ތިރީގައި މިވާ ވައްތަރުގެ ތެޔޮތަށް ކަންފަތް ކައިރީގައި އާއި އަތުކުރީގައި އުނގުޅުމަކީ ވަރަށް އަރާމް ނިދި ލިއްބައިދޭ ކަމެކެވެ.
1. ބޮލުގައި ރިއްސާނަމަ ލެވެންޑާ އޮއިލް
މިއީ ވަރަށް މީރުވަސް ދުވާ، ގިނަ ބަޔަކަށް އެނގޭ ވަރަށް މަޝްހޫރު ތެލެކެވެ. ލެވެންޑާ އޮއިލް އަކީ ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި އަރާމް ނިދި ލިއްބައި ދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އެހެންކަމުން މީރުވަސް ދުވާ އުއްބަތި އާއި، ބާތު ސޯލްޓްސް އަދި ލޮލުގައި އަޅާ މާސްކްތައް ތައްޔާރު ކުރުމުގައި މި ތެޔޮ ވަރަށް ގިނައިން ބޭނުން ކުރެއެވެ. ނިދުމުގައި އުނދަގޫ ވާނަމަ ނުވަތަ ބޮލުގައި ކުޑަކޮށް ރިއްސާނަމަ މި ތެޔޮ ބޭނުން ކުރުމަކީ ރަނގަޅު ކަމެކެވެ.
2. ބްލަޑް ޕްރެޝާ އަށް ކްލޭރީ ސޭޖް
ކްލޭރީ ސޭޖް ތެލަކީ ބްލަޑް ޕްރެޝާ ދަށްކޮށް ދިނުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭ ތެލެކެވެ. ލޭމައްޗަށް ދިއުމަކީ ނިދުމުގައި އުނދަގޫތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. އެހެންކަމުން ކްލޭރީ ސޭޖް އަކީ ބްލަޑް ޕްރެޝާ ކޮންޓްރޯލް ކޮށް، ފަސޭހައިން ނިދޭ ގޮތް މަގުފަހި ކޮށްދޭ ތެލެއް ކަމަށް ވެޓްރަން އަރޯމާތެރަޕިސްޓެއް ކަމަށްވާ ބްލޮސަމް ކޯޗާރް ވިދާޅުވެއެވެ.
3. ތަނަކަށް ތަދުވާނަމަ ފްރޭންކިންސެންސް
2016 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ފްރޭންކިންސެންސް ތެޔޮ އުނގުޅާފައިވާ އަރޯމާ ސްޓިކްސް ބޭނުން ކުރުމުން ކެންސަރު ޖެހިފައިވާ ބަލިމީހުންގެ ތެރެއިން 64 އިންސައްތަ މީހުންނަށް އަރާމު ނިދި ލިބެއެވެ. އަދި 2004 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މި ތެލަކީ ކުދިން ވިހެއުމުގައި ދިމާވާ އެންޒައިޓީ މައްސަލައިގެ އިތުރުން ތަދު ކުޑަކޮށްދޭ އެއްޗެކެވެ.
4. ކޮންފިޑެންސް އަށް ޖޭސްމިން އޮއިލް
މި ތެލަކީ ވަރަށް މީރު ވަހެއް ހުންނަ އެއްޗެކެވެ. އެހެންކަމުން މި ތެޔޮ ބޭނުން ކުރުމުން އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވެގެން ދެއެވެ. މި ތެލުގެ ސަބަބުން ކުދިކުދި މައްސަލަތައް މަތިން ހަނދާން ނެތިވެ މީހާއަށް އަރާމްކަން ލިއްބައިދެއެވެ.
5. ހުޅުހުޅުގައި ރިއްސާނަމަ ވެޓިވާ އޮއިލް
މިއީ ފިނިކޮށްދޭ ތެލެކެވެ. ވެޓިވާ ވިނައިން ތައްޔާރު ކުރާ މި ތެލަކީ ތަދުތައް ފިލުވައިދޭ ތެލެއް ކަމަށް ޤަބޫލު ކުރެވެއެވެ. ކޯޗާރް ބުނާ ގޮތުގައި ހުޅުހުޅުގައި ރިއްސުމުގެ މާޒީއެއް ވާ މީހުންނަށް ތަދުގެ ސަބަބުން ނިދުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ. ވެޓިވާ ފަދަ ތެލެއް ގައިގައި އުނގުޅުމުން އެފަދަ މައްސަލަތައް ހައްލުވެ ތަދު ފިލައިގެން ދެއެވެ.