Last Updated: April 27, 06:22
Saturday, April 27, 2024
ސިޔާސީ

ގާސިމް ހާޒިރު ކުރީ ރިޝްވަތުގެ ތުހުމަތުގައި

ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

ގާސިމް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި ބައިވެރިވެލައްވާ މެމްބަރުން މަސީހަށް އިތުބާރު ނެތްކަމަށް ވޯޓެ ދެއްވައިފިނަމަ ދެން އަންނަ ދައުރަކަށް ޖުމުހޫރީ ޕާޓީގެ ޓިކެޓު ދޭނެ ކަމަށް ވިދާޅުވުމުން އެއީ ރިޝްވަތު ދިނުން ކަމަށް ބުނެ ފުލުހުން ވަނީ އޭނާގެ މައްޗަށް ތަހުގީގު ފަށާފައި ކަމަށެވެ.

ނަމަވެސް ގާސިމް ވިދާޅުވެފައިވަނީ އެއީ ރިޝްވަތު ދިނުމުގެ މާނައިގައި އޭނާ ބުނި ބަހެއް ނޫން ކަމަށާއި އެއީ އެމަނިކުފާނާއި ގުޅިގެން މަސައްކަތް ކުރާ މެމްބަރުންނަށް ނިސްބަތްކޮށް ބުނި ވާހަކައެއް ކަމަށެވެ. އަދި އޭނާގެ ބަސްތައް އެކި މީހުން މާނަ ކުރަމުންދަނީ އެކި ގޮތްގޮތަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވަނީ އެ މައްސަލައަކީ މީހަކު ހުށައެޅި މައްސަލައެއް ކަމަށާއި ފުލުހުން އަމަލު ކޮށްފައިވަނީ ގާނޫނީ ގޮތުން އެބޭފުޅުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ފުލުހުންނާއެކު ތަހުގީގު ކުރިޔަށް ދިޔައީ އެކުވެރި މާޙައުލެއްގައި ކަމަށާއި އެކަމަށް ގާސިމް ވަނީ ޝުކުރު އަދާކޮށްފައެވެ.

ގާސިމްގެ ވަކީލުންގެ ޓީމުން މީޑިޔާއާއި ވާހަކަ ދެއްކެވި ތުލުސްދޫ ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދު ވިދާޅުވެފައިވަނީ ގާސިމްގެ މައްޗަށް ކުރާ ތުހުމަތުގެ ތަހުގީގު ވަނީ ރޭގައި ނިމިފައި ކަމަށެވެ. އަދި އިތުރަށް ގާސިމް ފުލުސް އޮފީހަށް ދާކަށް ނުޖެހޭނެ ކަމަށްވެސް ވައްޑެ ވިދާޅުވެފައިވެއެވެ.

ގާސިމް ގަބޫލު ކުރައްވާ ގޮތުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ އިދިކޮޅު ސިޔާސީ ލީޑަރުންނާއި ގުޅިގެން ފަށާފައިވާ މަސައްކަތަށް ހުރަސް އެޅުމަށްޓަކައެވެ. ނަމަވެސް އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ގާސިމް ވަނީ ތަކުރާރުކޮށްފައެވެ.