މަރަދޫފޭދޫ ފިރިހެނަކު އޭނާގެ އަންހެނުންގެ އާއިލާ އަށް ބިރު ދައްކައި މާރާމާރީ ހިންގާފައިވާތީ، އާއިލާ ބިރުވެރި ކަމެއްގެ ތެރޭގައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ރިޕޯޓްކޮށްފި އެވެ.
އެފަދަ މައްސަލައެއް ރިޕޯޓްކޮށްފައިވާކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އަންހެން މީހާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު "އައްޑޫ ލައިވް" އަށް ބުނީ ފިރިހެން މީހާގެ މައިދައިތަގެ ގެއަށް އޭނާ މިއަދު ގޮސް، މައިދައިތަ ބިންމައްޗަށް ވެސް ވައްޓާލައި އަނިޔާކޮށްފައިވާ ކަމަށެވެ.
އަދި އޭނާ މިއަދު ގެއަށް ވަނީ ފޯނުން ވެސް ގުޅައި، އިންޒާރު ވެސް ދިނުމަށް ފަހު ކަމަށް ބުންޏެވެ.
އެހެންވެ މިކަން ފުލުހުންނަށް ރިޕޯޓް ކުރުމުން، ފުލުހުން ވަނީ އާއިލާގެ ބަޔާނެއް ވެސް ނަގައިފަ އެވެ.
"މަންމަ ބިންމައްޗަށް ވައްޓާލުމުގެ ސަބަބުން ބޮލުގެ ފުއްކިބަ ވެސް ވަރަށް ބޮޑަށް ދުޅަވެގެން މިއަދު ޑޮކްޓަރަކަށް ވެސް ދައްކަން ޖެހުނު. މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީމަ ބަޔާނެއް ވެސް ނެގި،" އޭނާ ބުންޏެވެ. "އެހެން ނަމަވެސް އޭނާގެ ސަބަބުން އާއިލާ މިތިބީ ބިރުވެރި ކަމެއްގެ ތެރޭގައި. އޭނާ ކޮންމެ ފަދަ ވަގުތެއްގައި ވެސް މިގެއަށް ވަދެފާނެތީ އެކަމާ ވަަރަށް ބިރުން މި ތިބެނީ. ގޭގައި ތިބި ކުދިން ވެސް މިކަމާ ބިރު ރޮއި ހަދާތީ އަހަރެމެން މި ތިބީ ހަދާނެ ގޮތެއް ނޭނގިފައި."
އާއިލާ އިން ވާހަަކަ ދެއްކިމީހާ އަދި ބުނީ ފިރިހެން މީހާއަކީ ފެށުނީއްސުރެ އަނބީމީހާއަށާއި ދެ ދަރިންނަށް ވެސް އަނިޔާ ކުރާ މީހެއް ކަމަށެވެ. އަދި އާއިލާ އަށް އޭނާ ހަރަދު ނުކުރާ ކަމަށް ވެސް ބުންޏެވެ.
"ދައްތަ އޭނާއާ އިން ފަހުން ވަރަށް ހާލުގައި އުޅެނީ. އެވަރަށް އަނިޔާ ކުރޭ. ދަރިންނަށް ވެސް އެހާ އަނިޔާ ކުރޭ." އޭނާ ބުންޏެވެ. "ދެ މީހުންގެ ދޭތެރެގައި އިހަކަށް ދުވަހު ޖެހުނު މައްސަލައެއްގައި ދައްތަ ގެއިން ނިކުމެގެން އައިސް މިހާރު މަންމަ ކައިރީ މި ގޭގައި ހުއްޓައި، ގެއަށް ވަދެ، އާއިލާ މީހުންނަށް ބިރު ދައްކަން ފެށީ."