މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ނާޖާއީޒު ފައިދާ ހޯދައި ދިން ކަމަށް ބުނެ ދައުލަތުން އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ކުރީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު (ޝާޑް) ގެ މައްޗަށް ކުރާ ދައުވާ އަށް އެ މީހުން އިންކާރުކޮށްފި އެވެ.
އެ ދައުވާގެ ފުރަތަމަ އަޑު އެހުމުގައ ޕީޖީގެ ވަކީލާ ވިދާޅުވީ ސޯބެ އާއި ޝާޑްގެ މައްޗަށް ދައުވާ ކުރަނީ 17 ވަނަ ސާކް ސަމިޓް ބާއްވަން 2011 ވަނަ އަހަރު އީސީސީގައި ބަހައްޓަން ހެދި ރިލީފް އާޓްތަކެއްގެ މައްސަލާގައި ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކުރަން ހަވާލު ކުރި ފަރާތަށް އެއްބަސްވުމުގައި ބުނާ އަދަދަށް ވުރެ އިތުރަށް ރިލީފް އާޓް ހަދައިގެން، 336،000ރ. ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި ފައިސާ އެ ފަރާތަށް ދޫކޮށްފައިވާކަން އެކަމާ ގުޅޭ ލިޔުންތަކުން އެނގޭ ކަމަށާއި އެ ލިޔުންތަކުގައި ސޮއިކޮށްފައި ވަނީ ސޯބެ އާއި ޝާޑް ކަމަށް ވަކީލާ ވިދާޅުވި އެވެ.
ދައުވާގެ ހުލާސާ ދައުލަތުގެ ވަކީލާ އިއްވުމުން، އެ ދެ މީހުން ވެސް ވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެެވެ. އަދި ވިދާޅުވީ ކުރިއަށް ދާން ބޭނުން ވަނީ ވަކީލެއްގެ އެހީތެރިކަމާ އެކު ވެސް ކަމަށެވެ.
އެގޮތުން ވަކީލުން ހަމަޖައްސަން 14 ދުވަސް ބޭނުންވާ ކަމަށް ސޯބެ އާއި ޝާޑް ވެސް ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ގާޒީ ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ ގާޒީ ރަފީއުއްދީން އަހުމަދު އަހުމަދު ވިދާޅުވީ ވަކީލުން ހަމަޖައްސަން ދެ މީހުންނަށް ވެސް 14 ދުވަސް ދެއްވާ ކަމަށެވެ. އަދި މި މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނެ ތާރީހެއް ފަހުން އަންގަވާނެ ކަމަށް ވިދާޅުވެ، ގާޒީ ވަނީ މިއަދުގެ ޝަރީއަތް ވަަރަށް އަވަހަށް ނިންމަވާލައްވާފަ އެވެ.
އެ ދައުވާއާ ގުޅިގެން ސޯބެ ވިދާޅުވީ ދައުލަތުން ކުރާ އެ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި މީގެ ބޭނުމަކީ އޭނާ ލޯކަލް ކައުންސިލް އިންތިހާބަށް ވާދަ ކުރާތީ، ކޮރަޕްޓް މީހެއްކަން ރައްޔިތުންނަށް ދެއްކުން ކަމަށް ވިދާޅުވި އެވެ.
ޝާޑް ވެސް ވިދާޅުވީ އެއީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި މިފަދަ ދައުވާއެއް ކުރިޔަސް، ސަރުކާރަށް ކިޔާ ފާޑު ކިޔުމެއް ނުހުއްޓުވޭނެ ކަމަށް ވިދާޅުވި އެވެ.