ކެނެރީގޭ މުހައްމަދު ނަޝީދު ރައީސްކަމުގެ އާދައުރަކަށް ކުރިމަތިލައްވާނަމަ އޭނާގެ ރަނިންމޭޓަކަށް އައްޔަން ކުރައްވާނީ އައްޑުއަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ކޮންމެވެސް ބޭފުޅެއް ކަމަށް ނަޝީދު ވަނީ ވައުދުވެވަޑައިގެންފައެވެ. މިއީ ނަޝީދުގެ ވެރިކަމުން އިސްތިއުފާދެއްވައި އައްޑޫއަށް ވަޑައިގެން އަމިއްލަފުޅަށް ވިދާޅުވި ވިދާޅުވުމެކެވެ. ރިއާސީ އިންތިޚާބު މިހިރަގެން ބޯމަތިވަމުން އަންނަނީއެވެ. އިންތިޚާބާއި ދޭތެރޭ ދެން އޮތީ ހައެއްކަމަސް ދުވަހެވެ. އެކަމަކު އަދިވެސް ނަޝީދުގެ ރަނިންމޭޓުގެ ކަންތައް އޮތީ ނުނިމިއެވެ. އެހެންވެ އައްޑޫ މީހަކު ރަނިންމޭޓަކަށް އައްޔަންކުރާނެ ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އަމަލުކުރައްވާނެކަމާ ދޭތެރޭ ޝައްކުތައް އުފެދެން ފަށައިފިއެވެ.
ޝައްކުތަކާއި ވަހުމްތައް އުފެދެނީ ސަބަބުތަކެއްވެސް ހުރެގެންނެވެ. އޭގެ ތެރޭގައި ނަޝީދުގެ ބަސްމަގާއި އަމަލު ހުންނަ ގޮތާއި އައްޑޫ ރައްޔިތުންނާމެދު ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ވިސްނުން ހުންނަ ގޮތްވެސް ހިމެނެއެވެ. މިހެން ލިޔުނީމާ ބައެއްމީހުން ރުޅިއަރާނެކަންވެސް އެގެއެވެ. އެކަމަކު ހަގީގަތް ވާނީ ހަމަ ހަގީގަތަށެވެ. ބަޔަކު ރުހުނަސް ނުރުހުނަސް ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. މިހުރިހާ ކަންކަމަށް ވިސްނައި ފިކުރު ކުރުމާއެކު ނަޝީދުގެ ވައުދު މިފަހަރުވެސް ޗޮކުން ފޮނުވައިލާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ސަބަބުތައް ބަޔާން ކުރާނަމެވެ.
ނަޝީދުގެ އަރިހުގައި ބަސްދަންނަވައި އޭނާގެ އެތެރެކޮއިލާއި ގާތްވެވޭ ހިސާބުގައި އައްޑޫ މީހަކު އެބަހުރިބާވައެވެ؟ ހުރިނަމަ އެމީހަކަށް ނުވަތަ އެބަޔަކަށް އެމްޑީޕީގެ ބޮޑުންގެ ރުހުމާއި އިތުބާރު އެބައޮތްބާވައެވެ؟ ރީކޯ މޫސައާއި މާރިޔާ ދީދީ އާއި އިބްރާހިމް ހުސައިންޒަކީ ފަދަ ބޭފުޅުންގެ ރުހުން ނެތި ނަޝީދު އޭނާގެ ރަނިންމޭޓު އިޚުތިޔާރު ކުރައްވައިފާނެ ބާވައެވެ؟ މީން ކޮންމެ ސުވާލެއްގެ ޖަވާބުގައި އަޅުގަނޑަށް ދަންނަވަން ޖެހެނީ ނޫނެކޭއެވެ.
