ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. ޝެއިޚް އިމްރާން އަބްދުﷲގެ މައްސަލަ އާއި ކާނަލް ނާޒިމްގެ މައްސަލައިގައި ކަންތައް ދިޔަ ގޮތުން ސަރުކާރަށް ބޭރުގެ ޕްރެޝަރ އިތުރުވިއެވެ.
އެ ދަނޑިވަޅުގައި ކުރިމަތިވި ފާޑުކިޔުންތަކަށް ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުން ރައްދު ދެއްވަމުން ގެންދެވީ ޖޯޝާއި ފޯރީގައެވެ. އޭގެ ތެރެއިން އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ.
އަދީބުވެސް ބޭއިންސާފާއި އަނިޔާވެރިކަން ދިފާޢުކުރެއްވި
ޝަރުޢީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްކެވުމަކީ، އަދީބު ދެކެވަޑައިގެންނެވި ގޮތުގައި އެދާއިރާއަށް ނުފޫޒު ފޯރުވުމެވެ. އެހެންވެ އެބޭފުޅާ އޭރު ކުރެއްވި މަސައްކަތުގެ ތެރޭގައި ފަނޑިޔާރުންގެ ނަޒާހަތްތެރިކަން އިތުރުކުރެއްވުން ހިމެނެއެވެ.
ރައީސް ނަޝީދުގެ މައްސަލަ އާއި ބެހޭގޮތުން އޭރު އަދީބް ވިދާޅުވެފައިވާ ގޮތުގައި، ރައީސް ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައި ވަނީ އަދުލް އިންސާފުގެ ބޭރުން ކަމަށް ބައިނަލްއަގްވާމީ ވަކީލުންނަށް ބުނެވޭނެ ޖާގައެއް ނެތެވެ. އަދި ނަޝީދަކީ ގާޒީއަކު ހައްޔަރުކޮށް އެކަހެރިކުރިކަމަށް އަމިއްލަފުޅަށް އިއުތިރާފްވެފައިވާ ބޭފުޅެއްގެ ގޮތުގައި އަދީބު ވަނީ ސިފަކުރައްވާފައެވެ.
އޭރު އަދީބު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް އަދަބު ލިބެނީ ހައްޤުން ނޫންކަމަށް ބުނެ ވާހަކަ ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.
“ރައީސް ނަޝީދުގެ ވަކީލުން މަސައްކަތް ކުރަނީ ހޮލީވުޑްގެ ފިލްމްތަކުގައި އޮޅުވާލާފަދައިން ރައީސް ނަޝީދުގެ ޝަރީޢަތް ވެސް އޮޅުވާލަން. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން" ދުނިޔޭގެ އެންމެ މަޝްހޫރު އެއް ނޫސް ކަމަށްވާ "ވޯލް ސްޓްރީޓް ޖާނަލް" އަށް ފޮނުވާފައިވާ ސިޓީއެއްގައި އަދީބު ވިދާޅުވެފައިވެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ، ކާނަލް ނާޒިމްގެ "ފްރޭމް' ކުރުމުގައި އެންމެ އަޑީގައި ހުންނެވި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރީ އެއްފަރާތަކީ، ކުރީގެ ނައިބް ރައީސް އަދީބުއެވެ.
އެހެން ނަމަވެސް އެ ވާހަކަތައް ދޮގުކުރައްވައި އަދީބު ވިދާޅުވެފައި ވަނީ، ނާޒިމްގެ ވަކީލުން ޒާތީ ވެގެން ޝަރީއަތް ސިޔާސީކޮށް ވަކި ދިމާލަކަށް ގެންދަން އުޅުއްވަނީ ކަމަށާއި އެންމެ ފަހުން އެކަމުގައި އެބޭފުޅާ ވެސް ޝާމިލް ކުރަމުން ގެންދާ ކަމަށެވެ. އަދީބު ސިފަކުރެއްވި ގޮތުގައި، ނާޒިމްގެ ވަކީލުން މަސައްކަތް ކުރެއްވީ އަދީބު ފްރޭމް ކުރެއްވުމަށެވެ.
އަދީބު މިގޮތަށް ވިދާޅުވެފައިވި ނަމަވެސް ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ބުނާ ހަތިޔާރުން އަދީބުގެ ޑީއެންއޭ ފެނުނު ކަމަށް ފުލުހުން ވަނީ މީޑިޔާގައި އެއްބަސްވެފައެވެ. އެ ހަތިޔާރުގައި ނާޒިމް އާއި ގުޅުމެއް ހުރި ކަމެއް ޝަރީޢަތަށް ވެސް ސާބިތުވެފައެއް ނުވެއެވެ.
ބޭއިންސާފު އަރާ ހަމަކުރުން، އަދީބުގެ ރާގު ބަދަލުވި
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތަށް އަދީބު ހައްޔަރު ކުރުމާއި އެކު އެބޭފުޅާގެ ރާގު ބަދަލުވެގެން ދިޔައެވެ. ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް ގޯސްވެ، ޓެރަރިޒަމްގެ ޤާނޫނުގެ ގޯސްކަމުގެ ވާހަކަ ވެސް ދައްކަވަން ފެއްޓެވިއެވެ. ބޭއިންސާފު ތަޙައްމަލް ކުރައްވަން ޖެހިވަޑައިގަތުމުން އަދީބަށް ވެސް ސަރުކާރުގެ ސިޔާސަތުތައް ގޯސްވީއެވެ.
ދޫނިދޫގައި ބަންދުކޮށްފައި ހުރި ދުވަސްވަރު އިންޑިޔާގެ "ދަ ނިއު އިންޑިއަން އެކްސްޕްރެސް' އަށް އަދީބު ފޮނުއްވި ލިޔުމެއްގައި ވަނީ ޝަރުއީ ނިޒާމް އޮތް ގޮތުން އިންސާފު ނުލިބޭނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ބިރުވެތި ވަނީ ހަމައެކަނި އަމިއްލަ ނަފްސަށް ވެދާނެ ގޮތަކަށް އެކަނި ނޫން ކަމަށެވެ.
ގައުމުގެ މުސްތަގުބަލާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ވާދަވެރިން ހަލާކުކޮށްލުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް އަދީބު ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅު ހަމަޖެއްސެވުމަށް، ޖަލުގައި ބޭއްވުމަށް ފަހު ސިޔާސީ ހުރިހާ ކުށްވެރިން ދޫކޮށްލުމަށް އަދީބު ގޮވާލެއްވިކަން ފާހަގަކޮށްލެވެއެވެ.
އަދުލުއިންސާފު ގާއިމްކުރުމުގެ ބާރަކީ މުޅިން މިނިވަން، އަދި މުސްތަގިއްލު ބާރަކަށް ވާންޖެހޭ އިރު، ސިޔާސީ ބޭނުންތަކަށްޓަކައި ދިވެހި ރާއްޖޭގެ ފަނޑިޔާރުގެތައް ބޭނުން ނުކުރުމަށާއި ދިވެހި ރާއްޖޭގެ ފަނޑިޔާރުންނަށް ނުފޫޒު ނުފޯރުވުމަށް ވެސް ޖަލުގައި ހުންނަވައިގެން އަދީބުގެ ފަރާތުން އޭނާގެ ވަކީލު ނެރުނު ބަޔާނެއްގައި ގޮވާލަފައިވެއެެވެ.
ސަރުކާރުގެ ވެރިން ޢިބްރަތް ޙާސިލްކުރައްވަން ޖެހޭ
އަދީބަކީ، އެއްދުވަސް ވަރެއްގައި ސަރުކާރުގައި ހުރި އެންމެ ވަރުގަދަ ވަޒީރެވެ. ރައީސް އަބްދުﷲ ޔާމީން އެންމެ "ލޯބިވާ ނައިބު ރައީސް"ގެ ލަޤަބު ޙާސިލްކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ، ޒުވާނުންގެ 'ބައްޕަ'ގެ ގޮތުގައި އެއްބަޔަކު ސިފަކުރިއެވެ. އެހެން ނަމަވެސް އެއީ މާޒީއެވެ.
ބޭއިންސާފުގެ ލަވަޔަށް ނައްޓަވަނިކޮށް އެމަނިކުފާނާއި ބޭއިންސާފު އަރައި ހަމަކުރީއެވެ. އަދީބުގެ މައްޗަށް ހިންގި ޝަރީޢަތުގައި އިންސާފުގެ ކަންފުޅެއް ނެތްކަމަށް އެމަނިކުފާނުގެ ފަރާތުން ވިދާޅުވާއިރު، ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި އަދީބުގެ އެކުވެރި ވަޒީރުން ކަހާތަން ހިރުވާވެސް ނުލައި ތިއްބަވަނީއެވެ.
އަދީބުގެ މައްޗަށް ހިންގި ޝަރީޢަތުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަނީ ވެސް، ސިޔާސީ ގޮތުން އަދީބުގެ އާރާއި ބާރު ހުރި ދުވަހު ހިތުހުރި ގޮތެއް ހަދާލި، ޝެއިޚް އިމްރާން އަބްދުﷲ އާއި ކާނަލް ނާޒިމް މެން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން(އެމްޔޫއޯ) އިންނެވެ.
އެހެން ކަމުން މިއަދު، އދ. ގެ ވޯކިން ގްރޫޕްގެ ނިންމުމާއި ބެހޭގޮތުން ވާހަކަ ދައްކަވާ ބޭފުޅުން މިކަމާއި ވިސްނާވަޑައިގަންނަވަން ޖެހެއެވެ. ބޮޑެތި ނުފޫޒުތަކާ އެކު މަތީ މަގާމުތަކުގައި މޭ ފުއްޕާފައި އުޅުނު އެތައް ބަޔަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިޒާމުން ވެސް ގެއްލިއްޖެއެވެ.
ބޭއިންސާފު އާންމުވެއްޖެ އެއްވެސް ތަނެއްގައި އެއްވެސް ރައްޔިތަކަށް ރައްކަލެއް ނޯންނާނެއެވެ. ބޭއިންސާފާއި އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ޖެހޭ ސަބަބަކީ އެއީއެވެ.