ހެޔޮކަންތައްތަކަށް އަމުރު ކުރުމަކީ ހަރުކަށި ކަމެއްކަމަށްވަނީ ބަދަލުވެފައެވެ. މުންކަރާތްތައް މަނާކުރުމަކީ ނާތަހުޒީބު ކަމެއްކަމަށްވަނީ ބަދަލުވެފައެވެ. ރިޝްވަތުވަނީ ސަޔަކަށް ބަދަލުވެފައެވެ. އަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން އުޅުންވަނީ ޒަމާނީ ތަހުޒީބު ކަމަށް ވެފައެވެ. އައުރަ ނިވާނުކޮށް އުޅުން ވަނީ މިނިވަންކަމަށް ބަދަލުވެފައެވެ. ތިމާގެ އަޚާގެ މުޅަމަސް ކެއުންވަނީ މަޖާކުރުން ކަމަށް ބަދަލުވެފައެވެ. އަރަބި އިސްލާމީ ތައުލީމު ހާސިލްކުރުންވަނީ ކަޓްކަމަކަށް ބަދަލުވެފައެވެ.
ޝައިޠާނާ އަބަދުވެސް މަސައްކަތް ކުރަނީ އިންސާނާ މަގުފުރެއްދުމަށެވެ. އާޚިރަތްދުވަސް މަތިން ހަނދާން ނެތިކޮއްލުމަށެވެ. އެގޮތަށް މަގުފުރެދޭ މީހުންގެ ހާލަތު ބަޔާން ކުރައްވަމުން ކީރިތި ﷲ ގެ ބަސްފުޅުގެ މާނައިގައިވަނީ :" އެކާފަރުންނަކީ ބީރު މަންމަން ކަނު ބަޔެކެވެ. އެއުރެންނަކަށް ނުވިސްނެއެވެ."
ﷲ ރުހިވޮޑިގެންވާ ރަގަޅުކަމެއް ކުރުމަށް ނުވަތަ އެފަދަކަމަކަށް ވާގިވެ އެހީތެރިވުމަށް އެދިއްޖެ ހާލަތެއްގައި ގިނަމީހުން އެކަމަށް ފުރަގަސްދެނީއެވެ. ހަމައެކަނި ފުރަގަސް ދިނުމެއްނޫނެވެ، ހަޖޫޖަހައި ޖޯކް ޖަހަނީއެވެ. މިތަހުޒީބީ ޒަމާނުގައި، މާތް ﷲ ހަރާމް ކުރައްވާފައިވާ ކަމެއް ނުވަތަ ގާނޫނާއި ގަވާއިދާއި ޚިލާފުކަމަކުން މީހުންދުރުކުރުމަށް މީހަކަށް ނަސޭހަތްތެރި ވެއްޖެނަމަ ގިނަފަހަރަށް އެމީހެއްގެ ފަރާތުން ރައްދު އަންނަނީ " މިކަމަކީ އެންމެން ނުވަތަ ގިނަމީހުން ކުރާ ކަމެކެވެ. ދެން އަހަރެން ކުރީމަ މައްސަލައަކީ ކޮބައިހެއްޔެވެ؟ " ދެންބަލަމާ "ގިނަމީހުން" ( أكثر الناس ) މިބަސް ކީރިތި ޤުރުއާނުގައި އެތައްފަހަރަކު ތަކުރާރު ކުރައްވާފައިވެއެވެ.ގިނަމީހުންނާ ބެހޭގޮތުން ކީރިތި ﷲ ވަޙީކުރައްވަނީ:
أكثر الناس ﻻ ﻳﻌﻠﻤﻮﻥ.
މީސްތަކުންކުރެ ގިނަމީހުންނަކަށް އެގިގެނެއް ނުވެއެވެ.
أكثر الناس ﻻ ﻳﺸﻜﺮﻭﻥ.
މީސްތަކުންކުރެ ގިނަމީހުން ޝުކުރުވެރި ނުވަތެވެ.
أكثر الناس ﻻ ﻳﺆﻣﻨﻮﻥ.
މީސްތަކުންކުރެ ގިނަމީހުން އީމާނެއް ނުވެއެވެ.
ޝައްކެއްނެތް ސުވަރުގެއާއި ނަރަކަ ﷲ ލައްވާފައިވާ ހިނދު މީސްތަކުންގެ ތެރެއިން ގިނަމީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ. އަދި މީސްތަކުންގެ ތެރެއިން މަދުމީހުންނަކީ ކާމިޔާބުގެ އަހުލުވެރިންނެވެ. އާދެ! ސުވަރުގެ ވަންތަވެރިންނެވެ. ވީއިރު ތިބާ މަދު މީހުންގެތެރެއިން ވޭތޯ ބަލާށެވެ. އެއްދުވަހަކު މީހަކު އުމަރު ބުނުއްޚައްޠާބުގެ އަރިހުގައި ﷲ އަށް ދުއާ ދެންނެވިއެވެ. މިއަޅާ މީސްތަކުންކުރެ މަދު މީސްތަކުންގެ ތެރެއިން ލައްވާދޭނވެ!
އެހިނދު އުމަރު ވިދާޅު ވިއެވެ. ކަލޭ ތިކުރަނީ ކޮންކަހަލަ ދުއާއެއްހެއްޔެވެ؟ އެމީހާ ދެންނެވިއެވެ. މާތް ﷲ ގެ ބަސްފުޅު އަހަރެން އަޑު އެހީމެވެ. وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ. މާނަ: "ތިމަން އިލާހުގެ އަޅުތަކުންގެ ތެރެއިން ގިނައިން ޝުކުރުވެރިވާ މީހުން ވަރަށްމަދެވެ." އެހެންކަމުން ތިމަންނަ މަދުމީހުންގެ ތެރެއިން ވުމަށް ﷲ އަށް ދުއާކުރަނީ އެވެ. އުމަރު ވިދާޅު ވިއެވެ. އުމަރަށްވުރެ މޮޅަށް އެންމެން ދަނެތެވެ.