Last Updated: April 19, 06:24
Friday, April 19, 2024
ޚަބަރު

ރައީސް މައުމޫންގެ ޕީޕީއެމް އޮފީސް ހުއްޓުވާނަން: ޕޮލިސް

ޕީޕީއެމްގެ އިންތިޚާބީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީސް ހުއްޓުވުމަށް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރު ތަންފީޒުކޮށް އަމަލީ ގޮތުން ފިޔަވަޅު އަޅައި އެކަން ހުއްޓުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލާއި ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުން ދަނީ ސިވިލް ކޯޓުން ނެރުނު އަމުރާއި ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

ސިވިލް ކޯޓުން ރޭގައި ނެރުނު އަމުރުގައި ބުނެފައިވަނީ ޕީޕީއެމްގެ ހިންގުން ހަވާލުކުރެވިފައިވަނީ އެޕާޓީގެ މުސްތަޝާރާއި ކަމަށެވެ. ސިވިލް ކޯޓުން ޕާޓީ ހިންގުން ޕާޓީގެ މުސްތަޝާރާއި ހަވާލުކުރުމަށްފަހުވެސް ކޯޓުގެ އަމުރަށް ތަބާވުމެއް ނެތި ޕާޓީގެ ނަމުގައި އޮފީހެއް ހަދައިގެން ހަރަކާތް ހިންގަމުންދަނީ ކޯޓުގެ އަމުރަށް ހުރަސްއެޅުމުގެ ގޮތުން ކަމަށެވެ.

އެހެންކަމުން ޕީޕީއެމްގެ ނަމުގައި ހިންގާ އެއްވެސް ހަރަކާތެއް ހ.ތެމާގައި ހަދާފައި ހުރި އޮފީހުގައި ހިންގިޔަ ނުދިނުމަށާއި އެއޮފީހުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ ބާލުވުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

ޕީޕީއެމް އިން ވަނީ އެޕާޓީގެ ސުލޫކީ ކޮމިޓީއިން މިދިޔަ ހޯމަ ދުވަހު ރައީސް މައުމޫން ޕާޓީއިން ވަކިކުރައްވާފައެވެ. ނަމަވެސް މިނިންމުމަކީ ސީދާ ޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ރައީސް މައުމޫން ފެކްޝަނުގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.