ހަނގުރާމަވެރި ހަތިޔާރު އެތެރެކުރިކަމަށް ބުނާ މައްސަލައެއްގައި ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނިންމައިފިއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ވޯކިން ގްރޫޕަށް ހުށަހެޅި މައްސަލަ ނިންމުމަށް ފަހު ނެރުނު ރިޕޯޓްގައި ވަނީ، ކާނަލް ނާޒިމް ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.
ވޯކިން ގްރޫޕްގެ ރިޕޯޓްގައި ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގައި، ނާޒިމްގެ ދިފާއީ ވަކީލުންނަށް ދައުވާއަށް ޖަވާބު ދާރީވުމަށް ދިން ފަސް ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ބުނެފައެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓާއި ހައި ކޯޓަށް ނާޒިމްގެ ފަރާތުން ހުށަހެޅި ގިނަ ދިފާއީ ހެކިންގެ ހެކިބަސް ނަގާފައި ނުވާ މައްސަލަ ވެސް އދ. ގެ ވޯކިން ގްރޫޕުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް މީހުން ހައްޔަރުކުރުމުގެ މައްސަލަތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހިލާފަށް މީހުން ހައްޔަރުކޮށްގެން ގެންގުޅުމުގެ މައްސަލަތައް ތަޙްޤީޤު ކުރާ އދ.ގެ ކަމާބެހޭ އިދާރާ ނުވަތަ ގްރޫޕެވެ.
ވޯކިން ގްރޫޕުން އަންގާ އެންގުމަކަށް ނޫނީ ކުރާ ރެކޮމެންޑޭޝަނަކަށް ގައުމުތަކުން ދެކޮޅު ހެދިނަމަވެސް އެގައުމަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅެއް އެޅުމަކީ ނޫނީ ފިއްތުންތަކެއް ކުރިމަތި ކުރުމަކީ ކުރެވޭނެ ކަމެއްނޫނެވެ.