ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ދިވެހި ޤައުމަށް ބޮޑެތި ކުރިއެރުން ގެނަސްދިން ރައީސަކު ކަމުގައި ބައެއް ފަރާތްތަކުން ޤަބޫލު ކުރެ އެވެ.
މީގެ ސަބަބުން ރާއްޖޭގެ ރައްޔަތުންގެ ތެރެއިން ބައެއް ފަރާތްތައް ރައީސް ނަޝީދުގެ ފަހަތުގައި ހަރަކާތްތެރި ވަމުންދާއިރު އައްޑު އަތޮޅުގެ މަދު އަދަދެއްގެ ބަޔަކުވެސް ނަޝީދުގެ ފަހަތުގައި ހަރަކާތްތެރި ވަމުން އެބަދެއެވެ.
ނަމަވެސް ރައީސް ނަޝީދުގެ ރިޔާސަތުގައި އައްޑު އަތޮޅަށް ލިބިގެން ދިޔަ ކުރިއެރުމަށް ވުރެ ބޮޑެތި ގެއްލުން ނަޝީދުގެ ސަބަބުން އައްޑު އަތޮޅަށް ލިބިފައިވާ ކަމީ ހަގީގަތެކެވެ.
ތެދުފުޅެކެވެ. އައްޑު އަތޮޅު ހިތަދޫ އާއި އަތޮޅުގެ އެހެން ހުރިހާ ރަށެއްގެ ބޮޑު މަގު ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިން އައްޑު އަތޮޅުގެ މަރަދޫ މަރަދޫފޭދޫ އަދި ފޭދޫގެ މަސައްކަތް މިހާރުވެސް ހިގަމުން އެބަދެއެވެ. ހިތަދޫގެ ބޮޑުމަގު (ޢާޒީމަގު) ގައި ތާރު ލޭޔަރ އެޅުމުގެ މަސައްކަތް ނިމިފައިވާއިރު ފާޚާނާ ނިޒާމުގެ ބައެއް މަސައްކަތްތައް ވެސް ވަނީ ނިމިފައެވެ. ފެންހޮޅި ގޭގެއަށް ވެއްދުމުގެ މަސައްކަތް ވެސް މިހާރު ހިގަމުން އެބަދެއެވެ.
މިއިން ކޮންމެ ކަމަކީ އޭގެ ސަބަބުން އައްޑު އަތޮޅުގެ ލޮބުވެތި ރައްޔަތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. ތާރުލޭޔަރެއް އަޅައި މަގުގެ ފެންވަރު ރަގަޅުކުރުމުން އެއްގަމުގެ އުޅަދުތައް ދުއްވުމުގައި ފަސޭހަތަކެއް ލިބިގެންދާއިރު އޭގެ ސަބަބުން އުޅަދުތަކުގެ މަރާމާތު ޚަރަދުވެސް ކިތެންމެ ތަނެއް ކުޑަވެގެންދާނެއެވެ. ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ނަމަވެސް އަޅުގަޑުމެންނަކީ ދިވެހި ޤައުމަށް ހެއުއެދޭ ގައުމުގެ ތަރައްޤީ އާއި ކުރިއެރުމަށް އެދޭ ބަޔަކީމެވެ. އެނަޒަރުން ވިސްނާއިރު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ކުރެވޭ ކޮންމެ މަސައްކަތަކީ ވެސް ސަރުކާރާ ރައްޔިތުންނަށް މަންފާ ހުރި ގޮތުގައި ކުރެވޭ ކަމެއް ކަމުގައި ވާންޖެހެއެވެ. ބޭކާރު ޚަރަދުކުރުމަކީ އޭގެ ސަބަބުން ގައުމުގެ ތަރައްޤީ އަށް ކުރިމަތިވާ ހުރަހެކެވެ.
އޭގެ ނޭދެވޭ އަސަރުކުރާނީ ރާއްޖޭގެ ވަކިބަޔަކަށް ނޫނެވެ. އަޅުގަޑުމެންނަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. ތާރުލޭޔަރު އަޅާނިމުމުން އަޅުގަޑުމެންގެ ތަރައްޤީ އަޅުގަޑުމެންގެ ކުރިއެރުން ފުރިހަމަވީ އެއްނޫނެވެ. ތަރައްޤީ އަކީ އަބަދުވެސް ކުރިއަރަމުންދާ ކަމެކެވެ. އެކަމަށް ޓަކައި މާލީ ތަނަވަސްކަން ބޭނުން ވެއެވެ. އެތަނަވަސްކަން ދެމިއޮންނާނީ އަޅުގަޑުމެން އެންމެން ވެސް އެއާއި މެދު ވިސްނައި ފިކުރުކޮށްގެންނެވެ.
އައްޑު އަތޮޅުގެ ހިތަދޫ ބޮޑު މަގު ގައި ތާރުލޭޔަރ އަޅާފައިވަނީ ދުނިޔޭގެ އެއްވެސް އެހެން ޤައުމެއްގައި އެކަން ކުރާ އުސޫލަކުންނޫނެވެ. ބޭކާރު އެތަކެއް ޚަރަދު ތަކަކާއި އެކު ދަށް ފެންވަރެއްގައި އެވެ.
