އައްޑޫގައި މަސައްކަތް ކުރާ ފުލުހުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ޓްރެފިކް އެންހޭންސްމަންޓް ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓިފިކެޓް ދީފި އެވެ.
ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައި ދެއްވީ ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު އިންސްޕެކްޓަ އޮފް ޕޮލިސް ޢަލީ ޝަރީފެވެ.
އެ ރަސްމިއްޔާތުގައި ޝަރީފް ވަނީ އައްޑުއަކީ އެކްސިޑެންޓްތައް ހިނގާ ނިސްބަތް އިތުރު ސަރަޙައްދެއްކަން ފާހަގަ ކުރައްވައި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނަށް ޕްރޮގްރާމުގެ ތެރެއިން ލިބުނު މަޢުލޫމާތުތަކުގެ ބޭނުން ހިފައިގެން ޓްރެފިކްގެ ހާލަތު ރަނގަޅު ކުރުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގެންފަ އެވެ.
ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކުރިޔަށް ގެންދިޔަ ޕްރޮގްރާމުގައި އައްޑޫގައި މަސައްކަތްކުރާ 12 ފުލުހަކު ބައިވެރިވި އެވެ.
މި މަހުގެ 22-24 އަށް އައްޑޫ ގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާޢިދުތަކާއި ޓްރެފިކް ވައިލޭޝަން ސިސްޓަމު އަދި ފަސްޓް ރެންޕޮންޑަސް ޑިއުޓީތަކާއި އެކްސިޑެންޓް މައްސަލަތައް ތަހުޤީޤު ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ޓްރެފިކް ބެލެހެއްޓުމަށް މަގުމަތީގައި ހަރަކާތްތެރިވާ އިރު ޢަމަލު ކުރަންވީ ގޮތްތަކާއި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދީފައިވެ އެވެ.
މި ޕްރޮގްރާމުގައި ކިޔަވައި ދީފައި ވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފުލުހުންނެވެ.
ޓްރެފިކް އެންހޭންސްމަންޓް ޕްރޮގްރާމަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ޑިޒައިންކޮށް ފުލުހުންނަށް އަމާޒުކޮށްގެން ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.