Last Updated: April 20, 18:15
Saturday, April 20, 2024
ސިޔާސީ

ކުރާނެ މަޝްވަރާއެއް ނެތް، ރައީސަށް އޮތީ އިސްތިއުފާ: އަލީ

ދިވެހި ސަރުކާރާއި އަދި ރައީސް ޔާމީނާއެކު ދެން ކުރަން ޖެހޭ މަޝްވަރާއެއް ނެތް ކަމަށާއި ރައީސް ޔާމީނަށް އޮތީ ހަމައެކަނި އިސްތިއުފާ ދިނުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައިވަނީ މިއަދު ފިޝަރީސް މިނިސްޓަރު ޑރ. ޝައިނީ އިދިކޮޅު ފަރާތްތަކަށް އެއް މޭޒަކަށް އަރައި މަޝްވަރާ ކުރުމަށް ދައުވަތު ދިނުމުން މިނިސްޓަރަށް ރައްދު ދެއްވަމުން ކުރި ޓުވީޓެއްގައެވެ.

ޑރ. ޝައިނީ ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކަށް ނުހަނު އިހުތިރާމާއެކު އަނެއްކާވެސް ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މަޝްވަރާގެ މަޖިލީހަށް ހާޒިރުވުމަށް ގޮވާލާކަމަށެވެ.

އަދި 2014 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީން އަންނަނީ ދިވެހި ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް އެއް މޭޒަކަށް ވަޑައިގެން ރާއްޖޭގެ ސިޔާސީ މަޝްރަހާއި މެދު މަޝްވަރާކޮށް ސަރުކާރާއި ޚިޔާލު ތަފާތުވާ މައްސަލަތަކުގައި މަޝްވަރާކޮށް ހައްލުހޯދުމަށް މަސައްކަތް ކުރަމުން ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.

ނަމަވެސް ޝައިނީ ވިދާޅުވެފައިވަނީ މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކުގެ ކައިރިއަށް ގޮސް ސަލާން ނުޖަހާނެ ކަމަށާއި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މަޝްވަރާގެ މަޖިލީހަށް ހާޒިރުވެއްޖެނަމަ ހުރިހާ ޕާޓީއަކަށްވެސް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ.

އެމްޑީޕީ، ޕީޕީއެމް، ޖުމުހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއިން ވަނީ ސިޔާސީ އެއްބަސްވުމެއްގައި ސޮއިކޮށް މިސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ. އަލީ ހުސެއިންއަކީ އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ އިސް މެމްބަރެކެވެ.