މަސައްކަތުގެ ތަޖްރިބާ އެއް ނެތް ބަޔަކާ ހަވާލުކުރުމުގެ ނަތީޖާ އެއްގެ ގޮތުން ތާރުލޭޔަރ އެޅުމުގައި ބައެއް ދިމަދިމާލުގައި "3 ބޯމިން ބައެއް ދިމަދިމާލުގައި އެއްވުރެ ބޯމިން އެބަހުއްޓެވެ. ތާރުލޭޔަރުގެ އަޑީގައި ހުރި ބަޔަކާ މަތީގައި ހުރި ބަޔަކާ ނުގުޅެއެވެ. ގާތްގަޑަކަށް ހިތަދޫގެ ހުރިހާ މަގުތަކަކަށް އެޅޭނެހާ ތާރު ބޮޑުމަގަށް ޚަރަދުކުރެވިފައިވާ ކަމަށް ވެއެވެ.
ރާއްޖޭގައި އަދި އައްޑު އަތޮޅުގައި ވެސް ރަގަޅު ފެންވަރަކަށް މަގުހަދައި ތާރުލޭޔަރެއް ފުރަތަމަ އަޅާފައިވަނީ އައްޑު އަތޮޅުގެ ގަމުގައެވެ. 19 އަހަރު ވަންދެން ނުހަނު ބޮޑަތި ބަރު އުޅަދުތައް ބޭނުން ކުރަމުން ދިޔަ މި މަގުގައި ވެސް "3 ބޯމިން ހުރި ތަނެއް މިއަދުވެސް ނެތެވެ.
އިނގިރޭސިން ގަމުން ފޭބި ފަހުން 36 މާޟީވެދިޔަ އިރުވެސް އެތާރު ލޭޔަރ އަދިވެސް އެބައޮތެވެ. ނަމަވެސް މަރާމާތު ކުރުމެއް ނެތި ގިނަ ދުވަސްތަކެއް ފާއިތުވެ ދިއުމުން ޕެޗް އަޅަންޖެހިފައިވާ ބައެއް ތަންތަން ނެތްކަމުގައި ދަންނަވާކަށް އަޅުގަޑު ނެތީމެވެ.
އައްޑު އަތޮޅުގެ ހިތަދޫ އާއި ގަމާ ދެމެދު ގުޅާލެވިފައިވާ "ލިންކްރޯޑް" އަކީ ދެހާހުގެ އަހަރު ތަކުގެ ކުރީކޮޅުގައި ތަރައްޤީކޮށްފައިވާ މަގެކެވެ. އެމަގުގައި ވެސް "3 ބޯމިނުގެ ތަނެއް ނެތެވެ. ނަމަވެސް މަސައްކަތް ކޮށްފައިވަނީ ކަމުގެ ތަޖްރިބާ ލިބިފައިވާ ރާއްޖެއިން ބޭރުގެ ބަޔެކެވެ. މާބޮޑު މަރާމާތެއް ކުރުމެއް ނެތި 12 ވަރަކަށް އަހަރު ފާއިތުވެ ހިގައްޖެއެވެ. ތާރުލޭޔަރ ގެ ބޯމިނަކީ ގާތްގަޑަކަށް "2/1 އެވެ.
މިދެމަގުގެ ތަފާތަށް ބަލާއިރު ހިތަދޫ ބޮޑު މަގު ނުވަތަ "ޢާޒީމަގު" މަރާމާތު ކުރުމުގައި ދިވެހި ދައުލަތުގެ ބަޖެޓަށް ބާރު ބޮޑުވެގެންދާއިރު ލިންކުރޯޑް މަރާމާތު ކުރުމުގެ ޚަރަދު އެތައް ތަނެއް ލުއިވެގެންދާނެއެވެ. ތާރު އަޅާފައިވާ މަގުތަކަކީ އަބަދުވެސް މަރާމާތު ކުރަންޖެހޭ މަގުތަކެކެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިކަން ހިގަމުންދަނީ މިއުސޫލުންނެވެ. ކަންމިހެން ހުރުމާއި އެކު މި މަސައްކަތަކީ ދިވެހި ޤައުމަށް ފައިދާ ހުރި ގޮތުގައި ކުރެވުނު މަސައްކަތެއް ކަމަށް ބެލެވިދާނެބާވައެވެ؟ ދިވެހި ގައުމަށް ތެދުވެރި ފަރުދެއްގެ ހައިސީއްޔަތުން އަމިއްލަ އަށް އިންސާފުކޮށްލައްވާށެވެ.
ފެނާ ފާޚާނާ ނަރުދަމާ ނިޒާމަކީ ވެސް އަތޮޅުގެ ރައްޔަތުންނަށް ނުހަނު ބޭނުންތެރި ދެނިޒާމެވެ. ޚާއްސަކޮށް ސާފު ބޯފެނުގެ ޚިދުމަތަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ވަރަށް މުހިއްމު ޚިދުމަތަކަށް ވާހިނދު އައްޑު އަތޮޅުގައި ސާފުބޯފެން ފޯރުކޮށް ދިނުމުގެ ގޮތުން ރައީސް ނަޝީދުގެ ސަރުކާރުން އެކުރެއްވި މަސައްކަތަކީ ރަގަޅު ޚިދުމަތެއް ކަމުގައި ބަލައިގަންނަން ޖެހެއެވެ. އެހެނީ ސާފުބޯފެން ލިބުމުގައި ދަތިތަކެއް އަދިވެސް އެބަހުއްޓެވެ. އަތޮޅުގެ ހުރިހާ ގެއެއްގައި ވާރޭފެން ތާގީ ބެހެއްޓި ފައެއް ނެތެވެ. އަދި ފެންތާގީ ބެހެއްޓިފައި ހުރި ތަންތަނުގައި ވެސް ވާރޭ ފެން ޖަމާކުރެވެނީ ސިއްހީ ގޮތުން އެންމެ އެދެވޭ ގޮތުގައި ކަމުގައި ދަންނަވާކަށް ނެތީމެވެ. އަޅުގަޑުމެންގެ މަސައްކަތްތައް ހުރިގޮތުން ގިނަފަހަރަށް ފެންޖަމާކުރެވެނީ ތާގީ ސާފުނުކޮށެވެ. ނުވަތަ ފުރާޅު ރަގަޅަށް ސާފުނުކޮށެވެ.
މިކަހަލަ ކިތެންމެ ކަމެކެވެ. މިގޮތުން ބަލާއިރު ރަގަޅު ނިޒާމެއްގެ ތެރެއިން ލިބެމުން އަންނަ ބޯފެނުގެ ޚިދުމަތަކީ ވަރަށް މުހިއްމު ޚިދުމަތެއް ކަމުގައި ދަންނަވަންޖެހެއެވެ.
ހަމައެއާއި އެކު ފާޚާނާ ނަރުދަމާ ނިޒާމަކީ ވެސް މުހިއްމު ޚިދުމަތެކެވެ. އަތޮޅުގެ ގިނަ ބަޔަކު ފާޚާނާ ބޭނުން ކުރަން ފެށުމާއި ގުޅިގެން އަތޮޅުގެ ފެންފަށަލަ މިހާރު ވަނީ ލޮނުވާން ކާރިވެފައެވެ. ބައެއް ރަށްރަށުގައި މިހާރު ވެސް ވަނީ ލޮނުވެފައެވެ. އަދި ފެންދަތުރުކުރާ މިސްރާބު ބެލުމެއް ނެތި ދިމާވާ ކޮންމެ ތަނެއްގައި ނުވަތަ ގޯތީގައި އިމާރާތް ކުރެވިފައިވާ ގޮތަކުން ފާޚާނާ ގެ ސެޕްޓިކް ޓޭންކް ބެހެއްޓޭ ގޮތަކުން ސާފު ބޯފެން ފަށަލަ އާއި ފާޚާނާ އިން ބޭރުވާ ނަޖިސްފެނާ މިކްސް ވުމުގެ ސަބަބުން ސިއްހީ ގޮތުން އެތަކެއް މައްސަލަތައް ކުރިމަތިވެއެވެ. ބައެއް ފަރާތްތަކުން ކެއުމާއި ބުއިމަށް އަދިވެސް ވަޅުފެން ބޭނުން ކުރަމުން އަންނަ ކަމަށް ވެއެވެ. މިގޮތުން ބަލާއިރު މިފަދަ ނިޒާމެއްގެ ޚިދުމަތް ނުހަނު ބޮޑުކަން ޔަގީނެވެ.
ނަމަވެސް މި ނިޒާމަކީ އައްޑު އަތޮޅަށް އެންމެ އެދެވޭ ނިޒާމްކަމުގައި ދަންނަވާކަށް ނެތީމެވެ. އެހެނީ އައްޑު އަތޮޅަކީ ރާއްޖޭގެ އަތޮޅުތަކަށް ބަލާއިރު މާލީގޮތުން އެންމެ ދަތިދިރިއުޅުމެއް ތަހައްމަލް ކުރަމުންދާ ބަޔަކު ދިރިއުޅޭ އަތޮޅެވެ. އާމްދަނީ ލިބޭނެ ގޮތެއް ފެނިފައި ނުވާއިރު ވަޒީފާގެ ފުރުސަތު ތަކެއް ނެތެވެ. މަސްވެރިކަން ދަށް ދުވަސްވަރެއްގައި ނަމަ އަތޮޅުގެ ރައްޔަތުން ތިބެނީ ތަރަތަރަ ޖަހަޖަހާ އެވެ.
އަޅުގަޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަށުގެ ކޮންމެ ކޮށްޓެއްގެ މައިޖަންކްޝަނަށް ޖަމާވާ ހުރިހާ ނަޖިހެއް ބޭރުކޮށްދެނީ އެލެކްޓްރިކް ޕަމްޕަކުންނެވެ. އެކޮށީގެ އާބާދީ ގެ ނިސްބަތުން ގާތްގަޑަކަށް 24 ގަޑިއިރު މެދުނުކެޑި ޕަމްޕް ޖެހިފައި ހުންނާނެ ކަމަށް ބެލެވޭއިރު އެއީ ބޮޑު ޚަރަދަކަށް ވެގެންދާނެއެވެ. އެ ޚަރަދު އުފުއްލަން ޖެހޭ ބަޔަކީ ދެވަނަ އެހެން ބައެއް ނޫނެވެ. އައްޑު އަތޮޅުގެ ލޮބުވެތި ރައްޔަތުންނެވެ. ނިޒާމަކީ ކިތެންމެ މުހިއްމު ނިޒާމެއް ކަމުގައި ވިނަމަވެސް ދަތި ދިރިއުޅުމެއް ތަހައްމަލް ކުރަމުންދާ ބައެއްގެ ބޮލުގައި އިތުރު ޚަރަދެއް އަޅަންޖެހުނީ އެވެ. މިނިޒާމަކީ ރާއްޖޭގެ ބައެއް ރިޒޯޓް ތަކުގައި ބެހެއްޓިފައިވާ ނިޒާމެއް ކަމުން އެއާއި ބެހޭ ގިނަ މަޢުލޫމާތެއް ލިބިފައިވާ ކިތެންމެ ބަޔަކު އެބައުޅެއެވެ.
އާދެ! ނަޝީދުގެ ސަރުކާރުގައި އުމްރާނީ ގޮތުން އައްޑު އަތޮޅަށް ލިބިގެން ދިޔަ ތިންވަނަ ކުރިއެރުމަކީ ކޮންވެޝަނަލް ސެންޓަރ ނުވަތަ އިކްއެޓޯރިއަލް ކޮންވެންޝަނަލް ސެންޓަރ އެވެ. ދަރުބާރު ގެއެވެ.
ތެދުފުޅެކެވެ. މިސަރަހައްދުގެ އެހެނިހެން ޤައުމު ތަކުގައި އިމާރާތް ކުރެވިފައިވާ އެފަދަ އިމާރާތްތަކަށް ބަލާއިރު މިސެންޓަރަކީ ވެސް ރީތި ޑިޒައިނަކަށް އިމާރާތް ކުރެވިފައިވާ ތަނެކެވެ. ވަށައިގެން ބިއްލޫރި އަދި އެތެރޭގެ ޑިޒައިންތައްވެސް އެހާމެ ފުރިހަމަ މިއިމާރާތަކީ ބަލާބެލުމަށް ވަރަށް ފުރިހަމަ ރީތި އިމާރާތެކެވެ. އަދި ކުޑަކުޑަ 7 ރަށެއްގެ މައްޗަށް އެކުލެވޭ ކުޅިއެއްގެ ތެރޭގައި އިމާރާތް ކުރިވިފައި ވުމުން މަންޒަރު ކިތެންމެހާ ވެސް ރީއްޗެވެ. ނަމަވެސް :
1. އިމާރާތްކުރެވިފައިވަނީ ޗަކަ ބިމެއްގައި ކަމަށް ވެފައި ޗަކަނަގާފައި އެޅިފަސްގަޑު ރަގަޅަށް ބާރު ނުވުމުގެ ސަބަބުން ނުވަތަ ފަސްގަޑު ހަމަޖެހުމަށް އެކަށީގެންވާ މުއްދަތެއް ނުދީ ވަގުތުން ވަގުތަށް މަސައްކަތް ކުރުމުގެ ނަތީޖާ އެއްގެ ގޮތުން ނިކުމެ ނުދާނެ ހުރިހާ ކަމެއްގެ އަސަރު މިހާރު ވަނީ ފެންނަން ފަށާފައެވެ. ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުން އިމާރާތުގެ ބައެއް ދިމަދިމާލުގައި މިހާރު ވެސް ވަނީ ރެނދު އަޅާފައެވެ.
2. ދިވެހި ދައުލަތުގެ ބަޖެޓުންނާއި އެކު މިހާބޮޑު ހޭދައެއް ކޮށްގެން ކުރެވުނު މި މަސައްކަތުން އަޅުގަޑުމެން އައްޑު އަތޮޅުގެ ރައްޔަތުންނަށް ލިބުނު ކުރިއެރުމަކީ ކޮބައިތޯއެވެ؟ ވަޒީފާގެ އެންމެ ފުރުސަތެއް އިތުރު ކުރެވިފައި ނުވާއިރު މަހެއްގެ މައްޗަށް ކަރަންޓު ޚަރަދަށް އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހޭދަކުރަންޖެހޭ ކަމަށް ވެއެވެ. ފަހަރެއްގައި ވަގުތުން ވަގުތަށް މިފައިސާ ނުދެއްކިފައި އެކަށީގެންވާ ކަމެކެވެ. ނަމަވެސް އޭގައި ވަކިތަފާތެއް ނެތެވެ. އެފައިސާ އަކީ ދައްކަންޖެހޭ އެއްޗެކެވެ.
ސާކް ސަމިޓް އައްޑު އަތޮޅުގައި ބޭއްވުމަށް ރައްޔަތުންގެ މަޖިލީހުން ބަޖެޓްކޮށް ފައިވަނީ 230 މިލިއަން ދިވެހި ރުފިޔާ އެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވި ގޮތުން ސާކްސަމިޓް އާއި ގުޅިގެން އައްޑު އަތޮޅަށް 750 މިލިއަން ދިވެހި ރުފިޔާ ޚަރަދު ކުރެވިފައިވެއެވެ. އަޅުގަޑު ހަދާންވާ ގޮތުގައި 850 މިލިއަނަށް ވުރެ ބޮޑު އަދަދެއް ހޭދަވިކަމުގައި ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެއެވެ. އެއީ ވެސް ފުރިހަމަ ޖުމުލަ ކަމަކަށް ނުވެއެވެ. ލަފާކުރެވޭ ގޮތުން އެއްހާސް މިލިއަނަށް ވުރެ ބޮޑު އަދަދެއް ހޭދަވިއެވެ.
ދިވެހި ދައުލަތުގެ ބަޖެޓުންނާއި އެކު މިހާބޮޑު އަދަދެއް ހޭދަވިކަމަށް ބެލެވޭއިރު އައްޑު އަތޮޅުގެ ރައްޔަތުންނަށް ލިބިފައިވަނީ ވަގުތީ ފައިދާއެއް ކަން އަޅުގަޑު ފާހަގަކޮށްލަމެވެ. މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އެމަސައްކަތުގެ ތެރޭގައި އުޅުނު ބަޔަކަށް ލިބިގެން ދިޔަ މަދު އަދަދެއްގެ މާލީ ތަނަވަސްކަމަކާއި އިމާރާތްތައް ކުއްޔަށް ދިނުމުން ލިބިގެން ދިޔަ މާލީ ތަނަވަސް ކަމެކެވެ. ނަމަވެސް ކުރެވުނު ޚަރަދުގެ ޖުމަލަ އަދަދަށް ބަލާއިރު އެއީ އަތޮޅަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެ ގެނެވޭ ފަދަ ޕްރޮޖެކްޓެއް ހިންގިދާނެ އަދަދެކެވެ. ކުޑަކުޑަ ރެސޯޓެއް ތަރައްޤީ ކުރުމަށް މިދެންނެވި އަދަދަކީ މަދު އަދަދެއްނޫނެވެ. މިސާލަކަށް " ހަންކެޑެ " ކިޔާ ފަޅުރަށުގެ ތެރެއިން ދަތުރުކުރެވޭ ގޮތަށް ރަށުގެ މެދުތެރެއިން މިހާރު ހަދާފައިވާ މަގު އެރަށާ ގުޅުމެއް ނެތް ގޮތަށް ހުޅަގުފަރާތަށް ބަދަލުކޮށް ޓުވަރިސްޓް ރެސޯޓަކަށް އެރަށް ތަރައްޤީ ކުރުމަށް މިއީ މަދު އަދަދެއްތޯއެވެ؟ އަދި މިނޫނަސް އައްޑު އަތޮޅުގައި ފަޅުރަށްތައް އެބަހުއްޓެވެ. އާދެ! މިދެންނެވި ހަގީގަތުގެ މައްޗަށް ބުރަވެ ހުރެ އައްޑު އަތޮޅުގެ ރައްޔަތުންގެ މާލީ ތަނަވަސްކަން އިތުރުކުރެވޭ ފަދަ މަޝްރޫޢެއް ހިންގުމަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ވެސް ސިޔާސަތެއް ނޫންކަމުގައި ދަންނަވާކަށް އަޅުގަޑު ފަސްނުޖެހެއެވެ. އައްޑު އަތޮޅުގެ ރައްޔަތުންގެ މާލީ ތަނަވަސް ކަމުގައި ދިވެހި ސަރުކާރުން އަތްއަޅާފައި އޮތް އޮތުމުގެ ސިޔާސަތަށް އައި ވަކި ބަދަލެއް ނެތް ކަމުގައި ދަންނަވަންޖެހެއެވެ. ހަމަ " މުދިންކައުޅު ބުނިގޮތެވެ." ނުވަތަ އިހުވެސް އޮތް ގޮތެވެ. އެއަކަށް ބަދަލެއް ނާދެއެވެ.
އަޅުގަޑު މިދެންނެވީ އެމް.ޑީ.ޕީ. ސަރުކާރުގައި އައްޑު އަތޮޅަށް ލިބިފައިވާ ކަމަށް ބެލެވޭ އުމްރާނީ ތަރައްޤީގެ ހަގީގަތެވެ. އޭގެ ސަބަބުން އަތޮޅުގެ ލޮބުވެތި ރައްޔަތުންނަށް ލިބޭ މަންފާ އާއި ގެއްލުމެވެ. ހަގީގަތުގައި މިއިން ކޮންމެ ކަމަކީ އަތޮޅުގެ ރައްޔަތުންނަށް މަންފާތަކެއް ލިބޭ ޚިދުމަތްތަކެއް ވިނަމަވެސް އަތޮޅުގެ މާލީ ތަނަވަސްކަން މިވަގުތު ހުރި މިންވަރަށް ބަލާއިރު ރައީސް ނަޝީދުގެ ސަރުކާރުން އައްޑު އަތޮޅަށް ކުރިމަތި ކުރުވީ އުފުއްލަން ދަތި އިތުރު ޚަރަދެކެވެ. އެޚަރަދުތަކާއި އެކު މާލީތަނަވަސްކަން ލިބޭފަދަ ގޮތެއް ހަމަޖެއްސިނަމަ މިވާހަކަ ލިޔާކަށް ފުރުސަތެއް ނެތެވެ.
ނަމަވެސް ނަޝީދުގެ ވެރިކަމުގައި ވެސް އެފަދަ ފުރުސަތެއް އައްޑު އަތޮޅަށް ހޯއްދަވާ ދެއްވާފައެއް ނުވެއެވެ. އެހެންކަމުން ފަޚުރުވެރި ކަމާއި އެކު މާޟީވެދިޔަ 30 އަހަރު އައްޑު އަތޮޅަށް ހާސިލު ކުރެވިފައިނުވާ ކާމިޔާބީ ތަކެއް ރައީސް ނަޝީދުގެ އެންމެ ތިންއަހަރު ގެ ތެރޭގައި ހާސިލުވެއްޖެކަމުގައި ވާހަކަ ދައްކަމުންދާއިރު އަތޮޅުގެ މާލީ ތަނަވަސްކަމާއި މެދު ވިސްނެވިންތޯއެވެ؟ އަމިއްލަ ފުޅަށް މުސުވާލުކޮށްލައްވާފަ ޖަވާބު ވެސް އަމިއްލަ އަށް ހޯއްދަވާށެވެ. އަދި ރައީސް މައުމޫނުގެ ތިރީސް އަހަރު އައްޑު އަތޮޅަށް ލިބިފައިވާ އުމްރާނީގެ އެންމެހާ ކުރިއެރުންތައް އަންދާ ހުލިކުރި ބަޔަކީ އެމް.ޑީ.ޕީ. ކަން ހަދުމަފުޅު ނެތީތޯއެވެ؟
ރައްޔަތުންގެ މަޖިލީހުގެ އައްޑު އަތޮޅު ހިތަދޫ މެދު ދާއިރާގެ މެމްބަރު އާއި ރައްޔަތުން އިންތިޚާބު ކޮށްފައިވާ ކައުންސިލަރުންގެ ބައިވެރި ވުމާއި ވެސް އެކުގައި ހިންގި މިޓެރަރިސްޓް އަމަލުގެ ސަބަބުން އަތޮޅަށް ލިބިގެން ދިޔަ ފޫނުބެއްދޭވަރުގެ ގެއްލުމުގެ ހަދާނެއްނެތެވެ. " ގުންޑާއިން" ނަށް މަހެއްގެ މައްޗަށް ފަސްދޮޅަސް ހާހުން ތިރީސް ހާހުން އަދަދު ގުނާލެވޭ ފައިސާގެ ތަނަވަސްކަމާއި ޢިއްޒަތާއި ޤަދަރާއި ޝަރަފު ހޯދާދިން ބަޔަކީ އައްޑު އަތޮޅުގެ ލޮބުވެތި ރައްޔަތުންކަމާއި އެރައްޔަތުންނަށް ވެވޭ ޚިޔާނަތަކީ ނުވަތަ އެރައްޔަތުންގެ މުދަލައް ގެއްލުން ދިނުމަކީ މާތްﷲ ގަންދީ ތިމާމެން ކޮށްގެން ތިބި ހުވަޔާވެސް ޚިލާފު ކަމެއްކަން ނޭގޭ ލަދުހަޔާތް ކުޑަބަޔެކެވެ. ރައްޔަތުން، ރައްޔަތުންނޭ ކިޔައިގެން ވާހަކަ ދައްކާ އިރު ހިތަށް އަރަނީ ކީކޭބާވައެވެ؟
2012 ފެބްރުއަރީ 08 ވަނަ ދުވަހު އައްޑު އަތޮޅަށް ނިސްބަތްވާ މެމްބަރުންނާއި ކައުންސިލަރުން މެދުވެރިކޮށް އެމް.ޑީ.ޕީ. އިން ހިންގި ޓެރެރިސްޓް އަމަލުގެ ސަބަބުން އައްޑު އަތޮޅަށް ލިބިގެންދިޔަ ގެއްލުމުގެ ޖުމުލަ އަދަދު މިލިއަނުން ގުނާލެވޭ އިރު މީގެ ތެރެއިން ވެސް ކޯޓްތަކުގައި ފައިލްކުރެވިފައިވާ ޒަމާންވީ ލިޔެކިއުންތައް އަންދާލިކަން ޚާއްސަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. ވަރިކާވެންޏާއި ތަރިކަ މުދަލުގެ މައްސަލަތަކާއި އަދި މިނޫނަސް ޒަމާންވީ ތަފާތު މައްސަލަތައް ގެއްލިގެން ދިޔަ ކަމެވެ. މީގެ ތެރެއިން މަދުކަމެއް ނޫނީ އަލުން ނުލިބޭނެހާ މުހިއްމު ލިޔުންތަކެކެވެ.
ހިގަހިގާ ހުރި ޝަރީޢަތްތަކާއި ބެހޭ ލިޔުންތަކެވެ. އެމް.ޑީ.ޕީ. ގެ ރޫހާނީ ރައީސް އާއި އެމް.ޑީ.ޕީ. އަށް ނިސްބަތްވާ އައްޑު އަތޮޅުގެ ކައުންސިލަރުން އެބުނާ ހެޔޮވެރިކަމަކީ މިއީތޯއެވެ؟ މިއީ ރާއްޖޭގެ ރައްޔަތުން ބަލައިގަންނާނެ ވެރިކަމަކަށް ނުވެއެވެ. ލަދެއް ހަޔާތެއް ތިބި ބަޔަކު ނަމަ ރައްޔަތުންގެ މުދަލަށް މިހާބޮޑެތި ގެއްލުންދިނުމަށް ފަހު ރައްޔަތުންގެ މާލިއްޔަތުން " މުސާރަ "އިގެ ނަމުގައި ފައިސާ ތަކެއް ނުނަގާނެއެވެ. ނަމަވެސް ހަޔާތުގެ ކަންފުޅެއްވެސް ނެތެވެ.
އަޅުގަޑުމެންގެ އަވަށްޓެރި ގައުމު ތަކާއި އަދި އެނޫނަސް ދުނިޔޭގެ އެއްވެސް ގައުމެއްގައި މިފަދަ ޚިޔާނާތްތެރި ބަޔަކު އެފަދަ މަގާމެއްގައި ނުބައިތިއްބާނެއެވެ. ވަގުތުން ދަމާހަލާ ބޭރުކުރާނެއެވެ. މިފަދަ ކިތެންމެ މަންޒަރެއް ރޭޑިއޯ ޓީ.ވީ. އިން އަޅުގަޑުމެންނަށް ފެންނަމުން ދެއެވެ. މިފަދަ ބޮޑެތި ޚިޔާނާތްތެރިންނަށް ފުރުސަތު ދިނުމަކީ އެފަދަ ކަންތަކަށް ދެވޭ ހިތްވަރެއްކަން ޔަގީނެވެ.
ފެބްރުއަރީ 08 ވަނަ ދުވަހު ހިގާދިޔަ ހާދިސާ އާއި ގުޅިފައިވާ ކޮންމެ ކަމަކީ ފާހަގަކޮށްލެވޭ ގެއްލުމެކެވެ. އަތޮޅުގެ ރައްޔަތުންނަށް ލިބެމުން ދިޔަ ގިނަ ޚިދުމަތްތަކަކުން ރައްޔަތުން މަހުރޫމް ވެގެންދިޔަ (ފެބްރުއަރީ 08 ވަނަ ދުވަހަކީ ކަޅުދު) ދުވަހެއްގެ ގޮތުގައެވެ. ކޯޓް ތަކާއި ޕޮލިސް ސާރވިސްގެ ޚިދުމަތް ވެސް މެދުކަޑާލަން ޖެހުނު ހާދިސާ އެކެވެ. ޚިދުމަތް ފޯރުކޮށްދޭނެ އިމާރާތެއް ނެތުމުގެ ސަބަބުންނެވެ. މިހުރިހާ ކަމަކާ އެކުވެސް ފާހަގަކޮށްލެވޭ ދެވަނަ ކަމަކީ ޕޮލިސް ޓްރެއިނިންގ ސެންޓަރ އަންދާލުމެވެ.
ޕޮލިސް ޓްރެއިނިންގ ސެންޓަރ ހިގަމުން ދިއުމަކީ އަތޮޅުގެ މާލީ ތަނަވަސްކަން އިތުރުވެގެންދާ ކަމެކެވެ. ޓްރެއިނިންގ ހެދުމަށް ޓަކައި އެ ސެންޓަރ ގައި ހަރަކާތްތެރިވަމުންދާ 250 ވަރަކަށް މީހުން ނުވަތަ އެއަށް ވުރެ އިތުރު އަދެއްގެ މީހުން ކުރާ ވިޔަފާރި އަކީ ޝައްކެތްނެތް ގޮތުގައި އަތޮޅުގެ މާލީ ތަނަވަސްކަން އިތުރުކޮށްދޭ ކަމެކެވެ. ވަޒީފާގެ ފުރުސަތު ތަކެއްނެތް އާމްދަނީ ލިބޭނެ ގޮތެއް ފެނިފައި ނުވާބަޔަކަށް އައްޑު އަތޮޅުގެ ރައްޔަތުންވާ ހިނދު ޕޮލިހުންނާއި ސިފައިން ކުރަމުން ދާ ވިޔަފާރި އަކީ އަތޮޅުގެ ވިޔަފާރި ތަރައްޤީ ކުރުމަށް ލިބޭ ފުރުސަތެއްވެސް މެއެވެ. ނަމަވެސް ފެބްރުއަރީ 08 ވަނަ ދުވަހުން ފެށިގެން އައްޑު އަތޮޅުގެ ލޮބުވެތި ރައްޔަތުންނަށް އެފުރުސަތު ވަނީ ގެއްލިފައެވެ.