އެމްޑީޕީގެ ރައީސަކަށް ޑރ މުހައްމަދު މުނައްވަރު ހުންނެވި ދުވަސްވަރު އޭނާއާއި އޭނާގެ ފަރާތުގައި ތިބި އައްޑޫ މީހުންނަށް ޖެހުނު ދަތުރު ހަނދާންނެތޭހައި ދުވަހެއް އަދި ނުވެއެވެ. ޑރ އިބްރާހިމް ދީދީ އާއި އަލްހާން ފަހުމީއާ ދޭތެރޭ ކަންތައްކުރި ގޮތް އެއީ އިއްޔެގެ ކަމެކެވެ. މިކަންކަމާ ދޭތެރޭ އެއްޗެއް ބުނާން ނުކެރި ތްރީއޭ ހަމްޒާމެން އަލީ ޝިޔާމްމެން އެތިއްބަވާ ސަބަބުވެސް ގިނަބަޔަކަށް އެނގެއެވެ. މިކަންކަމުން އެނގި ސާބިތުވަނީ އައްޑޫއަށް ނިސްބަތްވާ ބަޔަކު ބާރުވެރިކުރުމަށް ޕާޓީގެ އާއްމު މެންބަރުން އަދި ބޭނުންވިއަސް އެމަގުން ކަންކަން ނުދާނެ ކަމާއި ޕާޓީގެ ހަގީގީ ބާރުވެރިންކަމުގައި ތިބި ފަރާތްތަކުން އެކަމަށް ފުރުސަތެއް ނުދޭނެކަމެވެ.
ރިއާސީ ދައުރުގެ މެދުތެރެއިން އަވަސް އިންތިޚާބެއް ބާއްވާނެ ކަމަށް ނަޝީދުގެ ފުރަތަމަ ރިއާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުގެ މަތިންވެސް މިވަގުތު ހަނދާންކުރަންޖެހެއެވެ. އެވައުދާމެދު ނަޝީދު ފަހުން ވިދާޅުވީ އެއީ ފަލްސަފާއެއް ކަމަށެވެ. ފަލްސަފާއެއްގެ ގޮތުގައި ދުވަސްކޮޅަކު ބޭއްވުމަށްފަހު އެންމެ ފަހުން ވިދާޅުވީ އެއީ އެދުވަސްވަރު ޑރ ހަސަން ސައީދުމެން ފަދަ އައްޑޫ ބޭފުޅުން އެކަމަށް ޑިމާންޑްކުރައްވާ މިންވަރު ބޮޑުވެގެން މަޖްބޫރީ ހާލަތެއްގައި ވިދާޅުވެވުނު އެއްޗެއް ކަމަށެވެ. ނަޝީދު ޒާތްޒާތުގެ ވާހަކަފުޅު ދައްކަވާފައި ފަހުން އެއީ މީހަކު ނުވަތަ ބަޔަކު މަޖްބޫރުކޮށްގެން ވީކަމެކޭ ވިދާޅުވުމަކީ އާއްމު ކަމެކެވެ. އޭގެ ތަފްސީލަކަށް އަޅުގަނޑު ނުދާނަމެވެ.
ރިއާސީ އިންތިޚާބަކީ ހަމައެކަނި އައްޑު އަތޮޅުގައި ބާއްވާ އިންތިޚާބެއް ނޫނެވެ. ނަޝީދު ރަނިންމޭޓަކު އައްޔަން ކުރައްވާނަމަ އެބޭފުޅަކު ވާން ޖެހެނީ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް އެބޭފުޅަކަށްޓަކައި ނަޝީދަށް ވޯޓު އިތުރުވާންޖެހޭ ވަރުގެ ބޭފުޅަކަށެވެ. އެންމެފަހުގެ އިންތިޚާބުގައި ނަޝީދުގެ ރަނިންމޭޓަކަށް ޑރ ވަހީދު އައްޔަން ކުރެއްވީ ވެސް މިބޭނުމުގައެވެ. ދެންވެސް ނަޝީދުގެ ރަނިންމޭޓަކަށް ބޭފުޅަކު އައްޔަން ކުރައްވާނީ ހަމަ އެމަގްސަދު އެކުލެވޭ ގޮތުގައެވެ. އެކަން ހިނގާނީ އެގޮތަށެވެ. ދެން އުފެދޭ ސުވާލަކީ މިގިންތިއަށް ފެތޭ އައްޑޫގެ ބޭފުޅަކު އެމްޑީޕީގެ ހަފޮޅުން އެތެރޭގައި އެބަހުންނެވިބާވައެވެ. މާފު ކުރައްވާށެވެ. އަޅުގަނޑަކަށް އެފަދަ ބޭފުޅަކު ނުފެނެއެވެ. އެކަމަކު މުސްތަފާ ލުތުފީ އާއި މުހައްމަދު އަސްލަމްގެ ވާހަކަ ބައެއް މީހުން ދައްކާތީ އިވެއެވެ.
ކޮންމެ ބޭފުޅަކު ރަނިންމޭޓަކަށް އައްޔަން ކުރެއްވިއަސް ކުރިން ނުގެންގުޅޭ ވިސްނުމެއް މިފަހަރު ގެންގުޅޭނެ ކަމަށް ޔަގީން ކުރެވެއެވެ. އެއީ ސައްތައިން ސައްތަ އިތުބާރު ކުރެވޭ މީހަކު އައްޔަން ކުރުމުގެ ވިސްނުމެވެ. ޑރ ވަހީދު ވަނީ އެމްޑީޕީ ގަބޫލު ކުރާގޮތުގައި ނަޝީދާއި އެމްޑީޕީއަށް ވަރުގަދަ ފިލާވަޅެއް ދެއްވައިފައެވެ. އެހެންވީމާ ނަޝީދު ގުދަށް އޮންނާށޭ އެންގެވީމާ ގުދަށް އޮންނާނެ އަދި ބަރަހަނާވާށޭ އެންގެވީމާ ފަސްޖެހުމެއްނެތި އެކަންވެސް ކުރާނެކަން ޔަގީންވާ މީހަކު ނޫނީ އަޅުގަނޑަށް ވިސްނޭގޮތުގައި މިފަހަރު ނަޝީދުގެ ރަނިންމޭޓަކަށް އައްޔަނެއް ނުކުރައްވާނެއެވެ.
މިގިންތިއަށް ޑރ މުސްތަފާ ލުތުފީ ފެތެނީ ކިހާވަރަކަށްތޯ ބަލާލުން މުހިއްމެވެ. މުސްތަފާއަކީ ރާއްޖޭގެ އެއްވެސް ތަނެއްގައި މަގްބޫލު ބޭފުޅެއް ނޫނެވެ. އެބޭފުޅަކަށްޓަކައި ވޯޓު އޮހޭނެ ސަބަބުތަކެއް މުސްތަފާގެ ކިބަޔަކުން ނުފެނެއެވެ. މުސްތަފާ ލުތުފީ އައްޑުއަތޮޅަށް ނިސްބަތްވާ މީހަކަށް ވަނީ ސިޔާސީ ބޭނުންތައް ހާސިލްކުރާން ވިސްނާ ވަގުތުތަކުގައެވެ. އެންމެ ކުޑަމިނުން އައްޑޫ ބަސްވެސް މުސްތަފާ ދެނެވަޑައެއް ނުގަންނަވައެވެ. ދެން އޮތީ އިތުބާރުގެ މައްސަލައެވެ. އެންމެ ފުރަތަމަ މައުމޫނާއެކުގައެވެ. ދެން ޑރ ވަހީދާއެކުގައެވެ. ދެން ނަޝީދާއެކުގައެވެ. ޑރ ވަހީދު ވެރިކަމުގެ ހުވާކުރެެއްވިތާ ހަފުތާއެއްހައި ދުވަސްފަހުން ކުއްލިއަކަށް ހައްގު ބަސް ވިދާޅުނުވެ ނުހުންނެވިގެން ޔުނިވަރސިޓީގެ ޗާންސެލަރުކަން ހަނދުމަނެތިކުރައްވައި ސިޔާސީ ތާކިހަލެއް ތުރުކުރައްވައިގެން އެމްޑީޕީގެ މުޒާހަރާއަށް ނުކުމެވަޑައިގެންނެވި ހަގީގީ ސަބަބުވެސް ދެނެތިބިމީހުން އެބަތިއްބެވެ. ނަޝީދަށް