Last Updated: November 23, 21:59
Saturday, November 23, 2024
ކޮލަމް

އިންސާނުން އުޅެން ޝަރީއަތެއް ބާވާލެއްވީ އެއަށް ބަހުސް ކުރާކަށެއްނޫނެވެ.

ﷲ ސުބުހާނަހޫ ވަތަޢާލާ އިންސާނުނުން އުފައްދަވާ އިންސާނުން އުޅެން ޝަރީއަތެއް ބާވާލެއްވީ އިންސާނުން އެއަށް ބަހުސް ކުރާކަށެއްނޫނެވެ. އަދި ﷲ ބާވައިލެއްވި ހުކުމުގެ މައްޗަށް އަމިއްލައަށް ގާނޫނާއި ގަވާއިދު ހަދައިގެން ތިމާހިތު ހުރިގޮތަކަށް އުޅޭކަށެއްވެސް ނޫނެވެ.

އެހެނަސް މިއަދު އަޅުގަޑުމެންގެ ސައްތައިން ސައްތަ މުސްލިމު މި ދިވެހިގައުމުން ފެނިގެން މިދަނީ މިމަންޒަރެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. ﷲގެ ޝަރީއަތަކީ އަގެއްހުރި އެއްޗެއް ނޫންކަމާއި އެއީ އިންސާނީ ހައްގުތަކާއި ޚިލާފް ނާތަހްޒީބު އެއްޗެއްކަން ދައްކަން މަސައްކަތް ކުރަނީ އެވެ. އަދި އެއީ ނިކަމެތި އިންސާނުން ހަދާފައިވާ ގާނޫނާއި ގަވާއިދުތަކާއި ޚިލާފު އެއްޗެއްކަމަށްބުނެ ހުއްޖަތް ދައްކަނީ އެވެ. އަންހެނާގެ އައުރަ ނިވާކުރުމުގެ ނުގަބޫލުކަން މީސްތަކުންގެ ހިތުގައި އުފައްދަން ވާހަކަދައްކައި ލިއުންތައް ލިޔަނީއެވެ.

ﷲގެ ހުކުމްފުޅު ތަންފީޒުކުރަންޖެހުނީމާ ޔަހޫދީންވެސް ދެއްކީ މިކަހަލަ ބަހަނާތަކެކެވެ. ބަހަނާދެއްކި މީހުންގެ މައްޗަށް ﷲ ލައުނަތް ލައްވައި ކޯފާލެއްވިކަން ކީރިތި ގުރުއާންގައި ﷲ އެވަނީ ބަޔާންކުރައްވާށެވެ. އިބުރަތް ލިބޭނީ އިބުރަތް ލިބިގަންނަން ބޭނުންވާ ބަޔަކަށެވެ.

މުއުމިނު އަންހެނާ އޭނާގެ އައުރަ ނިވާކުރުމަކީ ވާޖިބެއްކަން ދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. މާތް ﷲ ވަޙީ ކުރައްވަނީ (يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِالْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ…..)އަލްއަޙްޛާބު 59. މާނައީ: " އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން (ޖިލްބާބުތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުންނަކީ މުއުމިނު ޢިއްފަތްތެރި އަންހެނުންކަން އެނގިގެންވުމަށާއި ފާސިޤުންގެ ކިބައިން އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ.

މިގޮތުން މުއުމިނު އަންހެނާގެ މޫނާއި ދެ އަތްތިލަނޫން އެހެން ހުރިހާ ތަނެއް ނިވާކޮށް ފޮރުވުމަށް ހުރިހާ ޢިލްމުވެރިންވެސް އިއްތިފާޤުވެލައްވައެވެ. ހިޔާލުތަފާތު ވެފައިވަނީ މޫނު ނިވާކުރުމާމެދުގައެވެ. ބައެއް ޢިލްމުވެރިން މޫނު ނިވާކުރުން ވާޖިބު ކުރައްވާއިރު، ބައެއް ޢިލްމުވެރިން ވާޖިބެއްކަމަށް ދެކިވަޑައިނުގަންނަވައެވެ. އަދި ވާޖިބެއްކަމަށް ދެކިވަޑައިނުގަންނަވާ ޢިލްމުވެރިންވެސް ފިތުނަވެރި ޙާލަތްތަކުގައި މޫނު ނިވާ ކުރަންޖެހޭނެކަމަށް ވިދާޅުވެއެވެ.

ކޮންމެއަކަސް މޫނުނިވާކުރުމަކީވެސް ދީނުގެތެރެއިން ވާކަމެއްކަމާމެދު ހުރިހާ ޢިލްމުވެރިންވެސް އެއްބަސް ވެލައްވައެވެ. ވީމާ، މުއުމިނު އަންހެނުންނަށް އޮތީ އެކަނބަލުންގެ ޢައުރަ ނިވާކޮށްގެން ތިބުމެވެ. މުއުމިނު އަންހެނާގެ ޢައުރައަކީ ފޮރުންވަންޖެހޭ އެއްޗެއްކަން ޤަބޫލުކޮށް އެހެންނަމަވެސް ބުރުގާ ނާޅާ މުސްލިމް އަންހެންނާ މާތް ﷲ ގެ އިރާދަފުޅާ މިންވަރުފުޅުން ސުވަރުގެ ވަންނާނެއެވެ. އޭނާއަކީ ކާފަރެކޭ ނުބުނެވޭނެއެވެ. އަދި އޭނާއަކީ ނަރަކައިގައި އަބަދުގެ އަބަދަށް ދެމި އޮންނާނެ މީހެއްނޫނެވެ. އެހެންނަމަވެސް އެފަދަ މީހަކު އެވަނީ ވަރަށް ބޮޑު ނުރައްކަލެއްގައެވެ.

ސަބަބަކީ އައުރަ ނިވާނުކުރުމަކީ ބޮޑެތިފާފަތަކުގެ ތެރެއިން ފާފައަކަށް ވާތީއެވެ. މާތް ﷲ އެމީހެއްގެފާފަ ނުފުއްސަވައިފިނަމަ ނަރައިކައިގެ ވޭންދެނިވި ޢަޛާބު އެމީހަކަށް ޙައްޤުވެގެންވުމާއި އަދި އެކަމުގެ ވަޢީދުގެ ބަސްފުޅުއައިސްފައިވާތީއެވެ.

ބުރުގާ އެޅުމަކީ (އައުރަނިވާކުރުމަކީ) ވާޖިބެއްކަމާމެދު އިންކާރުކޮށް ނުވަތަ އެއަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ މުރުތައްދުވެ ދީނުންބޭރުވާނެ ކަމެކެވެ. އެއީ ދީނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ކަމެއްކަން އެނގިހުރެ އިންކާރުކޮށް ނުވަތަ މަލާމާތްކުރުމަކީ އެމީހަކު ދީނުންބޭރުވެ ކާފަރު ވާނޭ ކަމެއްކަމަށްވާތީއެވެ.

މިފަދަ މީހަކު މަރުވުމުގެ ކުރިން މާތް ﷲއަށް ތައުބާވެ އިސްތިޣްފާރު ކުރަންޖެހޭނެއެވެ. އެހެންނޫނީ އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑެވެ. ބުރުގާ ނާޅާ (ނުވަތަ ހެދުން ލައިގެން އޮރިޔާމުން ތިބޭ) މީހުން ސުވަރުގެ ނުވަދެވޭނޭ ނުވަތަ ސުވަރުގޭގެ ވަސްވެސް ނުފެންނާނޭ ޙަދީޘްގައި އޮންނަކަމަށް ޢިލްމުވެރިން ވިދާޅުވާ ޙަދީޘަކީ ޞައްޙަ ޙަދީޘެކެވެ. މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ:

: "صِنْفَانِ مِنْ أَهْلِ النَّارِ ، لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ ، رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ ، لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا ، وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا.

މާނައީ: "ނަރަކައިގެ އަހްލުވެރިންގެ ތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަން ކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގެ ގައިގާ ނުޙައްޤުން ތަޅާ އަދަބު ދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލު ގޮށްގަނޑު ހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ. އެތާނގެ ވަސް އެވަނީ އެވެނި މިވެނި މޭލުކޮޅަށް ފޯރާފައެވެ.

މިޙަދީޘްގައި އެވާ " لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا. މާނަ: " އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ." މި ބަސްފުޅަކީ ވަޢީދުގެ ބަސްފުޅެކެވެ. މިބަސްފުޅުގެ ޝަރަޙާގައި ދެމާނައެއް ދޭހަވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

އެއީ:
1- އައުރަ ނިވާނުކުރުމަކީ ޙަރާމްކަމެއްކަން އެނގި ހުރެ އެ ޙަރާމްކަންތައް ޙަލާލުކޮށް އައުރަ ނިވާނުކުރާ މީހާ ސުވަރުގެ ނުވަންނާނެއެވެ. ފުރަތަމަ ސުވަރުގެއަށް ގޮވާލެވޭއިރު ކާމިޔާބުލިގެންވާ މީހުންނާއެކު ނުވަދެވޭނެއެވެ.

2- ކޮންމެއަކަސް އެފަދަ މީހަކު އެވަނީ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށް އަރައިގެންފައެވެ. އެމީހަކު އައުރަ ނިވާނުކޮށްހުރެ މަރުވެއްޖެނަމަ މާތްﷲ އެމީހަކަށް ފުއްސަވައިދެއްވައިފިނަމަ އުފަލުގެ ކޮޅެއްނެތެވެ. ފުއްސަވައިނުދެއްވައިފިނަމަ ހަލާކުގެ ކޮޅެއްނެތެވެ. އެމީހަކަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ. އެހެން ނަމަވެސް އެމީހަކު ނަރަކައިގައި އަބަދަށް ދެމި ނޮއޮންނާއެވެ. އައުރަނިވާނުކުރުން، އަދި ޒިނޭކުރުން ފަދަ ބެޑެތި ފާފަތައްކުރާ މީހުންނާމެދު އަހްލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއަކީ މިއީއެވެ.

އެންމެހާ އަޚުންނާއި އުޚްތުންނޭވެ! މާތް ﷲ ދީން ޙިމާޔަތް ކުރުމަށްވުރެ އިސްކަމެއް މުސްލިމަކު އެހެންކަމަކަށް ދޭންނުޖެހޭނެކަން ހަނދުމަކޮށް، އެކަލާނގެ އަށް ބިރުވެތިވުން ޙައްޤުގޮތުގައި ބިރުވެތިވާށެވެ. ތިޔަބައިމީހުންނީ ﷲ އަށް އަބަދުމެ ބޭނުންޖެހިފައިވާ އެކަލާނގެ އަޅުންނެވެ. އެހެން ފަރާތެއްގެ އަޅުންނެއް ނޫނީމުއެވެ.

فاطر ސޫރަތުގައި މާތް ﷲ ޥަޙީކުރައްވާފައިވެއެވެ. يَاأَيُّهَا النَّاسُ أَنْتُمُ الْفُقَرَاءُ إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ . إِنْ يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ . وَمَا ذَلِكَ عَلَى اللَّهِ بِعَزِيزٍ. އޭ އެންމެހާ މީސްތަކުންނޭވެ! ﷲ އަށް ބޭނުންޖެހިފައިވާ ބަޔަކީ ހަމަ ތިޔަބައި މީހުންނެވެ. ﷲ އީ ހަމަ ފުދިވޮޑިގެންވާ، ޙަމްދުލިބިވޮޑިގަންނަވާ ރަސްކަލާނގެމެއެވެ. އެކަލާނގެ ބޭނުންވެ ވޮޑިގަންނަވައިފިނަމަ ތިޔަބައިމީހުން ގެންގޮސް ނެތިކުރައްވައި، މުޅީން އާ ބަޔެއް ގެނެސްފާހުއްޓެވެ. އަދި އެކަން އެގޮތަށްކުރެއްވުމަކީ ﷲ އަކަށް އެއްވެސް ވަރެއްގެ އުނދަކޫކަމަކަށް ނުވެއެވެ.“