Last Updated: April 23, 23:56
Tuesday, April 23, 2024
ކުޅިވަރު

ޝްވެއިންސްޓެއިގާ އަށް އެމެރިކާއިން ހޫނު މަރުހަބާއެއް

މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ބަސްޓިއަން ޝްވެއިންސްޓެއިގާ އެމެރިކާގެ ޗިކާގޯ ފަޔާއަށް ބަދަލުވެ އެގައުމަށް ދިއުމުން ކުލަބުގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިސީޒަނުގައި ޔުނައިޓެޑުގެ ޓީމުން ވަރަށް ބޮޑަށް ބާކީކޮށްލެވިފައިވާ ޝްވެއިންސްޓައިގާ އެމެރިކާގެ މޭޖާ ލީގް ސޮކާގެ ޗިކާގޯ ފަޔާއަށް ކުޅެން އެއްބަސްވެ އެޓީމުގެ އިސްވެރިންނާއިވެސް ވަނީ ބައްދަލުކޮށްފައެވެ.

ޔުނައިޓެޑު ސަޕޯޓަރުންގެ ލޯބި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައިވާ ޝްވެއިންސްޓައިގާ އަކީ އޭނާ ކުޅޭ މިޑްފީލްޑު ރޯލުގައި ޓީމުގެ ކުޅުން ކޮންޓްރޯލް ކޮށްލާ ކުޅުންތެރިޔެކެވެ. އޭނާއަށް ޔުނައިޓެޑު ސަޕޯޓަރުން އަލްވަދާއު ކިޔާފައިވަނީ ކަރުނަތަކާއެކުގައެވެ.

ނަމަވެސް އޭނާގެ އާޓީމުގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ޓައިގާ ޗިކާގޯއަށް ދިއުމުން ސަޕޯޓަރުން ވަނީ އެއާޕޯޓުން އޭނާއަށް މަރުހަބާ ކިޔާފައެވެ. ގިނައަދަދެއްގެ ސަޕޯޓަރުން އޭނާގެ އިސްތިގުބާލުގައި އެއާޕޯޓަށް ހާޒިރުވެ މަރުހަބާ ކިޔައި ސެލްފީ ނަގާފައިވެއެވެ.

ޝްވެއިންސްޓައިގާ ވަނީ މެންޗެސްޓާ ޔުނައިޓެޑު ދޫކޮށް ޗިކާގޯ ފަޔާއާއި ގުޅުމުން ސޯޝަލް މީޑިޔާ މެދުވެރިކޮށް ސަޕޯޓަރުންނަށާއި ކުލަބަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ކުލަބުގައި ހޭދަކުރި މަދު ދުވަސްކޮޅަކީ ކެރިއަރުގައި ޚާއްސަ ދުވަސްކޮޅެއް ކަމަށާއި ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭނެ ދުވަސްކޮޅެއް ކަމަށް ޓައިގާ ބުނެފައިވެއެވެ.

ޖަރުމަނުވިލާތުގެ 32 އަހަރުގެ މިޑްފީލްޑަރު ވަނީ އޭނާގެ އިންޓަނޭޝަނަލް ކެރިއަރު ނިންމާލާފައެވެ. ޓައިގާ ވަނީ ނިމިގެން ދިޔަ ވޯލްޑް ކަޕު ޖަރުމަނަށް ހޯދާދިނުމުގައި މުހިއްމު ރޯލެއް ކުޅެފައެވެ.