ވެސް އެކަން އެނގިވަޑައިގަންނަވައެވެ. އެހެންވީމާ ރަނިންމޭޓުކަން މުސްތަފާއަށް ދެއްވާވަރަށް މުސްތަފާގެ ކިބައިގައި ވަފާތެރިކަމާއި އިޚުލާސްތެރިކަން ހުރިކަމަށް ނަޝީދަށް ވިސްނައިދެވޭނެ މީހަކު ނުހުންނާނެ އެވެ. ފަހަރުގައި އައްޑޫ ގޭގެއަށް ވަޑައިގެން ވީޓީވީ ނުބަލާށޭ ވިދާޅުވީމާ ނަޝީދަށް އިޚުލާސްތެރިވެވި ފުދި އިތުރުވެއްޖެ ކަމަށް މުސްތަފާ ގަބޫލު ކުރެއްވުމަކީވެސް ގާތް ކަމެކެވެ.
ދެން ހުންނެވީ އަސްލަމެވެ. މިހާތަނަށް އަސްލަމް ކުރިމަތިލެއްވި ކޮންމެ އިންތިޚާބެއްގައި ކުރި ހޯއްދަވާފައިވެއެވެ. އައްޑޫގައި އަސްލަމަކީ މަގްބޫލު ބޭފުޅެކެވެ. އައްޑޫ ނޫންތަނެއްގައި އަސްލަމްގެ މަގްބޫލުކަން މިހާތަނަށް ޓެސްޓް ކުރެވިފައެއް ނުވެއެވެ. އިތުބާރުގެ މައްސަލަ އަސްލަމާ މެދުވެސް އެބައޮތެވެ. ކުރިން ޑރ މުނައްވަރާއެކުގައެވެ. ދެން ޖުމްހޫރީ ޕާޓީގައެވެ. އެމްޑީޕީއަށް ވެދެވަޑައިގެންނެވީ ޕާލަމެންޓްރީ ޓިކެޓް ހޯއްދެވުމުގެ ގޮތުންނެވެ. އެހެންވީމާ ދަނޑިވަޅެއް އަތުވެއްޖެނަމަ އަސްލަމްވެސް ނަޝީދަށް ފުރަގަސް ނުދެއްވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އަސްލަމަކީ އަމްދުން ނަޝީދުގެ ސިޔާސީ އުފެއްދުމެއްވެސް ނޫނެވެ.
މިހުރިހާ ކަމަކަށް ރިއާޔަތްކުރާއިރު އަދި ނަޝީދުގެ ވައުދުތަކާމެދު އޭނާ ކަންތައްކުރައްވާ އާއްމު އުސޫލަށް ވިސްނާއިރު އައްޑޫ މީހަކަށް ރަނިންމޭޓުކަން ދެއްވުމަކީ ވަރަށްވެސް ދުރުކަމެކެވެ. އެއީ އަޅުގަނޑަށް އެކަން ފެންނަގޮތެވެ. ދެންއޮތީ ވާނެ އެއްޗެއް ބަލަންތިބުމެވެ. އިންތިޒާރުގެ ނިމުމަށް ދެން މާގިނަދުވަސްތަކެއްވެސް ނެތެވެ. އޭރުން އަޅުގަނޑަށް މިހީވާ އެތީގެ ސައްހަކަންވެސް އެނގިދާނެއެވެ.