އައްޑު އާއި ޗައިނާގެ ގުއަންޑޮންގް ޕްރޮވިންސްގެ ހުއިޒޯ ސިޓީއާ ދެމެދު ސިސްޓަ ސިޓީ ރިލޭޝަންޝިޕް ޤާއިމް ކުރުމާ ގުޅޭ ގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަންފުކާއި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ބައްދަލު ކުރައްވާފައިވާ އިރު، ދެ ފަރާތުން ވަރަށް އަވަހަށް އެމްއޯޔޫއެއްގައި ސޮއި ކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ބުނީ އެމްއޯޔޫގައި ސޮއި ކުރަން ކައުންސިލުން ފާސްވިހާ އަވަހަކަށް އެމްއޯޔޫގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ
އެވެ.
އައްޑޫ ސިޓީ އާއި ޗައިނާގެ ގުއަންޑޮންގް ޕްރޮވިންސްގެ ހުއިޒޯ ސިޓީއާ ދެމެދު ޤާއިމް ކުރެވޭ ސިސްޓަ ރިލޭޝަންޝިޕްގެ ދަށުން ވިޔާފާރީގެ މުޢާމަލާތްތަކާއި ޓޫރިޒަމް އަދި ތިމާވެށީގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށްޓަކައި އެއްބާރުލުމާއި އެހީތެރިކަމުގެ ގުޅުން ދެ ސިޓީގެ ދެމެދު އުފެދިގެން ދާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މޭޔަރާ އެކު މާލޭގައިި ހުންނަ ޗައިނާ އެމްބަސީގައި ބޭއްވި މިބައްދަލުވުމުގައި ޗައިނާގެ ސަފީރު ވަނީ ހުއިޒޯ ސިޓީ އާއި އައްޑޫ ސިޓީއާ ދެމެދު ގުޅުން އިތުރުކުރަން ޝައުގުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި އެ ގުޅުމުގެ ސަބަބުން ދެ ފަރާތަށް ވެސް ފައިދާ ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ހުއިޒޯ ސިޓީ އާއި އަޅާ ބަލާ އިރު އައްޑޫ ސިޓީއަކީ އާބާދީގެ ގޮތުން އަދި ބިމުގެ ގޮތުން ވެސް ކުޑަ ސިޓީއެއް ކަމަށާއި ނަމަވެސް މި ދެ ސިޓީ ދެމެދު ފައިދާ ކުރުވަނި ގުޅުމެއް ބޭއްވިދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި މޭޔަރު ވަނީ ވިދާޅުވެފަ އެވެ.
އަދި ވަކިން ޚާއްސަކޮށް އައްޑޫ އެއަޕޯޓަށް ގެނެވުނު ތަރައްޤީއާއެކު ޗައިނާ އާއި އައްޑުއާ ދެމެދު ގުޅުން ބޭއްވުމަށް އިތުރަށް ފަސޭހަ ވެފައިވާ ކަމަށް ވިދާޅުވިއެވެ.