Last Updated: March 28, 14:17
Thursday, March 28, 2024
ސިޔާސީ

މައުމޫންގެ "ޕީޕީއެމް" އޮފީސް ބަންދު ކުރަން އަމުރުކޮށްފި

ޕީޕީއެމްގެ އޮފީހުގެ ގޮތުގައި ރައީސް މައުމޫން ބޭނުންކުރައްވަމުން ގެންދަވާ ހ. ތެމާގައި އެއްވެސް ހަރަކާތެއް ޕީޕީއެމްގެ ރައީސްގެ ނަމުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރިއަށް ގެންދަވާނަމަ އެކަމެއް ހުއްޓުވުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް މިރޭ އަމުރެއް ނެރެފިއެވެ.

ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރުގައި ވަނީ ސިވިލް ކޯޓުގެ އަމުރަކުން ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އާއި ހަވާލު ކުރައްވާފައި ވަނިކޮށް އެ ހުކުމާއި ހިލާފަށް ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކުރައްވައިގެން އެއްވެސް ހަރަކާތެއް ހިންގަވާނަމަ އެކަމެއް ހުއްޓުވައި ހ. ތެމާގައި ހުރި ދިވެހި ދިދަ ނެގުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފައެވެ.

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމް ސޮއި ކުރައްވައި މިރޭ ނެރުނު އަމުރުގައި ވަނީ ޕާޓީ ހިންގުން މުސްތަޝާރު އާއި ހަވާލުކުރުމަށް ކޮށްފައިވާ އަމުރާއި ހިލާފަށް އެ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅޭފަދަ ގޮތަށް ހަރަކާތާއި އަމަލު ކުރުމަކީ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާއާ ޚިލާފުވާ ކަމެއް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

މައުމޫން އިސްވެ ހުންނަވައިގެން 2011 ވަނަ އުފެއްދި ޕީޕީއެމްއިން އެމަނިކުފާން ވަނީ ވަކިކުރައްވާފައެވެ. ނަމަވެސް މައުމޫން ވިދާޅުވީ ވަކި ބަޔަކަށް އެމަނިކުފާން ޕާޓީން ވަކިކޮށް ނުލެވޭނެކަމަށެވެ. މައުމޫން ޕީޕީއެމްގެ ރައީސް ކަމަށް ހޮއްވަވާފައި ވަނީ 5 އަހަރު ދުވަހުގެ ދައުރަކަށެވެ.