Last Updated: March 12, 11:59
Wednesday, March 12, 2025
ޚަބަރު

ދުވާފަރު މީހެއްގެ މޫނަށް ކެމިކަލް ޖަހައިފި

ފޮޓޯ- އަހުމަދު މުޖުތަބާ

ރޭގެ ވަގުތެއްގައި ރ.ދުވާފަރުގައި އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ބަޔަކު ކެމިކަލް ޖަހައި ޒަޚަމް ކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި 17 އަހަރުގެ އިބްރާހިމް މުހައްމަދުގެ މޫނަށް ކެމިކަލް ޖެހުމާއި ގުޅިގެން އޭނާގެ އެއް ލޮލަށް ނުފެނެއެވެ. ދުވާފަރު ކައުންސިލާއި ހަވާލާދީ 'ސަން' އިން ރިޕޯޓުކޮށްފައިވަނީ އިބްރާހިމްގެ މޫނަށް ކެމިކަލް ޖަހާފައިވަނީ ރޭ ފަތިސް ނަމާދަށް ދިއުމަށް ގެއިން ނިކުތް ވަގުތުގައެވެ.

މިހާދިސާ ހިނގުމަށް ފަހު އެރަށުގައި އިބްރާހީމަށް ފަރުވާ ދިނުމަށްފަހު 7:30 އެހާކަށްހާއިރު އެއަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިބްރާހިމް ގެންދެވުނެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އިބްރާހިމް އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ މިއަދު މެންދުރު 12:20 ގެ ފުލައިޓުންނެވެ.

ފުލުހުންނަށް ކެމިކަލް ޖެހި މައްސަލަ ރިޕޯޓުކޮށްފައިވިނަމަވެސް އަދި މިމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މިހާރު މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށެވެ.

އުނގޫފާރު މީހެއްގެ މޫނަށް ރޭ ކެމިކަލް ޖަހާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގައި ޅ.ޅައިމަގު އަންހެނެއްގެ މޫނަށްވެސް ކެމިކަލް ޖަހާފައި ވަނިކޮށެވެ. ޅައިމަގު ގައި ކެމިކަލް ޖެހި ހާދިސާގައިވެސް ކުށްކުރި މީހަކު ހޯދިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވެއެވެ.