ކޮންމެ މީހަކަށްވެސް އެމީހެއްގެ އަސްލާއި ނަސްލު ބުނެދެނީ ތާރީޚެވެ. އިންސާނީ ދަރިފަސްކޮޅު ބައްޓަންވެ ކުލަޖެހެމުން އައިސްފައިވަނީ ނަސްލާއި ގައުމިއްޔަތާއި އެޔާއި ގުޅިފައިވާ ސަގާފަތުގެ މަތީގައެވެ.
މުޖުތަމައުތަކުގެ ފެށުމާއި މިއަދު ވާސިލްވެފައިވާ ހިސާބާއި މިހިސާބަށް ކުރި ދަތުރު ބުނެދެނީ ތާރީޚެވެ. ތާރީޚަކީ ހުއްޓުމެއް ނެތި ލިޔެވެމުން ރިކޯޑް ކުރެވެމުންދާ ސަފުހާތަކެކެވެ. ހޯދިފައިވާ ކާމިޔާބީތަކާއި ހެދިފައިވާ ގޯސްތައް ފެންނަނީ އެ ސަފުހާތަކުންނެވެ. އެއީ އިންސާނާގެ ޓައިމްލައިނެވެ. އެއްހާދިސާއަކަށްފަހު އަނެއް ހާދިސާއަކަށް މަގުފަހިވިގޮތް ބުނެދެނީ އެ ޓައިމްލައިނެވެ.
ތާރީޚަކީ އިއާދަވާ އެއްޗެކެވެ. ކުރިން ހިނގާފައިވާ ކަމެއް ހަމައެސަބަބުތައް މެދުވެރިވެގެން އަލުން ހިނގައެވެ. އެހެންވީމާ
ކަންތައްތަކަށް މަގުފަހިވި ސަބަބުތަކާއި ކަންކަން ހިނގާފައިވާ ގޮތުގެ އުސޫލާއި ވައްޓަފާޅި ދެނެގެން ތިބުމަކީ އެފަދަ ކަމެއް ތަކުރާރު ނުވުމަށްއެޅޭ ބާރެކެވެ. އެފިލާވަޅުތައް ބުނެދެނީ ތާރީޚެވެ. ކަންކަން އިސްލާހުކޮށް އާއުސްމިންތަކަކަށް ވާސިލްވުމަށް ހިންގޭ ހަރަކާތްތަކުގެ ބިންގަލަކީ ތާރީޚެވެ. މާޒީގައި ކަން ހިނގާފައިވާގޮތުގެ ތަޖުރިބާއަކީ ކުރިއަށް ދިއުމަށް އޮތް މަގެވެ. އެތަޖުރިބާ ބުނެދެނީ ތާރީޚެވެ.
ދުނިޔޭގައި ދިރިއުޅެނީ އެއްނަސްލެއްގެ އެއްދީނެއްގެ އެއްސަގާފަތެއްގެ އެއްގައުމިއްޔަތެއްގެ ބައެއް ނޫނެވެ. އެއްބަޔަކު އަނެއްބަޔަކަށް އެއީ ކޮންބައެއްކަމާއި އެމީހުންގެ ފެށުން ބުނެދެނީ ތާރީޚެވެ. އެއިން ފިލާވަޅު ލިބިގަތީމާ ބިރާއި ޝައްކާއި ވަހުމްގެ ތެރޭގައި ތިބުން ދޫކޮށް ގުޅިގެން ކުރިއަށްދިއުމާއި މުއާމަލާތުގެ ވިޔުގައަކަށް މަގުފަހިވެއެވެ. މިކަމަށް ބާރުއަޅައިދެނީ ތާރީޚެވެ. އުމުރު ހުސްވަންދެން މަސައްކަތް ކުރިޔަސް ދަސްނުވާހާ ގިނަ ފަލްސަފާތަކާއި ވާހަކަތަކާއި ފިލާވަޅުތައް ތާރީޚުން ލިބެން އެބަހުއްޓެވެ. ކަންކަމަށް އުއްމީދު ގެނެސްދެނީ އެފަދަ ވާހަކަތަކާއި ފަލްސަފާތަކުންނެވެ. ޚިޔާލުތައް ނެރެގެން ގެންނަނީ ތާރީޚުގެ ތެރެއިންނެވެ. ތާރީޚެއް ނެތި އުއްމީދެއް ނެތެވެ.
އައްޑުއަތޮޅަކީވެސް ދިގުވެގެންވާ ތާރީޚެއް ލިބިފައިވާ އަތޮޅެކެވެ. އެތާރީޚު އަޅުގަނޑުމެންނަށް ކިޔައިދެނީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ތާރީޚީ އާސާރުތަކުންނާއި އިހުގެ ފޮތްފޮތެވެ. އިހުގެ ފޮތްފޮތް ކޮބައިބާވައެވެ؟ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަތިރީގޭ މުހައްމަދު އަމީނު އަވަހާރަކޮށްލަން ހުވަދުއަތޮޅު ނިލަންދޫ ހަކީމު ދީދީ ސިހުރުހެދިކަމަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން މާލެއިން ބަޔަކު އައިސް ދެކުނުގެ ތިން އަތޮޅުގައި ހުރި ފޮތްތައް ނައްތާލައިފިއެވެ.
ހުވަދޫއާއި ފުވައްމުލައް އަދި އައްޑޫގައި ހުރީ ހައްތާވެސް ސިހުރުފޮތް ކަމަށް ބަލައިގެން ފޮތްތައް ނައްތާލީމާ ފޮތްފޮތުގައި ލިޔެވިފައި ހުރި ތާރީޚު ނައްތައިލެވުނީއެވެ.
މިހާރު އަޅުގަނޑުމެންގެ ތާރީޚު ބުނެދޭން ހުރި ހަމައެކަނި އެއްޗަކީ އިހުގެ އާސާރުތަކެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި ނެތްވަރަށް އައްޑޫގައި އިހުގެ އާސާރުތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ މުހިއްމު ތަނަކީ މީދޫ ކޯގަންނެވެ. އެކަމަކު އައްޑޫގައި ދިރިއުޅޭ ގިނަ މީހުންނަށް މިއަދު ކޯގަންނުގެ މުހިއްމުކަމެއް ނުވިސްނެއެވެ. އެފަދަ މީހުންނަށް އެއީ ހަމަ އާދައިގެ ގަބުރުސްތާނެކެވެ. އެތަނަކީ ތާރީޚު ކިޔައިދޭ ލައިބްރަރީއެއްކަމާއި އައްޑޫގެ ވަނަވަރު އެންމެ ތަފްސީލުކޮށް ކިޔައިދޭ ތަނަކީ އެއީކަމެއް ނޭގެއެވެ.
ކޯގަންނު އޮތީ މީދޫގައެވެ. އެހެނަސް އެއީ މީދޫގެ އެކަނި ހައްގެއް ނޫނެވެ. އެއީ މުޅި އައްޑުއަތޮޅުގެ ހައްގެކެވެ. އެއީ ފުވައްމުލަކުގެ ވެސް ހައްގެކެވެ. އެއީ މުޅިރާއްޖޭގެ ގައުމީ ތަރިކައެކެވެ. މީދޫގައި މިހާރު އެތިބަ މީސްކޮޅަށްވުރެ ކޯގަންނުގެ ވާރިސުން އައްޑުއަތޮޅުގެ އެހެން ރަށްރަށާއި ފުވައްމުލަކުގައިވެސް ގިނައެވެ. މިދެންނެވި މީސްމީހުންގެ ކާބަފައިންގެ މަސައްކަތް ފެންނަނީ ކޯގަންނުންނެވެ. އެމީހުންގެ ތާރީޚު ބުނެދެނީވެސް ކޯގަންނެވެ. ކާބަފައިން ވަޅުލެވިފައިވަނީ ވެސް ކޯގަންނުގައެވެ. އެހެންނަމަވެސް އެކަންކަން ގިނަބަޔަކަށް ނޭގެއެވެ.
އަޅުގަނޑުމެން އެންމެންނަކީ މުސްލިމުންކަން އެބައެގެއެވެ. އެކަމަކު އިސްލާމްދީނުގެ މަތިވެރި ހިދާޔަތު މިހިސާބަށް އައުމުގެ ސަބަބު ވަނީ ކޯގަންނުގެ ތެރޭގައިކަމެއް ނޭގެއެވެ. ކާބަފައިންގެ މަސައްކަތްތެރިކަމާއި އެމީހުންގެ ވަނަވަރާއި ތާރީޚުގެ ތެރެއިން އެކާބަފައިން ކުރި ދަތުރުގެ މަގު ޗާޓު ކުރެހި ބިންވަޅުނެގިފައި އޮތީ ކޯގަންނުގައި ކަމެއް ނޭގެއެވެ. މިއީ ހަމައެކަނި މީދޫ މީހުންގެ ވާހަކައެއް ނޫނެވެ. މިއީ މުޅި އައްޑުއަތޮޅާއި ފުވައްމުލަކާއި ހުވަދުއަތޮޅު މީހުންގެވެސް ވާހަކައެވެ. މި ހަތަރު އަތޮޅުގެ މޭގަނޑު އޮތީ ކޯގަންނުގައެވެ.
ކޯގަންނުގައިވާ ހިރިގަލުގެ ކޮންމެ ގަލަކީ އޭގައި ލިޔެވިފައި ހުންނަ ތަކެއްޗާއި އޭގެ ފަރުމާއިން ބޮޑުވެގެންވާ ފޮތެކެވެ. ތަޅައިލެވޭ ކޮންމެ ގަލަކާއެކު ނެތިގެންދަނީ ތާރީޚުގެ ބާބެކެވެ. މިހެން ތަޅަމުން ސުންނާފަތިކުރަމުންގޮސް މިއަދު ކޯގަންނުގެ އާސާރީތަރިކައިގެ ވަރަށް ބޮޑު ބައެއް ވަނީ ނައްތާލެވިފައެވެ. އާސާރުތައް ހިމާޔަތްކުރަން ގާނޫނުތައް ހަދައިގެން ދިވެހި ސަރުކާރުވެސް އޮތީއެވެ. ސިޓީ ކައުންސިލްވެސް ބަލަން އޮތީއެވެ. ހިމާޔަތްކުރުމަށްޓަކައި ކުރިކަމެއް ކުރާކަމެއް ނެތެވެ.
ކޯގަންނަކީ މާލޭގައި ލިޔެގެން އުޅޭ ދިވެހިރާއްޖޭގެ ރަސްމީ ތާރީޚުގައި ހުރި ބައެއް ވާހަކަތައް ދޮގުކުރާ ތަނެކެވެ. އެހެންވީމާ އެންމެ އިހުއްސުރެން ފެށިގެން ރަސްމީ އިދާރާތަކަށް ކޯގަންނަކީ ދެމެހެއްޓުމަށްވުރެ ނައްތާލަން މުހިއްމުވެފައިވާ ތަނެކެވެ. ދެންއޮތީ ސިޓީ ކައުންސިލެވެ. އެކައުންސިލުގެ ކުރިމަތީގައި އެއީ މީދޫގެ ކައްބިމެކެވެ. އެތަނުގެ ވަކި މުހިއްމުކަމެއް ނެތެވެ. ކުދިކުދި ހަަތަރުފަސް މިސްކިތެއް ހުރެފައި އެތަންތަން ނުބެލެހެއްޓިގެން މީހުން އައިސް އަބަދު ޝަކުވާކުރާތީ ބޮލުގެ ރިހުމަކަށްވެފައިވާ ތަނެކެވެ.
މިގޮތަށް ރަސްމީ އިދާރާތަކުން ކޯގަންނު ދޫކޮށްލީމާ ތަފާތު ފިކުރެއްގެ ސަބަބުން ކޯގަންނު ނައްތާލަން ބޭނުންވެފައިވާ މީހުންނަށް އޮތީ އީދެއް އައިސްފައެވެ. ތަފާތު ފިކުރެކޭ މިދެންނެވީ އާސާރުފޯބިއާ ޖެހިފައިވާ މީހުންގެ ވާހަކައެވެ. އެއީ އެފިކުރުގެ ތެރެއިން ހުއްދަ ނޫންކަމަށް ގަބޫލުކުރާ ހަމަކޮންމެ އެއްޗެއް ބިދުއަޔާއި ޝިރުކާއި ގުޅުވައި ނައްތާލަން އަހުދުކަށަވަރު ހިފާފައިވާ މީހުންނެވެ. މަހާނަމަތީގައި އިމާރާތް ކުރެވިފައި ހުރިތަންތަން އެމީހުންނަށް ފެންނަނީ ހަމައެކަނި ކޯގަންނުންނެވެ. ތަފާތު ޑިޒައިންތަކުގެ ބޮޑެތި މަހާނަގާ އެމީހުންނަށް ފެންނަނީ ހަމައެކަނި ކޯގަންނުގެ ތެރެއިންނެވެ. ވަށައިގެން ބެއްދިފައިވާ ބިސްތާނުތައް ވެސް ފެންނަނީ ހަމައެކަނި ކޯގަންނުގެ ތެރެއިންނެވެ. ބިދުއަޔާއި ޝިރުކުގެ ހާއްޔެއްކަމަށް ބަލައިގެން ކޯގަންނާ ދެކޮޅަށް މިޖިހާދެއް އެމީހުން ފަށައިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ.
ސޫފިޒަމްގެ ބައެއް އާދަތައް ކޯގަންނުގައި ތަންކޮޅެއް ކުރިން އޮތީ ހިންގިފައެވެ. އެކަމަކު އެއީ މާޒީއެވެ. މިހާރު އެއީ ހަމައެކަނި ތާރީޚު ބުނެދޭ ރަމްޒެކެވެ. މިއަދު އެންމެންނަށްވެސް އޮތީ އާސާރީ ތަރިކައެއްގެ
ގޮތުގައި އެތަން ރައްކާތެރި ކުރުމެވެ. އެއްހާސް އަހަރުވާން ކައިރިވެފައިވާ ކޯގަންނު ސަލާމަތްކުރުމެވެ. އެކަން ނުކުރެވިއްޖެނަމަ އަމީނުގެ ދައުރުގައި ފޮތްތައް ނައްތާލީމާ ގެއްލިގެންދިޔަ ތާރީޚުފަދައިން އައްޑޫއާއި ދެކުނުގެ މުޅިތާރީޚުގެ ނާރެސް އެއްކޮށް ގެއްލިގެންދާނެއެވެ. އެކަމުގެ ގެއްލުން އޮތީ ހަމައެކަނި މީދޫއަކަށް ނޫނެވެ. އެއީ މުޅިއަތޮޅުގެ ގެއްލުމެކެވެ. މުޅި ރާއްޖޭގެވެސް ގެއްލުމެކެވެ.
އަމިއްލަ ތާރީޚު ނޭގުމަކީ އެތާރީޚު ބުނެދޭ ތަންތަން ނައްތާލުމަށް އޮތް ހުއްޖަތެއް ނޫނެވެ. އަމިއްލަ ތާރީޚު ނޭގުމަކީ އަމިއްލަ ކޮނޑުގައި އެޅިފައިވާ ޒިންމާއިން ބަރީއަވާ ސަބަބެއްވެސް ނޫނެވެ. ކޯގަންނު ފެނުނީމާ އެތަނުގެ މުހިއްމުކަމާއި އެތަނުން ބުނެދޭ ވާހަކަތައް ބަޔަކަށް މޭރުން ނުވުމަކީ ކޯގަންނުގެ މައްސަލައެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ މައްސަލައެކެވެ. މުސްލިމުންގެ ގޮތުގައި ނުވަސަތޭކައެއްހާ އަހަރު އަޅުގަނޑުމެން ހޭދަކުރިއިރު ކޯގަންނުގެ އާސާރުތަކަކީ ބިދުއަ ފައުޅުކުރާ ލާދީނީ އެއްޗަކަށްވީ މިއަދުއެވެ. ކުރީގައިވެސް އުޅުނީ މުސްލިމުންނެވެ. މިއަދުވެސް މުސްލިމުންނެވެ. ތަފާތުވީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ތާރީޚު އޮޅުމެވެ. ތާރީޚު ނޭގުމެވެ. އެކަމުގެ ތެރެއިން ގުފަހިވެގެންދިޔައީ އާސާރުފޯބިއާއަށެވެ.