ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ/ މަރަދޫފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ އިބްރާހިމް ޖަމާލް (އިބުރުޖަމާ)ގެ ކެމްޕެއިން ފެށުމުގެ ގޮތުން ޒުވާނުން އެކުވެ ވެހިކަލް ބުރެއް ބާއްވައިފިއެވެ.
އިބުރުޖަމާގެ ކެމްޕެއިން ފެށުމުގެ ގޮތުން އިއްޔެ ހަވީރު މީދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ ވެހިކަލް ބުރުގައި ގިނަ އަދަދެއްގެ ބަޔަކުވަނީ ބައިވެރިވެފައެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތުހާބްގައި މީދޫގެ ގިނަ ރައްޔިތުން ބޭނުންވަނީ އަމިއްލަ ގޮތުން ކުރިމަތިލި ޖަމާ އެގޮޑިއަށް އިންތިހާބް ކުރުމަށެވެ. މީހުންނާއި ގުޅޭ އެކުވެރި މިޒާޖެއްގެ ޖަމާއަކީ މީދޫ ރައްޔިތުންގެ ލޯބި ހޯދާފައިވާ ޒުވާނެކެވެ.
ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް ކުޅެ، ރިސޯޓް ވޮލީ މުބާރާތްތަކުން ރަންވަނަ ހޯދި ޖަމާވަނީ މީދޫ ވޮލީ ޓީމް ގޮވައިގެން ގައުމީ ވޮލީ މުބާރާތުގައި ކުޅެ މީދޫއަށް ރީތި ނަން ހޯދާދީފައެވެ.
މިހާރުވެސް ކުޅިވަރާއި އިޖްތިމާއީ ހަރަކާތުގައި ނަގާ ކިޔާ ޖަމާވަނީ ހުޅުމީދޫ އެސްޓިއޯގެ މެނޭޖަރގެ މަގާމުވެސް އަދާކޮށްފައެވެ.
އިބުރު ޖަމާގެ ކެމްޕެއިންގައި ހަރަކާތްތެރިވާ ޒުވާނަކު ބުނީ މިފަހަރު މުޅި ރަށް އެކު އެކީގައި އޮތީ ޖަމާގެ ފަހަތުގައި ކަމަށާއި، ވަކި ޕާޓީއަކަށް ނިސްބަތްވުން ރަށުގެ ރައްޔިތުންނަށް މުހިއްމެއް ނޫންކަމަށެވެ.
"އަހަރެމެން ބޭނުންވަނީ ރަށުގެ ރައްޔިތުންގެ ހާލުބަލާ ރައްޔިތުންގެ އިހްސާސް ދަންނަ މީހަކު މިފަހަރު ހޮވަން. ޕާޓީގެ މަސްލަހަތު އިސްކޮށްގެން މިހާތަނަށް މީދޫއަކަށް ލިބުނު މަންފާއެއް ނެތް"
ޒުވާނާ ބުންޏެވެ.
މީދޫ/ މަރަދޫ ފޭދޫ ދާއިރާއަށް 3 ކެންޑިޑޭޓުން ކުރިމަތިލާފައިވާ އިރު ވޯޓުދޭ މީހުންގެ އައްލަބިއްޔަތު އޮތީ މީދޫއަށެވެ. ނަމަވެސް އިބުރު ޖަމާ ޓީމްގެ ފަރާތުން މަރަދޫފޭދޫގައި ކެމްޕެއިން ހަރަކާތް ވަރަށް އަވަހަށް ފަށާނެކަމަށް ކެމްޕެއިންގައި ހަރަކާތްތެރިވާ އިސް ޒުވާނަކު ބުންޏެވެ.