ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާ ކުރަމުން އަންނަ އަހުމަދު ހަބީބަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
އޭޝިއަން ކޯސްޓަލް ރޯވިން ޑިވެލޮޕްމަންޓް ކޮމިޓީގެ މެމްބަރުކަން އޭނާ އަށް މިހާރު ވަނީ ލިބިފަ އެވެ.
މި ލިބުނު ކާމިޔާބީއާ ގުޅިގެން ހަބީބް ވަނީ އެ ކޮމިޓީގެ ހުރިހާ މެމްބަރުންނަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
އޭނާ ބުނީ ރޯވިންގައި ކުރާ މަސައްކަތުގައި ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެ ތަމްސީލް ކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި އުޅެން ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި އެކަމާ ވަރަށް ފަހުރުވެރިވާ ކަމަށް ހަބީބް ބުންޏެވެ.
މި ލިބުނު ޝަރަފާ އެކު އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި އައްޑޫ ސިޓީ ކައުންސިލަށް ވެސް ޝުކުރު އަދާކޮށްފަ އެެވެ.
ހަބީބް އަންނަނީ ރާއްޖޭގައި ހާއްސަކޮށް އައްޑޫގައި ރޯވިން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަދި ރޯވިންގެ ގައުމީ ސްކޮޑެއް އެކުލަވާލައި، އޭނާ އިސްކޮށް ހުރެގެން އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަ ވެސް ކުރަމުންނެވެ.
އަދި ރާއްޖޭގައި ވެސް އެކި ގިންތީގެ ރޯވިން މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ.