އެމްއެންޑީއެފްގެ އެއަވިންގަށް ބޭނުންވާ ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަން އިއުލާނުކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީން އިއުލާންކޮށްފައި ވަނީ ތިން ޕައިލެޓުންނާއި ހަތަރު އެއާކްރާފްޓް އިންޖިނިއަރުންނަށެވެ.
ޕައިލެޓްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި ކޮމާޝަލް ޕައިލެޓް ލައިސަންސް އޮތުމާއި ކްލާސް އެކެއް ކެޓަގަރީގެ މެޑިކަލް ސެޓްފިކެޓް އޮތުމުގެ އިތުރުން އޯލެވެލްގެ ސައިންސް ސްޓްރީމުން މަދުވެގެން ތިން މާއްދާއިން ފާސްވުން ހިމެނެ އެވެ.
މީގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ މީހުންނަކީ އުމުރުން 18-30 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހެ އެވެ.
ޕައިލެޓް މަޤާމުގެ ރޭންކަކީ ލެފްޓިނަންޓް މަޤާމެވެ.
އެއާކްރާފްޓް އިންޖިނިއަރުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި ބޭސިކް އެއާކްރާފްޓް އިންޖީނިއަ ދާއިރާއިން ޑިގްރީއެއް އޮތުމާއި ޞިއްހީ ގޮތުން ދުޅަހެޔޮ މީހަކަށް ވުން ހިމެނެ އެވެ. އަދި އޯލެވެލް ސައިންސް ސްޓްރީމުން މަދުވެގެން ތިން ފާސް އޮތުމާއި އުމުރުން 18-30 އަހަރާއި ދެމެދުގެ މީހަކަށް ވާން ޖެހެ އެވެ.
އެއާކްރާފްޓް އިންޖިނިއަރުންގެ ރޭންކަކީ ވޮރަންޓް އޮފިސަރު ގްރޭޑް 1 ގެ މަޤާމެކެވެ.
މި ވަޒީފާތަކަށް އެދޭ ފޯމް މި މަހުގެ ނިޔަލަށް ދޫކުރާ އިރު، ފޯމް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ އަންނަ މަހުގެ 18 އެވެ.
ވަޒީފާ އަށް އެދޭ ފޯމު އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.