Last Updated: November 28, 06:03
Thursday, November 28, 2024
ރިޕޯޓް

މި ތަކެތި ނުކާތި؛ ހަންގަނޑު ހަލާކުކޮށްލާނެ

އިންސާނާގެ ހަށިގަނޑަކީ މުޅިންވެސް ހަމުން ރައްކާތެރި ކުރެވިފައިވާ އެއްޗެކެވެ. ހަމަކީ އިންސާނާގެ ހުރިހާ ގުނަވަންތަކެއް ރައްކާތެރިކޮށްދީ، ވަށައިގެންވާ މާހައުލުން ވެސް އިންސާނާ އަށް ރައްކާތެރިކަން ފޯރުކޮށްދޭ އެއްޗެކެވެ. އެހެންކަމުން، މި ގުނަވަނަކީ ވެސް ވަރަށް ބޮޑަށް ލޯތްބާއި އަޅާލުން ބޭނުންވާ އެއްޗެކެވެ.

ހަންގަނޑަށް ކިރިޔާވެސް ކަމެއް ވާއިރަށް، އެކަމެއް ހަށިގަނޑުގެ ބޭރުން ފެންނާނެ އެވެ. ގައިގައި ނަގާ ބިހި އަދި ރޭޝެސް އަކީ އޭގެ ހެއްކެކެވެ.

ހޯމޮނަލް އެކްނޭ އަކީ އަންހެނުން ގައިން ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ. އެކަން ދިމާވަނީ ހަށިގަނޑުގައި އެންޑޮކްރައިން ބެލެންސް ނުވުމުގެ ސަބަބުންނެވެ. މި މައްސަލަ އަންހެނުންގެ މައްސަރު ދުވަސްވަރު ޖެހުމުގެ ކުރިން ނުވަތަ އެދުވަސްތަކުގެ ތެރޭގައި ވެސް ދިމާވެދާނެ އެވެ. އެގޮތަށް ވަނީ އެދުވަސްވަރު ހޯމޯން ޓެސްޓޮސްޓެރޯން އާއި އީސްޓްރޮޖެން އެންމެ ގިނައިން ހުންނަ ވަގުތުތަކުގައެވެ. މި ހޯމޯންތައް ހަށިގަނޑުގައި ޕްރޮސެސް ނުކުރެވޭނަމަ، ހޯމޯންތައް ހަށިގަނޑުގައި ޖަމާވެ ހަށިގަނޑަށާއި ހަންގަނޑަށް ވަރަށް ގެއްލުން ކުރުވާނެ އެވެ. އެގޮތުން ހަންގަނޑު ދުޅަވެ އެކްނޭ ނަގައެވެ.

ވީމާ، ހޯމޮނަލް އިމްބެލެންސް އަށް މަގުފަހި ވަނީ ކިހިނެއްތޯ ކަމާއިމެދު ވިސްނާލަން ޖެހެއެވެ. އެންމެ މައިގަނޑު ސަބަބަކީ ކާއެއްޗެހި އެވެ. ކޮންމެ ދުވަހަކުވެސް އާދަކޮށް ކާ އެއްޗެހީގެ ތެރޭގައި ހޯމޮނަލް ބެލެންސް އާއި ހަންގަނޑު ހަލާކު ކުރާ ވަރަށް ގިނަ އެއްޗެހި ހިމެނެއެވެ. ތިރީގައި މިވަނީ އެފަދަ ފަސް ބާވަތެކެވެ.

1. ޑެއިރީ

ދިވެހިންނަކީ ވަރަށް ގިނައިން ޑެއިރީ ޕްރޮޑަކްޓްތައް ބޭނުންކުރާ ބައެކެވެ. އެހެންނަމަވެސް ގިނަ މީހުންނަށް ނޭނގޭ ކަމަކީ ޑެއިރީ ޕްރޮޑަކްޓްތަކުގައި ސިންތެޓިކް (ލެބޯޓްރީގައި ހަދާފައިވާ) ހޯމޯންތައް ހުރެއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ވަރަށްވުރެ ގިނައިން ހޯމޯން އުފެއްދުމަށް މަގުފަހި ވެގެން ދެއެވެ. މީގެ އިތުރުން ލީކީ ގަޓް ސިންޑްރޯމް އާއި ހަށިގަނޑުގެ ތަންތަން ދުޅަވާން ވެސް ދިމާވެއެވެ. އޭގެ ސަބަބުން އެކްނޭ އާއި އެހެނިހެން ހަމުގެ މައްސަލަތަކަށް މަގުފަހި ވެއެވެ.

2. ސޯއި

ސޯއި އަކީ ކަނޑު މަހާއި އެއްގަމު މަސް ކާން ބޭނުން ނޫން މީހުން ވަރަށް ގިނައިން ކައި އުޅޭ އެއްޗެކެވެ. އެހެންނަމަވެސް، ސޯއި އަކީ ޔަޤީނުންވެސް ހޯމޯންތަކުގެ ބެލެންސް ނައްތާލާ އެއްޗެކެވެ. ސޯއި ގައި ފައިޓޯސްޓްރޯޖެންސް ހިމެނެ އެވެ. އޭގެ މާނައަކީ، ހޯމޯންތައް އެންމެ ސެންސިޓިވް (ބަލިކަށި) ވަގުތުތަކުގައި ސޯއި ހޯމޯންތައް ކުދިކުދި ކޮށްލައެވެ. އެހެންކަމުން އަބަދުވެސް ކާއެއްޗެހި ގަތުމުގެ ކުރިން އޭގެ ބޭރުގައިވާ ނިއުޓްރިޝަން ލޭބަލް ކިޔާލުން ރަނގަޅެވެ.

3. ގްލޫޓެން

ގްލޫޓެން-ފްރީ ކާއެއްޗެހި އަކީ މިޒަމާނުގައި ވަރަށް މަޤްބޫލްކަން ލިބިފައިވާ އެއްޗެހި އެވެ. އެއީ ސަބަބަކާއި ނުލައެއް ނޫނެވެ. ގްލޫޓެން ޕްރޮޑަކްޓްތަކުން ހަށިގަނޑަށް ލިބިދޭ ގެއްލުމަކީ ޑެއިރީ ޕްރޮޑަކްޓްތަކާއި ވަރަށް އެއްގޮތް ގެއްލުމެކެވެ. މާހިރުން ބުނާ ގޮތުގައި ގްލޫޓެން އަކީ ވެއިންސް އާއި އާޓެރީފަދަ ލޭހޮށިތަކުގައި ތައްލަވައި، މާގިނައިން ހަށިގަނޑުން ފެން ބޭނުންކޮށް ފެޓްސް ވިރުވައިދޭ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. މީގެ އިތުރުންވެސް ގްލޫޓެން އަކީ ބަނޑު ދުޅަވެ ހޯމޯން ބެލެންސް ނައްތާލާ އެއްޗެކެވެ.

4. ސަންފްލާވާ، ތަރުކާރީ އަދި ކެނޯލާ ތެޔޮ

މި ތެޔޮތަކަކީ އާންމުކޮށް ހަށިގަނޑަށް އެންމެ ރަނގަޅު ތެޔޮގެ ގޮތުގައި އިޝްތިހާރު ކުރެވޭ އެއްޗެހި އެވެ. އިޝްތިހާރުތަކުން ދައްކާ ގޮތުގައި އެ ތެޔޮތަކުގައި ގިނަ އަދަދަކަށް އޮމެގާ-3 ފެޓީ އެސިޑްސް ހިމެނެއެވެ. އެހެންނަމަވެސް ހަޤީގަތަކީ އޮމެގާ-3 އަށްވުރެ ގިނައިން އޮމެގާ-6 ފެޓީ އެސިޑްސް އެ ތެޔޮތަކުގައި އެކުލެވިގެންވާ ކަމެވެ. މާގިނައިން ހަށިގަނޑުގައި އޮމެގާ-6 އެސިޑްސް ހުރުމަކީ އީސްޓްރޮޖެން ލެވެލްތައް އެންމެ ގިނަވާ ވަގުތުތަކުގައި ހަންގަނޑު ދުޅަކޮށްދޭ ކަމެކެވެ.

5. ކެފެއިން

އާންމުކޮށް ޤަބޫލު ކުރާ ގޮތާއި ޚިލާފަށް ކެފެއިން އަކީ ހަށިގަނޑަށް އެހާ ރަނގަޅު އެއްޗެއް ނޫނެވެ. ހެނދުނު ހަށިގަނޑަށް ގިނައިން ހަކަތަ ލިއްބައިދޭ އެއްޗަކަށް ކެފެއިން ވީނަމަވެސް، އެއީ ހަންގަނޑުގެ ދިފާޢީ ރެސްޕޮންސްތައް ހަލާކުކޮށްދޭ އެއްޗެކެވެ. ކޮފީ އާއި ސައި އަކީ ހަށިގަނޑަށް އެންމެ ބޭނުންވާ ވިޓަމިން ބީ، ޒިންކް އަދި މެގްނީސިއަމް ލިބުމަށް އޮތް ހުރަހެކެވެ.