އައްޑޫގެ ޒުވާނުންގެ އެންމެ ބޮޑު ޝަކުވާ އަކީ، ސަރުކާރުން ކޮށްދޭނެ ކަމަށް ބުނެފައިވާ ބައެއް ކަންތައް އެކަށީގެންވާ ސްޕީޑްގައި ކުރިއަށް ނުދިއުމުގެ ޝަކުވާއެވެ. ސަރުކާރުގެ އިސްވެރިން އައްޑޫއަށް ޒިޔާރަތް ކުރައްވާ ކޮންމެ ފަހަރަކު، "ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަމަޖެހޭނެ" ކަމަށް ވިދާޅުވާ ކަންތައް ނުފެށި އަހަރުތަކެއް ފާއިތުވުމުގެ ޝަކުވާއެވެ.
ސަރުކާރުގެ ވެރިން އޭގެ ޖަވާބުގައި ވިދާޅުވަނީ، އައްޑޫ ތަރައްޤީ ނުކުރެވިގެން އުޅެނީ، ކައުންސިލުން ސަރުކާރަށް ޖެއްސުން ކުރަމުން ގެންދާތީ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާއިރު، ސަރުކާރުން ކައުންސިލްގެ މެޖޯރިޓީ ނެތުމުން ތަރައްޤީ ނުކުރެވޭ ވާހަކަ ދެއްކުން މިވަނީ އިތުރުވެފައެވެ.
އިއްޔެ ރައީސް އަބްދުﷲ ޔާމީން، އައްޑޫގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި އައްޑޫގައި ހިންގާ ބައެއް މަޝްރޫޢުތައް ލަސްވުމުގެ ޒިންމާ ނަގަން ޖެހޭނީ، އައްޑޫ ސިޓީ ކައުންސިލުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ބަޔަކު އައްޑޫ ސިޓީއަށް ކަންތައް ނުކޮށްދޭ ވާހަކަ ދައްކާއިރު އެއީކީ، ރަނގަޅު ވާހަކައެއް ނޫނެވެ.
" މި ސަރުކާރާއި އައްޑޫ ސިޓީ އާއި އަބަދުވެސް ވަރަށް ގާތް. އަބަދުވެސް ވަރަށް ގާތް.ބަޔަކު އައްޑޫ ސިޓީއަށް ކަންތައް ނުކޮށްދޭ ވާހަކަ ދައްކާއިރު އެއީކީ، ރަނގަޅު ވާހަކައެއް ނޫން. އައްޑޫ ސިޓީއަށް ވަރަށް ގިނަ ކަންތައް އެބަކުރެވޭ. އެކަމަކު ކުރެވޭ އިރުވެސް އަޅުގަނޑުމެން ޤަބޫލުކުރަންވާނެ ފުޓްސަލް ދަނޑު އަޅަން. ބިން ކަނޑައިދޭން ބުނީމަވެސް ކައުންސިލަރުން ބިން ކަނޑައި ނުދޭ ކަމަށް ވަންޏާ އެކަންކަން ކުރުމުގައި ލަސްތަކެއް ވާނެ." ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.
އެއީ ދާދިފަހުން އައްޑޫ އަށް ވަޑައިގެންނެވި، ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ބައެއް ބޭފުޅުންގެ ބަސްމަގު ހުންނެވި ގޮތް ވެސް މެއެވެ. ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދުގެ ނަޒަރުގައި ސަރުކާރުން ކޮށްދޭ ކަންތައް ރައްޔިތުންނަށް ނުފެންނަނީ ދެލޯ އަނދިރި ވުމުންނެވެ.
އައްޑޫގައި ފުޓްސަލް ދަނޑު އެޅުމުގެ ވާހަކައަށް އިޝާރަތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި ބިން ކަނޑައިދޭން ބުނީމަވެސް ކައުންސިލަރުން ބިން ކަނޑައި ނުދޭ ކަމަށް ވަންޏާ އެކަންކަން ކުރުމުގައި ލަސްތަކެއް ވާނެ ކަމަށެވެ.
ޤާނޫނީ ގޮތުން ބަލާއިރު އައްޑޫއިން ބިން ކަނޑައި ދިނުމަކީ، އައްޑޫ ސިޓީ ކައުންސިލްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އަދި ބިންކަނޑައި ނުދީ ލަސްކުރުމަށް ކައުންސިލަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ. އެ ހުރިހާ ބާރެއް އޮތީ، ހައުސިން މިނިސްޓްރީއަށެވެ.
ރައީސް ޔާމީން 2015 ވަނަ އަހަރުގެ ޖޫން މަހު ތަސްދީޤު ކުރެއްވި، ޤާނޫނު ނަންބަރު 15/2015، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލަކަށް ލިބިދެވޭނެ ބާރުތައް އަދި ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް ކަނޑައެޅުމުގެ ހުރިހާ ބާރެއް އޮތީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
މިހާރު އައްޑޫގެ ބިންތަކާއި، މަގުތައް ބެލެހެއްޓުމުގެ ޒިންމާ އަކީ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރކްޗަރގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެން ކަމުން ފުޓްސަލް ދަނޑު ނުވަތަ އެހެން ވެސް ކަމެއް ކުރުމަށް އައްޑޫ އިން ބިން ކަނޑައި ނުދިނުމަށް އައްޑޫ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނެތެވެ.
ދާދިފަހުން އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން، އައްޑޫގައި ހަދަން ފެށި އައުޓް ޑޯ ޖިމްތަކުގެ މަސައްކަތް ވެސް، މިނިސްޓްރީގެ އެޕްރޫވަލް ނެތި ކުރިއަށް ގެންދާ ކަމަށް ބުނެ ހައުސިން މިނިސްޓްރީ އިން ވަނީ ހުއްޓުވާފައެވެ.
ސިޓީ ކައުންސިލުން ބިން ކަނޑައި ނުދޭތީ މަޝްރޫޢުތައް ލަސްވުމަށް ދެއްކޭނެ އުޒުރެއް ނޫނެވެ. ހުރިހާ ބާރެއް އޮތީ މައި، ސަރުކާރުގައެވެ. ބިން ކަނޑައި ނުދީގެން ކުށްވެރިކުރަން ޖެހެނީ، ހައުސިން މިނިސްޓްރީއެވެ. އައްޑޫ ސިޓީ ކައުންސިލެއް ނޫނެވެ. ސިޓީ ކައުންސިލަށް ސަރުކާރުން ހިންގާ މަޝްރޫޢުއަށް ހުރަސް އެޅުމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.