މިއީ އެމް.ޑީ.ޕީ. ގެ ވެރިކަމެއް ރާއްޖޭގައި ގާއިމުކޮށް ދިނުމަށް ރާއްޖޭގެ ލޮބުވެތި ރައްޔަތުން ކުރަމުންދިޔަ މިންނަތް މަސައްކަތުގެ ނަތީޖާ އެވެ. އެމް.ޑީ.ޕީ. އަށް ނިސްބަތްވާ އައްޑު އަތޮޅުގެ ކައުންސިލަރުންނަށް އެމަގާމު ހޯދާ ދިނުމުގައި ލޮބުވެތި ރައްޔަތުން ކުރި މަސައްކަތުގެ ނަތީޖާ އަކަށް ފަހެ ނުވޭތޯއެވެ؟
މިދެންނެވީ ކަމުގެ ހަގީގަތް ކަމަށް ވުމާއި އެކު އެމް.ޑީ.ޕީ. ސަރުކާރުގައި އައްޑު އަތޮޅަށް ލިބިގެން ދިޔަ ކުރިއެރުމަށް ވުރެ ބޮޑު ގެއްލުން އަތޮޅަށް ލިބިގެން ދިޔަކަމުގައި ދަންނަވަން މަޖްބޫރުވެއެވެ. އަދި ވަކިން ޚާއްސަކޮށް ޕޮލިސްޓްރެއިނިންގ ސެންޓަރ އަންދާލުމުން އަތޮޅުގެ ރައްޔަތުންގެ ކިބައިން ގެއްލިގެން ދިޔަ މާލީ ތަނަވަސްކަމުގެ މިންވަރު މިއަދާއި ހަމަޔަށް ބަލާއިރު އަދަދު ގުނާލެވޭނީ މިލިއަނުން ކަން ކަށަވަރެވެ. އަދި " މަގޭ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ހިމާޔަތުގައި ވާހަކަ ނުދައްކާ " ޒާތީ ތައައްސަބެއް ނެތް ކޮންމެ މީހަކު މިހަޤީގަތް ގަބޫލުކުރާނެކަން ކަށަވަރެވެ. އަދި އަޅުގަޑުމެންނީ އަޅުގަޑުގެމެންގެ ޤައުމަށް އަޅުގަޑުމެންގެ އަތޮޅަށް އަތޮޅުގެ ރައްޔަތުންނަށް ތަރައްޤީ އާއި ކުރިއެރުމަށް ހެޔޮއެދޭ ބަޔަކު ކަމުގައިވާނަމަ ރައީސް ނަޝީދުގެ ފަހަތުގައި ތިބެންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި ކައުންސިލަރުންގެ ނަމުގައި އައްޑު އަތޮޅުގައި ހަރަކާތްތެރިވާ ބައެއްގެ ފަހަތުގައި ތިބެންޖެހޭ ސަބަބެއްވެސް ނެތެވެ. އެއީ ދިވެހި ޤައުމަށް މުޅިމުޖްތަމަޢަށް ޚިޔާނާތްތެރިންނެވެ. އެފަދަ ބައެއްގެ ފަހަތުގައި ތިބުމަކީ ތިމާވެސް އެމަޅީގައި ޖެހޭ ކަމެކެވެ.
އެހެން ކަމުން ދަންނަވަން ޖެހެނީ އެމް.ޑީ.ޕީ. ގެ ވެރިކަމެއް ރާއްޖޭގައި ދެވަނަ ފަހަރަށް ގާއިމު ވުމަކީ ރާއްޖޭގެ ލޮބުވެތި ރައްޔަތުންނަށް ހުރި ގެއްލުމެއް ކަމަށާއި އަދި އެމް.ޑީ.ޕީ. ގެ ކައުންސިލަރުންނަށް އިތުރު ފުރުސަތެއް ދިނުމަކީ ރާއްޖޭގެ އައްޑު އަތޮޅުގެ ތަރައްޤީ ކުރިމަތިކުރުވާ ހުރަހެއްކަމަށެވެ. އަޅުގަޑުގެ އިލްތިމާސް އަކީ މިފަދަ ފުރުސަތެއް އެމް.ޑީ.ޕީ. އަށް އަދި އެޕާޓީ އަށް ނިސްބަތްވާ ކައުންސިލަރުންނާއި މެމްބަރުންނަށް ވެސް ނުދިނުމެވެ. ދިވެހި ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަން އަމާން ގާއިމުކުރުމަށެވެ. އަޅުގަޑުމެންގެ ކައުބަފައިން ފަދައިން އަޅުގަޑުމެންނީ އެބައިވަންތަ އެއްބަޔަށް ވަންތަ ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ހެދުމަށެވެ. ރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމަށް މަގުފަހިކުރުމަށެވެ.
ހަމަޖެހިގެން ދިރިއުޅޭ ވެއްޓަކަށް ދިވެހި މުޖްތަމަޢު ހެދުމުގެ މަތިވެރި މަގުސަދުގައެވެ. އަޅުގަނޑުމެންނީ ހެޔޮބަސް އަޑުއަހާ ހެޔޮ ކަންތައްތަކަށް ލޯބިކުރާ ބަޔަކު ކަމުގައި މިންވަރު ކުރެއްވުން އެދި ﷲ ސުބްހާނަހޫ ވަތަޢާލާ އަށް ދުޢާ ދަންނަވަމެވެ.