Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

"ޓްރެފިކް ހަރަކާތް 24 ގަޑި އިރު، މިކަމެއް ދެން ނުހުއްޓޭނެ"

އައްޑޫ ސިޓީގައި ދެވަނަ ފަހަރަށް ޓްރެފިކް ޕޮލިސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރެފިކް ޕޮލިސްގެ ހިދުމަތް ފައްޓަވައިދެއްވީ އައްޑޫ ސިޓީގައި ހުންނަވާ ފުލުހުންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ރަޝީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ ރަޝީދު ވިދާޅުވީ އައްޑޫގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާކަމަށެވެ. އަދި އެކްސިޑެންޓް މަދުކޮށް އާއްމުން ހޭލުންތެރިކުރުމަށް އަބަދުވެސް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށާޢި މިއަދު މިފެށޭ މަސައްކަތުން 24 ގަޑިއިރު ހުއްޓުމެއް ނެތި ޓްރެފިކް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އަލީ ރަޝީދު ވަނީ ޓްރެފިކް ބަލަހައްޓާ ފުލުހުންނަށް ބޭނުންވާ އާލާތްތައް އެފަރާތްތަކާއި ހަވާލު ކޮށް ދެއްވާފައެވެ.

މި ރަސްމިއްޔާތަށް ފަހު "އައްޑޫލައިވް" އާއި ވާހަކަ ދައްކަވަމުން އަލީ ރަޝީދު ވިދާޅުވީ މިފަހަރު ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ނެތިގެން ހުއްޓަވާ ނުލައްވާނެކަމަށާއި، ހަރުދަނާ އުސޫލެއްގެ ދަށުން މަގުމަތީގެ އަމާންކަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދާނެ ކަމަށެވެ.

2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އައްޑޫގައި ޓްރެފިކް ޕޮލިހުގެ ހިދުމަތް ރަސްމީކޮށް ފެށިއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ ޓްރެފިކް ޕޮލިހުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.

އޭރު ފުލުހުން ބުނީ ޓްރެފިކް ފުލުހުންގެ ހިދުމަތް ހުއްޓާލަން ޖެހުނީ އައްޑޫގައި ތިބި ފުލުހުންގެ އަދަދު މަދުކަމުން މަގުމަތި ބެލެހެއްޓެން ނެތިގެންކަމަށެވެ.