Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ވެލެޒިނީ ހުރީ "މުރުތައްދުވެފައި" ކަމަށް ކަނޑައަޅައިފި

ސޯޝަލް މީޑިޔާގައި އިސްލާމްދީނަށް ފުރައްސާރަކޮށް ކުފުރުގެ ބަސްތައް ބޭނުން ކުރަމުންއަންނަ އާއިޝަތު ވެލެޒިނީއަކީ އިސްލާމް ދީނުން ބޭރުވެ، މުރުތައްދުވެފައިވާ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން މިއަދު ކަނޑައަޅައިފިއެވެ.

ވެލެޒިނީ ވަނީ އޭނާގެ ފޭސްބުކް މެދުވެރިކޮށް ރަސޫލެއް ކަމަށް ދައުވާކޮށް އޭނާ މިހާރު ވަނީ މަރުވެ އަލުން ދިރިގެން ގޮސްފައި ކަމަށް ބުނެ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފު ވާހަކަ ދައްކަމުންނެވެ.

"އިސްލާމްދީނުގެ އުޞޫލުތަކާއި ޚިލާފު މިފަދަ ވާހަކަ ދައްކާ ހެދުމަކީ އިސްލާމްދީނުގައި އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤަކަށް ނުވާތީ، އިސްލާމްދީނާ ޚިލާފަށް މިފަދަ ވާހަކަ ދައްކާ ފަރާތެއް، އެއީ މުރުތައްދު ވެފައިވާ ފަރާތެއްކަން ދީނުގެ އުޞޫލުތަކުން ވަނީ ކަނޑައަޅާ ދީފައެވެ." މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބުއްދި ސަލާމަތުން ހުރި މީހަކު އެފަދަ ވާހަކައެއް ދެއްކުމަކީ ސީދާ މުރުތައްދުގެ އަމަލެއް ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި އިސްލާމް ދީނާއި ޚިލާފު ވާހަކަ ނުދެއްކުމަށް މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފައެވެ.