ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ސްވައިން ފްލޫ ކޮންޓްރޯލު ކުރެވެން ފަށާފައިވާ ކަމުގެ އަލާމާތްތައް ފެނިފައިވަނިކޮށް ބައްޔަށް ޕޮސިޓިވް ވާ މީހުން އިތުރުވެ އަނެއްކާވެސް ކަންބޮޑުވުން އިތުރުވާން ފަށައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި މިއަދު މިބައްޔަށް އިތުރު 8 މީހުން ވަނީ ޕޮސިޓީވް ވެފައެވެ. މިހާތަނަށް ޕޮސިޓިވްވި މީހުންގެ އަދަދުވަނީ މިހާރު 155 އަށް އަރާފައެވެ.
މިދޔަ ހަފްތާ ނިމިގެންދިޔަ އިރު އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާފައިވާގޮތުން ބައްޔަށް ޝައްކުކުރެވި ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން މަދުވެފައެވެ.
މިތަފާސް ހިސާބުތަކާއެކު ގިނަ ރައްޔިތުންނެއް ވަނީ ބަލި ކޮންޓްރޯލް ކުރެވުމާއި ގާތަށް ގޮސްފައިވާ ކަމަށް ގަބޫލު ކުރެވިފައެވެ. ނަމަވެސް އިވިގެން ދިޔަ އަޑަކީ އިތުރު މީހަކު ބަލި ޖެހިގެން މަރުވެގެން ދިޔަ ޚަބަރެވެ.
އަދި ބައްޔަށް ޕޮސިޓިވް ވާ މީހުންގެ އަދަދު ކުރީ ދުވަހަށް ވުރެ އިތުރުވެ އަނެއްކާވެސް ބައްޔަށް ޝައްކު ކުރެވިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެގެން ގޮސްފައިވެއެވެ.
ސްވައިން ފްލޫ ފެތުރުމުގެ ސަބަބުން ސްކޫލްތައް ބަންދުކުރެވި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މާބަނޑު މުވައްޒިފުންނަށް ވަކި ގޮތެއް އަންގަން ދެން ސިވިލް ސާވިސް ކޮމިޝަނުން ވަނީ މުސާރައިން އުނި ނުވާ ގޮތަށް ޗުއްޓީ ދީފައެވެ.