އައްޑޫގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން އިމިގްޝަނާއި އައްޑޫ ސިޓީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި އިމިގްރޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުޙައްމަދު ޖުނައިދާއި ސީނިއާ އިމިގްރޭޝަން އޮފިސަރު އާސިފް ހުސައިން އެވެ.
ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑއިގަތީ ޑެޕިއުޓީ މޭޔަރު ޢަބްދުﷲ ޠައްޔިބާއި ކައުންސިލަރު ޙުސައިން ހިލްމީ އަދި ޑިރެކްޓަރު މުޙައްމަދު ސައުދީ ޙަސަނެވެ.
މި ބައްދަލުވުމުގައި އައްޑޫގައި ޤަވާއިދާ ޙިލާފަށް އުޅޭ ބިދޭސީންގެ ނިސްބަތް އިތުރުވެ މުޖުތަމަޢުއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަން ކައުންސިލަށް ފާހަގަވަމުންދާ ކަމަށާއި މިކަމަށް ހައްލެއް ގެންނަން ޖެހިއްޖެ ކަމަށާއި އެކަން ކުރުމަށްޓަކައި ކައުންސިލްގެ ފަރާތުން އިމިގްރޭޝަނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް ތިބިކަމުގައި ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.
ޖުނައިދު ވިދާޅުވި ގޮތުގައި މަސައްކަތް ކުރުވުމަށްޓަކައި ގެންގުޅޭ ބިދޭސީ މީހާއަށް ވެސް އަދި މަސައްކަތް ކުރުވާ ދިވެހި މީހާއަށް ވެސް ޤަވާއިދުތައް ނޭގޭ ޙާލަތްތައް ގިނަ ކަމަށެވެ.
އެހެންކަމުން މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން މުހިއްމު ކަމަށެވެ. މުޙައްމަދު ޖުނައިދު އިތުރަށް ވިދާޅުވި ގޮތުގައި ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ނަމަވެސް މިމައްސަލަ ހައްލު ކުރުމުގައި އެންމެ ބޮޑަށް ދަތިވަނީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތައް މޮނިޓަރ ކުރުމުގައި ބައެއްކަހަލަ ދަތިތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.
އިމިގްރޭޝަނާއެކު ބޭއްވުނު ބައްދަލުވުމަށް ފަހު އިތުރަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ދެ ފަރާތުން މަޝްވަރާކޮށްފައިވެ އެވެ.
ނަމަވެސް މިބައްދަލުވުން ބާއްވާނެ ދުވަހެއް ކަނޑައެޅިފައެއް ނުވެ އެވެ.