އަލަށް އިންތިޚާބު ކުރެވުނު ރައީސްގެ ސިޔާސަތު ތަކާއި ދެކޮޅަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ފާޑުކިޔައި ހަދާތަން އަޅުގަނޑަށް ވެސް ސޯޝަލް މީޑިޔާއިން ފެނެއެވެ. ވަކިން ޚާއްސަގޮތެއްގައި މުސްލިމުންނަށް އިހާނެތި ގޮތްތަކެއް ހެދުމުގެ ސިޔާސަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅޭތީ އެކަމަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރެއެވެ.
މީގެ އިތުރުން ހުޅަނގުގެ ޤައުމުތަކުގައި މުސްލިމުންނާއި ދެކޮޅަށް، ވަކިން ޚާއްސަ ގޮތެއްގައި މުސްލިމް އުޚްތުންނަށް އިހާނެތިކޮށް ހިތައިފި ނަމަ އެވާހަކަ އެންމެ ބޮޑަށް ކުށްވެރި ކުރާ މީހުންގެ ތެރޭގައި ދިވެހިން ހިމެނެއެވެ. އެއީ ދިވެއްސަކަށް ވީތީ އަޅުގަނޑު ފަޚުރުވެރިވާ ކަމެއް ވެސް މެއެވެ.
އެހެން ނަމަވެސް މިއަދު ދިވެހިރާއްޖޭގައި ތިބި މޫނު ބުރުގާ އަޅާ އުޚްތުންގެ ހައްޤުތައް ގެއްލޭ ފަދަ ގޮތަކަށް ޢަމަލުކުރެވެމުންދާއިރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ގިނަ ދިވެހިން އެކަމަށް ދެނީ ބީރު ކަންފަތެކެވެ. އެއްބަޔަކަށް މިއީ ޖޯކެއް ފަދަ ކަމެކެވެ. މޫނު ބުރުގާ އަކީ ހައްދުފަހަނަޅައި ދިއުމެވެ. މޫނު ބުރުގާ އަޅާ މީހުންނަކީ، "ނިންޖާ" އިންނެވެ
.
އިސްލާމިކް މިނިސްޓްރީ އަދި ދައުލަތުގެ މުއައްސަސާތަކަށް މިއީ އެއްވެސް ކަމެއް ނޫނެވެ. މުއައްސަސާތަކުގެ ވެރިން އޮފީހުގައި ދައްކަވާ ވާހަކަ އިން ދޭހަވާ ގޮތުގައި މައްސަލަ އަކީ މޫނު ބުރުގާ އެޅުމެވެ.
މޫނު ބުރުގާ އެޅުމަކީ، އިސްލާމް ދީނުގައި ވާޖިބު ކުރައްވާފައިވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް މޫނު ބުރުގާ ހިމެނިގެން ވަނީ، އިސްލާމް ދީނުގެ ޝިއާރެއްގެ ގޮތުގައެވެ. އެ ޝިއާރު ފާޅުކުރުން ވަޟުޢީ ޤާނޫނަކުން ހުއްޓުވުމަށް މުޖްތަމަޢްގެ މަސްލަހަތޭ ކިޔައި ވާހަކަ ދެއްކުމަކީ، އެ ވާހަކަ ދައްކާ ފަރާތްތަކުގެ ލާދީނީ ކަމެވެ.
އަންހެނާގެ އައުރަ އަކީ، މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެއް ކަމަށާއި އެހެން ކަމުން މޫނު ބުރުގާ އެޅުމަކީ ވާޖިބެއް ނޫން ކަމަށް ބުނެ ވާހަކަ ދައްކަވާ ފަރާތްތަކުން މިވާހަކަ ނުދައްކަވަނީ ކީއްވެ ހެއްޔެވެ؟ އައުރަ ނިވާނުކޮށް ސްކޫލްތަކަށް ކިޔަވައި ދިނުމަށް ދާ ފަރާތްތައް ނުފެންނަނީ ހެއްޔެވެ؟ އޭގެ ސަބަބުން ސްކޫލްގައި ކިޔަވައި ދެއްވާ ކުދިންނަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ނުކުރަނީ ހެއްޔެވެ؟
ދަރިވަރުންނަށް އަސަރު ކުރަނީ، ހަމައެކަނި މޫނު ބުރުގާ އަޅާ މުދައްރިސުންގެ ފަރާތުން ހެއްޔެވެ؟ އައުރަ ފާޅުވާ ގޮތަށް ހެދުން އަޅައިގެން ދާ މުދައްރިސުންގެ ސަބަބުން ދަރިވަރުންނަށް ކުރާނެ އަސަރެއް ހަމަ ނެތީ ހެއްޔެވެ؟ ރާއްޖޭގެ ޕްރައިވެޓް ސްކޫލް ތަކުގައި، މަސައްކަތް ކުރާ މޫނު ބުރުގާ އަޅައިގެން ތިބޭ އުޚްތުންގެ ސަބަބުން ދަރިވަރުންނަށް ގެއްލުން ނުވަނީ ހެއްޔެވެ؟
މޫނު ބުރުގާ އެޅުމާއި ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން ވިދާޅުވެ ދެއްވާށެވެ. އިންސާނީ ޙައްޤު ލިބިގެން ވަނީ ހަމައެކަނި ނިވާކަން ކުޑަ ހެދުން ލައިގެން އުޅޭ މީހުންނަށް ހެއްޔެވެ؟ އައުރަ ނިވާކުރުމަކީ މި ޤައުމުގެ އުޚްތުންނަށް ލިބިގެންވާ އިންސާނީ ޙައްޤެއް ނޫން ހެއްޔެވެ؟ އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމުގެ ޙައްޤެއް ނެތީ ހެއްޔެވެ؟
ތިބޭފުޅުންގެ ޙުއްޖަތަކީ، މޫނު ބުރުގާ އަޅައިގެން އަންހެނުންގެ ބަދަލުގައި ފިރިހެނުން ވަޒީފާއަށް ހިނގައިދާނެ ވާހަކަ އެވެ. ދަންނަވަންތޯއެވެ. މޫނު ބުރުގާ އަޅައިގެންދާ މީހަކީ ކާކުކަން ބެލޭނެ އިންތިޒާމު އެއާޕޯޓްތަކުގައި ހަމަޖައްސާފައިވާ ފަދައިން، އެހެން ތަންތަނުގައި ވެސް ހަމަޖައްސައި ދެއްވާށެވެ. އަޅުގަނޑުމެން އެކަން ވެސް ޤަބޫލުކުރާނަމެވެ.
މިއަދު މަލާމާތުގެ ބަސް އަޅުގަނޑު ފަދައިން މޫނު ބުރުގާ އަޅާ އުޚްތުންނަށް ރައްދު ކުރިޔަސް އަދި ކިތަންމެ ފިއްތުންތަކަކާއި ޖެއްސުމެއް ކުރިޔަސް އަޅުގަނޑުމެންގެ ހިތްތަކުގައި އެއްވެސް ފަރާތަކާއި މެދު ހިތްބުރަ ކަމެއް ނެތެވެ. ވަޒީފާއިން ވަކި ކުރި ކަމުގައި ވިޔަސް، އަދި އެހެން ގޮތްތަކަކުން ފިއްތުން ކުރިމަތި ކުރުވި ނަމަވެސް އެއީ އިލާހީ ރަޙްމަތުން މަޙްރޫމް ކުރެވުން ނޫންކަން އަޅުގަނޑުމެން ޔަޤީން ކުރަމެވެ.
މޫނު ބުުރުގާ އެޅުމަށް ހުރަސް އެޅުމަކީ، ވަރަށް ބޮޑު އަނިޔާވެރި ކަމެކެވެ. ކޮންމެ ނިޔަތެއްގައި ކުރި ކަމެއް ކަމުގައި ވިޔަސް އޭގެ ސަބަބުން ނިގުޅައިގަނެވުނީ އަންހެން ކަނބަލުން ތަކެއްގެ ޙައްޤު ކަމުގައި ދަންނަވަމެވެ. އެއީ ﷲ ތަޢާލާ ބާވައިލެއްވި ދީން ނިކަމެތި ކުރުމަށް ހިންގުނު ޢަމަލެއް ކަމުގައި ދަންނަވަމެވެ.
އަޅުގަނޑު އާދޭހާއި އެކު ދިވެހިރާއްޖޭގެ ދައުލަތުގެ އިސް މަޤާމްތަކުގައި ތިއްބެވި އެންމެހައި ބޭފުޅުން ވެސް ﷲ ތަޢާލާއަށް ބިރުވެތިވުމަށެވެ. އިސްލާމްދީނުގެ ޝިޢާރެއް ފާޅުކުރުމަށް ހުރަސް ނޭޅުއްވުމެވެ. މަޤާމުގެ ދަހިވެތި ކަމުގައި ނުތިއްބަވައި ޙައްޤު ބަސް ވިދާޅުވުމެވެ.
އަޅުގަނޑު ފަދައިން މޫނު ބުރުގާ އަޅާ ދިވެހި އުޚްތުންގެ ދުޢާ އަކީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި މި ޤައުމު ހިންގެވުމުގައި އިސްކޮށް ތިއްބެވި ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުމެވެ.
މިއީ، 'އައްޑޫލައިވް'ގެ ކިޔުންތެރިއެއް ކަމުގައިވާ ޢައިޝަތު ރިޙާމް ފޮނުވާފައިވާ ލިޔުމެވެ. މި ލިޔުމަށް 'އައްޑޫލައިވް'ގެ ފަރާތުން އެއްވެސް އުުނިއިތުރެއް ގެނެސްފައެއް ނުވާނެއެވެ