Last Updated: January 16, 09:29
Thursday, January 16, 2025
ޚަބަރު

ކަރަންޓު ކެނޑެނީ އެމްޑީޕީ ސަރުކާރުގެ އިހުމާލުން: ރައީސް

އިއްޔެ މުޅި މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ރައީސުލް ޖުމުހޫރިއްޔާ އެއީ އެމްޑީޕީ ސަރުކާރުން ސްޓެލްކޯ ތަރައްގީ ކޮށްފައިނުވާތީ ދިމާވާ މައްސަލަކަމަށް ވިދާޅުވެ އެމްޑީޕީ ސަރުކާރުގެ ބޮލަށް އެމައްސަލަ ޖައްސަވައިފިއެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ޓިކެޓު ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމްޑީޕީގެ ތިން އަހަރު ނިމިގެން ގޮސްފައިވަނީ ސްޓެލްކޯ ތަރައްގީއަށް އެއްވެސް ކަމެއް ނުކުރެވި ކަމަށެވެ.

އަދި މާލެއިން ކަރަންޓު ކެނޑުމަށް ދިމާވާ މައްސަލައަކީ އެމްޑީޕީ ސަރުކާރުން ސްޓެލްކޯއާމެދު ވެފައިވާ އިހުމާލުކަމަށް ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

ސަރުކާރަށް ލިބޭ އާމްދަނީއާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ޓޫރިޒަމް ދާއިރާއިން ލިބޭ ފައިސާއަކީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމަށް ހޯދާ ފައިސާއެއް ނޫންކަމަށެވެ. އެގޮތުން ސަބްސިޑީ ދީފައި އަދި ކުންފުނި ފޫބައްދަން ލާރި ދޭން ޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ތިން އަހަރު ދުވަހުގެ ސަރުކާރެއް ނިމިގެން ގޮސްފައިވާއިރު މާލޭ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމަށް އެއްވެސް އިންވެސްޓުމެންޓެއް ކޮށްފައި ނުވާތީ މިއަދު އެހުރިހާ ދަތިތަކެއްވެސް ކުރިމަތިވެފައިވަނީ ތިމަން މަނިކުފާނަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ހޮސްޕިޓަލު ތަރައްގީ ކުރުމަށް ބެހެއްޓި ލާރިކޮޅާއި ފަޅުފުންކުރުމަށް ބެހެއްޓި ލާރިކޮޅާއި ބޭހަށް ދޭން ހުރި ލާރިކޮޅުތަކުން ބައެއް ނަގައިގެން ރައްޔިތުންނަށް ކަރަންޓު ދިނުމަށް ނަގަން ޖެހޭ ކަމަށް ރައީސް ވަނީ ފާހަގަކޮށްފައެވެ.

މާލޭގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް އައްޑޫގައި ހުރި ޖެނެރޭޓަރު ވަނީ މީގެ ކުރިން ސިފައިން އިންޖީނުގެއަށް ވަދެ ނަގައިގެންގޮސް މާލޭގައި ބަހައްޓާފައެވެ.