Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސްނޯކެލިން އަށް ދިޔަ ޓޫރިސްޓަކު ގެއްލިގެން ހޯދަނީ

އެރިޔަދޫ އައިލެންޑް ރިސޯޓް: ފޮޓޯ-ސަނީ މޯލްޑިވްސް

އެރިޔަދޫ އައިލެންޑް ރިސޯޓު ކައިރިއަށް ސްނޯކެލިންގްއަށް ދިޔަ ފަތުރުވެރިޔެއްގެ ޚަބަރެއްނުވެގެން އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި އެރިޔަދޫ އައިލެންޑް ރިސޯޓުކައިރިން މޫދަށް އެރުނު ފަތުރުވެރިޔަކު ގެއްލިގެން އުޅޭ ޚަބަރު ލިބިފައިވަނީ އިރުއޮއްސި 6:30 އެހާކަށްހާއިރެވެ.

ޚަބަރު ލިބުމުން އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ ޑައިވަރުން ވަނީ އެސަރަހައްދުގައި ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށްވެސް ގައުމީ ދިފާއީ ބާރުން މައުލޫމާތު ދީފައިވެއެވެ.

މިއަދު މެންދުރު 14:00 އެހާކަށްހާއިރު މޫދަށް އެރުނު ފަތުރުވެރިޔާގެ އެއްވެސް ޚަބަރެއް އެފަހުން ވެފައިނުވާއިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ބޫޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އޭނާ މޫދަށް އެރިފައިވަނީ ނޫ އަދި ފެހި ކުލައިގެ މޫނުމައްޗެއް އަޅައިގެންނެވެ.

މިމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ ވަގުތުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދިފައިވެއެވެ.