެކެވެ. އެގައުމުން މިފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ބޮޑެތި ހޭދަތަކެއް ކޮށް، ބުރަ މަސައްކަތުންނެވެ. ނިކަރާގުއާ އަކީ ދުނިޔޭގެ ފަސްވަނައަށް އިއާދަކުރެނިވި ހަކަތައަށް ހޭދަކުރާ ގައުމެވެ. 2020 ވަނަ އަހަރާއި ހަމައަށް %90 އިއާދަކުރެނިވި ހަކަތަ އުފެއްދުމަކީ އެމީހުންގެ އަޒުމެވެ.

4. ސްކޮޓްލެންޑް
ސްކޮޓްލެންޑަކީ ހަމައެކަނި ވައި ބޭނުންކޮށްގެން ގައުމުގެ މުޅި އާބާދީގެ ގެތަކުގައި ބޭނުން ކުރާ %97 ކަރަންޓު އުފައްދާފައިވާ ގައުމެކެވެ.

5. ޗައިނާ
ދުނިޔޭގެ އެންމެ ބޮޑު އަދަދަކަށް ކާބަން ބޭރު ކުރާ ގައުމު، ޗައިނާވެސް ވަނީ ދުނިޔެ ސަލާމަތްކުރުމަށް ފޫގަޅާފައެވެ. ޗައިނާއަކީ ވައިން ކަރަންޓު އުފައްދާ ގައުމުތަކުގެ ލިސްޓުގެ އެއްވަނަ ގައުމެވެ. 2014 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާ ވަނީ 114،609 މެގަ ވަޓް ކަރަންޓު ވައިގެ ނިޒާމު ބޭނުންކޮށްގެން އުފައްދާފައެވެ. އަދި ޗައިނާއަކީ ސޯލާ ޕީވީ ކެޕޭސިޓީއިން ވެސް ވަރަށް ބޮޑު ހަކަތައެއް އުފައްދާ ގައުމެކެވެ.

6. ޖަރުމަނުވިލާތް
ޖަރުމަނުވިލާތަކީ އިއާދަކުރެނިވި ހަކަތަ ބޭނުންކުރުމަށް ބާރުއެޅުމަށް އެންމެ ފުރަތަމަ ގޮވާލި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. ސޯލާ ޕީވީ ކެޕޭސިޓީއިން ދުނިޔޭގެ އެންމެ ބޮޑު ހަކަތައެއް އުފައްދަނީވެސް %78 އެކު ޖަރުމަނެވެ. 80 މިލިއަން މީހުނަށްވުރެ ގިނަ މީހުން ދިރިއުޅޭ މިފަދަ ބޮޑު ގައުމެއްގައި ސޯލާ ޕެނެލް ބޭނުންކޮށްގެން %78 ކަރަންޓު އުފެއްދޭނަމަ ރާއްޖެ ފަދަ ކުޑަކުޑަ ގައުމަކަށް ހިތްވަރެއް ލައިފިނަމަ މިއީ ނުކުރެވޭނެ ކަމެއް ނޫންކަން ކަށަވަރެވެ.

7. އުރުގުއޭ
އުރުގުއޭ އަކީވެސް އިއާދަކުރެނިވި ހަކަތައާއި ވަރަށް ރަށްޓެހި ގައުމެކެވެ. ދިހަ ވަރަކަށް އަހަރުގެ ބުރަ މަސައްކަތުން މިއަދު އެގައުމަކީ %95 ކަރަންޓު އިއާދަކުރެނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ގައުމެކެވެ.

މިހުރިހާ ގައުމެއްވެސް އިއާދަކުރެނިވި ހަކަތައަށް ބަދަލުކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވުމުގެ އަލިމަގު ފެނިފައިވަނީ އެގައުމެއް ހިންގުމަށް ތިބި ވެރިން އެކަމަށް އެކަށީގެންވާ އަހައްމިޔަތުކަމެއް ދީ ހާސިލުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްގެންނެވެ.

ދިވެހި ސަރުކާރުން ދިވެހި ރާއްޖޭގައި މިކަން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ކުރަން ފެށުމުން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ބަދަލުގައި ފެނިގެންދާ މަންޒަރަކީ އެކަން ކުރެވުނަ ނުދޭން މަސައްކަތްކުރާ ތަނެވެ. އެތައް މިލިއަން ރައްޔިތުނެއް ދިރިއުޅޭ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކާމިޔާބުކަމާއެކު އިޔާދަކުރެނިވި ހަކަތަ ބޭނުން ކުރަމުންދާއިރު ދިވެހި ރާއްޖޭގައި ނުކުރެވޭ ކަމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތެވެ. ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުމާއި ރައްޔިތުންގެ ހިތްވަރެވެ.