Last Updated: February 8, 21:18
Saturday, February 8, 2025
ސިޔާސީ

އަބްދުﷲ ގާޒީ ހައްޔަރު ކުރީ ނަޝީދުގެ އަމުރަށް: މޫސަ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ހައްޔަރުކުރީ ނަޝީދުގެ އަމުރަށް ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު ވިދާޅުވެއްޖެއެވެ.

ތަކުރާރުކޮށް ޕާޓީގެ ވިޕްލައިނާއި ޚިލާފަށް ވޯޓުދީ ޕާޓީގެ ގަވާއިދާއި ޚިލާފުވެފައިވާ ކަމަށް ބުނެ އެމްޑީޕީގެ މެމްބަރު ކަމުން ވަކި ކޮށްފައިވާ މޫސަ މިހެން ވިދާޅުވެފައިވަނީ އިއްޔެ މަޖިލިހުގައި ނޫސްވެރިންނާ ބައްދަލުކޮށް ދިން ޕްރެސް ކޮންފަރެންސެއްގައެވެ.

މޫސަ ވިދާޅުވެފައިވަނީ ނަޝީދުގެ ވެރިކަމުގައި އޭރުގެ ފަނޑިޔާރުގެއިން ކުރި ކަންތައްތަކާ މެދު ހިތްހަމަ ނުޖެހިގެން އަބްދުﷲ ގާޒީ ހައްޔަރުކުރަން ނިންމީ ނަޝީދު ކަމަށާއި އެމަނިކުފާނުގެ ނިންމުމަށް މާރިޔާ ދީދީވެސް ތާއީދުކުރި ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސްއަށް ލަފާ އެރުވުމުން ކޯފާއިސްވެ މުލީއާގެއިން ނިކުމެވަޑައިގަތުމަށް އެންގި ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ގައުމު ހަލަބޮލިވެ ނަޝީދުގެ ވެރިކަން ނިމުމަކަށް އައީވެސް އެހެންވެ ކަމަށް މޫސަ ވިދާޅުވިއެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރުމުން ގައުމު ހަލަބޮލިވެ ފުލުހުންނާއި ސިފައިން ނަޝީދާއި ދެކޮޅަށް ނިކުތުމުން އެމަނިކުފާނު ވަނީ 2012 ވަނަ އަހަރު ފެބްރުއަރީ މަހު 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމުން އިސްތިއުފާ ދެއްވާފައެވެ.