ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން ފޭދޫގައި ޖުމްލަ 600 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް އެގޮތަށް ވިދާޅުވި ނަމަވެސް، އެ މަޝްރޫއުގެ އިތުރު ތަފުސީލެއް ދެއްވައިފައެއް ނުވެ އެވެ.
އެހެން ނަމަވެސް މިއީ ފޭދޫގައި 600 އާ ހައުސިން ޔުނިޓް އަޅަން ނިންމިކަން ރަސްމީކޮށް ސަރުކާރުން ބުނި ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ބަޖެޓް ފާސް ކުރި އިރު، ފޭދޫގައި 100 ފްލެޓް އެޅުމަށް ބަޖެޓްގައި ހިމަނާފައިވެ އެވެ. އެގޮތުން ފޭދު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރަން މިދިޔަ އަހަރު ވަނީ ބިން ވެސް ހިއްކައިފަ އެވެ.
ސަރުކާރުން މިހާރު ވެސް ވަނީ ހިތަދު އާއި ހުޅުމީދޫގައި ފްލެޓްތަކެއް އަޅައިފަ އެވެ. އެގޮތުން ހިތަދޫގައި 264 ފްލެޓް އަޅާފައިވާ އިރު، ހުޅުދޫގައި ވަނީ 48 ފްލެޓް އަޅައިފަ އެވެ.
ފޭދޫގައި އަލަށް 600 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ނިންމި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ އަވަށުގައި 25 ހައުސިން ޔުނިޓް އަަޅައިފަ އެވެ.
އެތަންތަނުގައި މިހާރު މީހުން އަންނަނީ ދިރިވެސް އުޅެމުންނެވެ.
އައްޑޫގެ ތަރައްގީގެ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އައްޑޫ 100 އެނދުގެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މަސްވެރިން ބާނާ މަސް ގަނެ ފިނިކޮށްފައި ބެހެއްޓޭނެ ފެސިލިޓީއެއް މިއަހަރުގެ ތެރޭގައި ގާއިމު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.