މި އަހަރު ޓީސީގެ ފުރަތަމަ އަމާޒަކީ މާލޭ ލީގްގެ ގަދަ ހަތަރަކުން ޖަގަ ހޯދައި ޕްރިމިއާ ލީގަށް ކޮލިފައިވުން ކަމަށް އެ ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ދާދި ފަހުން ބަންގާޅުގައި އޮތް މުބާރާތެއްޗެއް ޗެމްޕިއަންކަން ހޯދި ޓީމުގެ ކޯޗް އަދި ބުނީ އެންމެ ބޭނުން ވަނީ ލީގްގެ އެއް ވަނާގައި އޮވެ، ޕްރިމިއާ ލީގަށް ކޮލިފައިވުން ކަމަށެވެ.
ނިޒާމްބެ ބުނީ މިދިޔަ އަހަރުގެ ލީގުގައި ގަދަ ހަތަރެއްގައި ޔުނައިޓެޑް ވިކްޓްރީ ހިމެނުމަކީ ޓީސީން ސަމާލް ވާން ޖެހޭނެ ކަމެއް ކަމަށެވެ.
އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ޔުނައިޓެޑް ވިކްޓަރީ ވާދަކުރާ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނީ ޔުނައިޓެޑް ވިކްޓަރީއަކީ މިދިޔަ އަހަރު އެންމެން ހައިރާންކޮށްލާފައިވާ ޓީމެއް ކަމަށެވެ.
އަދި މިދިޔަ އަހަރު ޓީސީއަށް އެންމެ އުނދަގޫވި މެޗްތަކަކީ ޔުނައިޓެޑް ވިކްޓަރީއާ ކުޅެން ޖެހުނު މެޗްތަށް ކަމަށާއި މި އަހަރު އެކަމަށް ސަމާލް ވާނެ ކަމަށް ނިޒާމްބެ ބުންޏެވެ.
އޭނާ އަދި ބުނީ ޓީސީއިން އެއްވެސް މެޗެއް ފަސޭހަ ނުކުރާނެ ކަމަށާއި ޓީސީން އަބަދުވެސް ނިކުންނާނީ ކޮންމެ ޓީމަކީ ވެސް މޮޅު ޓީމެއްކަމަށް ބަލައިގެން ކަމަށެވެ.
"ޔުނައިޓެޑް ވިކްޓަރީގެ ކޯޗް އާތިފަކީ އަޅުގަނޑު ވަރަށް އިޙުތިރާމް ކުރާ ކޯޗެއް. ޔުނައިޓެޑް ވިކްޓަރީން ދަނީ މެޗަކަށް ވުރެއް މެޗެއް ރނގަޅު ކުރަމުން. އެހެންވީމަ ޓީސީއަކަށް ނެތް މިމެޗް ފަސޭހަކޮށްލެވޭކަށް. ކުޅުންތެރިންނަށް ވެސް މިހާރު ވަނީ ވަރަށް ރަނގަޅަށް މިކަން ވިސްނައި ދީފައި،" ނިޒާމްބެ ބުންޏެވެ. "ޔުނައިޓެޑް ވިކްޓަރީއާ މިދިޔަ އަހަރު ވާދަ ކުރި މެޗްތަށް ކުޅުންތެރިން ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ. ކޮންމެ ގޮތެއް ވިޔަސް ކޮންމެ މެޗަކީ ވެސް ޓީސީ އަށް މުހިންމު މެޗެއް."