Last Updated: April 23, 18:00
Tuesday, April 23, 2024
ސިޔާސީ

އަނަސް ފުލުހަށް ހާޒިރު ކުރުން ނަޝީދު ކުށްވެރިކޮށްފި

ކުރީގެ ރައީސް ނަޝީދް.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސެކެޓްރީ ޖެނެރަލް، އަނަސް އަބްދުއް ސައްތާރު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރުމުން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެކަން ކުށްވެރިކޮށްފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ސަރުކާރުގެ އިދާރާތަކުން އިދިކޮޅު ފަރާތްތަކަށް ދުށްތުރާ ކުރުން ހުއްޓާލައި ގައުމީ ސަލާމަތާ ބެހޭ މުހިއްމު ކަންތައްތަކަށް އިސްކަންދިނުމަށް ގޮވާލާފައިވެއެވެ.

ފުލުހުން ވަނީ ރިޝްވަތުގެ ތުހުމަތުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އަދި އެޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލުމަށްފަހު ދޫކޮށްލާފައެވެ.

ރައީސް ނަޝީދުވަނީ ޕީޕީއެމްގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބްދުﷲ އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށް ހަތަރު ޕާޓީ އެކުގައި މަސައްކަތް ކުރުމަށް ފަށާފައެވެ.