މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ފޭދޫ ސްކޫލް އާއި ހިތަދޫ ސްކޫލް ބައްދަލުކުރި މެޗް ފަސޭހަ ކަމާއި އެކު ފޭދޫ ސްކޫލުން ކާމިޔާބްކޮށްފިއެވެ.
ފޭދޫ ސްކޫލް ހިތަދޫ ސްކޫލްގެ މައްޗަށް ކުރި ހޯދީ 9-2 ލަނޑުންނެވެ. މި މެޗްގައި ފޭދޫ ސްކޫލަށް ލަނޑު ޖަހާ ދިނީ ހުސެއިން ލައިސް އަދުނާން އާއި އަހްމަދު ލޫތު ނައީމް އާއި މުހައްމަދު ހޫދު ހަނީފްގެ އިތުރުން ހަސަން ސިޔާހް ހާދީ އާއި އަލީ ޝިމާން އާއި އިބްރާހިމް ނައްވާލްއެވެ. ހޫދު ވަނީ މި މެޗްގައި ހެޓްރިކް ހަދާފައެވެ.
ހިތަދޫ ސްކޫލުގެ ދެލަނޑު އެޓީމަށް ޖަހާ ދިނީ މުހައްމަދު ޒައިން ފަހްމީއެވެ.
މުބާރާތުގައި މިހާތަނަށް 3 މެޗް ކުޅެފައިވާ އިރު ކޮންމެ މެޗެއްގައިވެސް ތަފާތު ބޮޑު ނަތީޖާއެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗް އައްޑޫ ހައިސްކޫލް ކާމިޔާބް ކުރީ 10 ލަނޑު ޖަހައިގެންނެވެ. އިއްޔެ ޝަރަފުއްދީން ސްކޫލާއި އިރުޝާދިއްޔާ ބައްދަލުކުރި މެޗު ނިމުނީ އިރުޝާދިއްޔާއިން 8 ގޯލް ޝަރަފުއްދީން ކޮޅަށް ޖަހައިގެންނެވެ.
މި މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ ސ. އަތޮޅު މަދަރަސާ އާއި އިރުޝާދިއްޔާ ސްކޫލްއެވެ. މެޗް ފަށާނީ ހަވީރު 4 ޖަހާއިރުއެވެ.