ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އުފާވެރި މަންޒަރުގެ ގޮތުގައި މިހާތަނަށް ވެފައި އޮތީ 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް މުބާރާތް ރާއްޖޭގެ ގައުމީ ޓީމް ކާމިޔާބުކުރި މަންޒަރެވެ.
ބަންގްލަދޭޝްގައި ބޭއްވި ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ކާމިޔާބުކޮށް ޓީސީ ސްޕޯޓްސް ކްލަބް އިން މިވަނީ އަނެއްކާ ވެސް ފުޓްބޯޅަ އާއިލާއަށް އުފާވެރިކަން ގެނެސްދީފައެވެ.
ދިވެހި ފުޓްބޯޅައިގެ އާއިލާއަށް އުފާވެރިކަން ގެނެސްދިން މި ދެ ކާމިޔާބީގައި ވެސް މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ، އައްޑޫ ސިޓީ ހިތަދޫއަށް އުފަން، ޝަމްވީލް ޤާސިމް ބޮންޑާއެވެ.
ޓީސީގެ ކާމިޔާބީ އާއި އެކު ބޮންޑާ އަކީ ރާއްޖޭގެ ތާރީޚުގައި ބައިނަލްއަޤްވާމީ މުބާރާތެއްގައި ފުޓްބޯޅައިން ރަންމެޑަލް އެންމެ ގިނައިން ހޯދި ދިވެހި ކުޅުންތެރިޔާއެވެ.
ބޮންޑާ ބުނި ގޮތުގައި މިވަގުތު އޭނާގެ އަތުގައި ރިކޯޑް އޮތް ނަމަވެސް ކުރިއަށް އޮތްތަނުގައި އެ ރިކޯޑް މުގުރާލާނެ ވަރަށް ގިނަ ކުޅުންތެރިން ތިބި ކަމަށް އޭނާ ޔަގީން ކުރެއެވެ. އަދި އެ ރިކޯޑް ހެދުނަސް އެއީ އޭނާގެ އެކަނި މަސައްކަތް ކަމަށް ބޮންޑާ ގަބޫލެއް ނުކުރެއެވެ.
"އަހަންނަށް އެކަނި މިކާމިޔާބީ އެއް ނުހޯދޭނެ. މިއީ ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމެންޓްގެ ބުރަ މަސައްކަތް. ޓީސީގެ ކާމިޔާބީގެ ސިއްރަކީ ޓީމް ވޯކް" 'މޯލްޑިވްސްފުޓްބޯލް' އަށް ދިން އިންޓަވިއުއެއްގައި ބޮންޑާ ބުނެފައިވެއެވެ.
ޓީސީގެ ކުޅުންތެރިން ސިފަކުރާ ގޮތުގައި އޭނާ އަކީ، ޓީމްގެ އެންމެންގެ ރޯލް މޮޑެލްއެވެ.
"ޕްރެކްޓިސްގައި ބައެއް ފަހަރު ސަކަރާތް ބޮޑުވެގެން ދާފަހަރު އާދޭ. އެހެން ވެއްޖެ ނަމަ ބޮންޑާގެ ލެކްޗަރެއް އޮންނާނެ އެދުވަހު. ޓީސީ މިހިސާބަށް އައުމުގައި ބޮންޑާގެ އިންސްޕިރޭޝަން އެއީ ވަރަށް ބޮޑު އެއްޗެއް. އޭނާގެ ތަޖުރިބާ އާއި ޑިސިޕްލިން އަކީ ޓީސީގެ ކުޅުންތެރިންނަށް ނަމޫނާއެއް." ޓީސީގެ އޮފިޝަލަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމުގެ އިތުރަށް 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖުކަޕްގެ ރަންވަން ލޯ މެޑަލް ރާއްޖެއަށް ހޯދައިދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ބޮންޑާ 2014 ވަނަ އަހަރަށް ފަހު ގަލޮޅު ދަނޑުން ގެއްލުނެވެ.
އޭގެ ފަހުން އައްޑޫގައި ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގައި ބޮންޑާ ކުޅެފައިވާއިރު، 2015 ވަނަ އަހަރު ބޭއްވި މިނިވަން 50 ޗެމްޕިއަންޝިޕްގައި އޭނާ ވަނީ ހިތަދޫ ޓީމަށާއި ފަރެސްމާތޮޑާ ޓީމަށް ވެސް ކުޅެފައެވެ. އެނބުރި ގަލޮޅު ދަނޑަށް މިދިޔަ އަހަރު ބޮންޑާ އައީ، އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޓީސީ އަށެވެ.
" އޭނާ ނުދަންނަ މީހަކު ވިޔަސް ފެންނަ އިރަށް ހިނިތުންވެލާނެ. އެއީ ތަފާތަކީ، މޮޅެތި މީހުންގެ މިހުންނަ އީގޯ ބައި ނުހުންނާނެ. ޑައުންޓު އާތް މީހެއް އެއީ. އަހަރުމެން ފަޚުރެވެރިވަން ބޮންޑާ އާއި މެދު"، ބޮންޑާ އާއި ބެހޭ ގޮތުން ހިތަދޫ ޒުވާނަކު ބުންޏެވެ.
ޓީސީ އިން ދިވެހިރާއްޖެ ފަޚުރެވިވާފަދަ ކާމިޔާބެއް ހޯދި އިރު އެ ޓީމާއި މެދު އައްޑޫ ރައްޔިތުން ފަޚުރުވެރިވާ އެހެން ސަބަބެއް ވެސް އެބައޮތެވެ.
ޓީމުގެ ކޯޗަކީ ސ.ފޭދޫއަށް ނިސްބަތްވާ މުހައްމަދު ނިޒާމް އެވެ. މީގެ އިތުރުން މިނިވަން 50 ޗެމްޕިއަންޝިޕުން ވިދާލި އިބްރާހިމް މަހުދީ (ކުދުއިއްބެ) އާއި އަލީ ނާފިއު(ކަޅޭ) އަދި ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަކީ ޓީސީގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރާ އައްޑޫއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
އައްޑޫ ރައްޔިތުންގެ އުއްމީދަކީ، ބޮންޑާގެ އަތުގައި މިއަދު އޮތް ރިކޯޑް މުގުރާލާނެ ކުޅުންތެރިންގެ ތެރޭގައި އައްޑޫއަށް ނިސްބަތްވާ ކުޅުންތެރިންތަކެއް ހިމެނިގެންދިއުމެވެ.