ދުނިޔޭގެ ގައުމެއްގެ ރައީސް ނުވަތަ ވަލިއްޔުލް އަމުރެއްގެ އަބުރާއި އެންމެ ގިނައިން ބެހިފައިވަނީ ތިމަން މަނިކުފާނުގެ އަބުރާއި ކަމަށް ރައީސުލް ޖުމުހޫރިއްޔަ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ކ.ހިންމަފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެރަށު ބިން ހިއްކުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އަބުރުގެ ގާނޫނަށް އިސްލާހު ގެނެއުމަށް ގައުމެއް ރައީސެއްގެ އަބުރާއި ބެހުނު ވަރަށް އެހެން ގައުމެއްގެ ރައީސެއްގެ އަބުރަށް އަރައިގަނެވިފައި ނުވާނެކަމަށެވެ.
އާދަޔާ ޚިލާފު އަސަރުގަދަ ވާހަކަފުޅެއް ރައީސްގެ ފަރާތުން ހިންމަފުށީގައި އަޑުއިވިގެން ގޮސްފައިވާއިރު ރައީސް ޔާމީން ވިދާޅުވެފައިވަނީ މީހުންގެ އަބުރަށް އަރައިގަތުމަށް އެމަނިކުފާނު ވަނީ ނިމުމެއް ގެނެސްފައިކަމަށެވެ.
އަބުރުގެ ގާނޫނަށް ގެނެވުނު ބަދަލާއެކު ގާނޫނު އަސާސީއިން ލިއްބައިދޭ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް އަރައިގަނެވިފައިވާކަމަށް ބުނެ ގާނޫނީ ވަކީލުން ވަނީ ބިލް ފާސްކުރުމާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ.
އަބުރުގެ ބިލް ފާސްކޮށްގެން ބިލުގައި ވާގޮތަށް ކުރީގެ ދެ ރައީސުން ކަމަށްވާ، ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫންގެ އަބުރަށް އަރައިގަނެވޭނެ ފަދަ ގޮތަކަށް ބައެއް މީހުން ވަނީ ވާހަކަ ދައްކާފައެވެ. ނަމަވެސް ދެ ރައީސުންވެސް ވަނީ އަބުރުގެ ދައުވާ ކުރުމަށް ދެކޮޅު ހަދާފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކޮންމެ ރައްޔިތަކަށްވެސް މިނިވަން ކަމާއެކު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާކަމަށާއި އެހައްގަށް އަރައިގަންނަން އެމަނިކުފާނު ދެކޮޅު ހަދާކަމަށެވެ.