ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަޚް ހަލަބޮލިވާ ކޮންމެ ފަހަރަކު، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ވިޔަފާރިތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.
ޤާސިމް އިބްރާހިމްއަށް ދޫކޮށްފައިވާ ފަޅުރަށެއް އަތުލަފާނެއެވެ. ނުވަތަ ސަރުކާރާއި އެކު ހަދާފައިވާ އެގްރީމެންޓެއް ބާތިލްކޮށްފާނެއެވެ. ނުވަތަ ކުއްލިގޮތަކަށް ކޮންމެވެސް ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިދާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާއިރު، އަނެއްކާވެސް ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދަތިކުރުމުގެ ފިޔަވަޅެއް މިވަނީ އަޅާފައެވެ.
މޯލްޑިވްސް އިންލޭންޑް ރިވެނިއު އޮތޯރިޓީ(މީރާ) އިން ވަނީ ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕޭނީގެ ބޭންކް އެކައުންޓްތައް ކުއްލިގޮތަކަށް ފްރީޒްކޮށްފައެވެ.
މީރާގެ އިން އެކަން އަންގައި ފޮނުވި ސިޓީގައި ބުނެފައި ވަނީ، ތ. އެލާއާއި ގުޅިގެން ވިލާ ގުރޫޕުން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާ ޝިޕިންއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ އެކި އިދާރާތަކުންދެ ބައެއް ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމާއި، ވިލާ ޝިޕިންގެ ނަމުގައިވާ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ.
މީރާ އިން ފޮނުވި ސިޓީގައިވާ ގޮތުން ތ. އެލާގެ ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ 3.8 މިލިއަން އެމެރިކާ ޑޮލަރާއި، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރާއި އަދި އިންޓަރެސްޓް ރޭޓްގެ ގޮތުގައި ދައްކަންޖެހޭ 226،351 އެމެރިކާ ޑޮލަރާއެކު ޖުމްލަ 18.6 މިލިއަން އެމެރިކާ ޑޮލަރު ވިލާ ގުރޫޕުން މީރާއަށް ދައްކަންޖެހެ އެވެ.
"ފައިސާ ދެއްކުމަށް އަންގަނީ ބާތިލް އެގްރީމެންޓަކަށް"
'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން ވިލާ ޝިޕިންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބާތިލްކޮށްފައިވާ އެގްރީމެންޓަކަށް ފައިސާ ދައްކަން ދައުލަތުގެ އިދާރާއަކުން އެންގި އެންގުމަކީ ކަނޑައެޅިގެން ގާސިމް އިބްރާހިމްއަށް ޖެއްސުން ކުރުމަށް މީރާ އިން ނިންމި ސިޔާސީ ނިންމުމެއް ކަމަށެވެ.
"އިއްޔެ ހައިކޯޓުން މިވަނީ ތ. އެލާއާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއި ވިލާ ޝިޕިންއާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލް ކަމަށް ކަނޑައަޅާފަ. ބާތިލްކޮށްފައިވާ އެއްބަސްވުމަކަށް ފައިސާ ދައްކަންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނޭނގޭ. މިއީ ސިޔާސީ ގޮތުން ގާސިމަށް ޖެއްސުން ކުރުމަށް ކުރާ ކަމެއް."
"އެތައް ހާސް އާއިލާއަކަށް ގެއްލުން ފޯރާނެ"
ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕޭނީގައި ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދާއިރު، އެކުންފުނީގެ އެކައުންޓްތަކެއް ފްރީޒް ކުރުމަކީ، އޭގެ ސަބަބުން އެ މުވައްޒަފުންނަށް ވެސް އަސަރުކުރާނެ ކަމެއް ކަމަށް ބެލެވެއެވެ.
ވަކިން ޚާއްސަ ގޮތެއްގައި މަސް ނިމެން ކައިރިވެފައި ވަނިކޮށް އެކައުންޓްތައް ފްރީޒް ކުރުމުން، މުވައްޒަފުންގެ މުސާރަ ދިނުމަށް ބޮޑެތި ގޮންޖެހުންތަކާއި އެކުންފުނިން ކުރިމަތިލާންޖެހޭނެއެވެ.
"މިއީ މި ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިން ނިކަމެތިކަމެއް. ގާނޫނާއި އެއްގޮތަށް ފްރީޒް ވެސް ކުރެވިދާނެ. އެކަމަކު ސިޔާސީ ކަންކަމާ ހުރެ މިކަހަލަ ނިންމުން ނިންމުމަކީ އެންމެ ރަގަޅު ގޮތެއް ނޫން" ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ކޮމްޕެނީގެ ސީނިއަރ މުވައްޒަފަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސަރުކާރުން ކިތަންމެ ފިއްތުމެއް ކުރިމަތި ކުރި ކަމުގައި ވިޔަސް އިރާދަކުރެއްވިއްޔާ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ގާސިމް ހަމަޖައްސަވާނެއެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ވިލާ ޝިޕިންގް އެންޑް ޓްރޭޑިން ކުންފުނީގެ ދަށުން ގާތްގަނޑަކަށް 1500 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.
މީރާއިން ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކޮށްފައި މިވަނީ ފާއިތުވި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ވިލާ ކުންފުނީގެ މައްޗަށް ބޮޑު ރާޅެއް އަންނަން އުޅޭހެން ހީވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައިވަނިކޮށެވެ.
މީގެ ކުރިން 2015 ވަނަ އަހަރުގެ ތެރޭގައި ވެސް ވިލާ ގުރޫޕުން މީރާއަށް ދައްކަންޖެހޭ 99 މިލިއަން އެމެރިކާ ޑޮލަރު ނުދައްކާ ކަމަށް ބުނެ އެފަހަރު ވެސް ވިލާ ގުރޫޕުގެ އެކައުންޓްތައް ފްރީޒްކޮށްފައިވެ އެވެ.
ވިލާ ގުރޫޕުން އޭރު ވެސް ބުނީ ވިލާ އިން މީރާއަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދެވެން އޮތީ ވިލާގެ އެކައުންޓްތައް ދޫކޮށްލުމުން ކަމަށްވާތީ މީރާއިން އެދުނު ގޮތަށް ފައިސާ ދައްކަން އެއްބަސްވީ ކަމަށެވެ.
ވިލާ ގުރޫޕްގެ އެކައުންޓްތައް މިއަދު ފްރީޒްކޮށްފައިވާއިރު މީގެ ދެތިން ދުވަސްކުރިން ވަނީ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ވެސް ފްރީޒްކޮށްފަ އެވެ.