Last Updated: April 19, 21:11
Saturday, April 19, 2025
ސިޔާސީ

ނިމާލް އެމްއާރްޑީސީގެ އެމްޑީއަކަށް

ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، ކޮރަޕްޝަނުގެ ތުހުމަތެއް އެޅުވި ފަހުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނިމާލް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ އެމްޑީއަކަށް ހަމަޖައްސައިފި އެވެ.

އޭނާ އެ މަގާމުގައި ހުންނެވި އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެމްޕީއެލްގެ ސީއީއޯއަކަށް މިއަދު ހަމަޖެއްސުމާ ގުޅިގެންނެވެ.

އެމްޕީއެލްގެ ސީއީއޯއަކަށް ހަލީމް ހަމަޖެއްސީ އެ މަގާމު ކުރިން ފުރުއްވި މުހައްމަދު ޖުނެއިދު ކުއްލިގޮތަށް ރޭ އިސްތިއުފާ ދެއްވުމުންނެވެ.

ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހުންނެވި ނިމާލް ކުރިން ވަނީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ ވަނީ ޖުލައި 2013 ގައި އެ މަގާމުން ވަކިކޮށްފަ އެވެ.

އެހެން ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު، ނިމާލް އަނެއްކާވެސް ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި އެވެ.