Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު

"މީ ވަކި މީހަކަށް ވަކި ގޮތެއް ހަދާނެ ސަރުކާރެއް ނޫން"

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި މީރާްއިން ކުރާ މަސައްކަތުގެ ތެރެއަށް މިސަރުކާރުން ވަދެ ވަކި މީހަކަށް އަމާޒުކޮށް ވަކި ގޮތަކަށް ނަހަދާކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްފައި ސަރުކާރުގެ ބައެއް އިސްވެރިން ވިދާޅުވީ މި ސަރުކާރުން ފަރުދުން ތަފާތު ނުކުރާކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅިފައިހުރި މުހިންމު ކަންކަމުގައި ސަރުކާރުން ދެކޭ ގޮތް ހާމަކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި، ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު މުނައްވަރާއި، އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ޗެއަރމަން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ޡުހޫރު ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ..

ވިލާ ގްރޫޕުން މީރާއަށް ދައްކަން ޖެހޭ ފައިސާ އާއި ގުޅޭ ގޮތުން ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރު ވިދާޅުވީ ފިޔަވަޅު އަޅައިގެން ދަޢުލަތައް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި މިހާރުވެސް މީރާއަށް ދައްކަންޖެހޭ ޓެކްސާއި ގުޅޭ ދެހާހެއްހާ މައްސަލަ ހުރިކަމަށެވެ.

ޒަމީރު ވިދާޅުވީ އޭގެ ތެރެއިން 200 އެއްހާ މައްސަލައަކީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މައްސަލަ ކަމަށެވެ.

ޓޫރިޒަމް ދާއިރާގެ ބިމު ކުއްޔާއި އެއާ ގުޅޭ ޖޫރިމަނާ އާއި އެހެނިހެން ފައިސާ ދައްކައިފައި ނުވާތީވެ، 17 ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒް ކޮށްފައި- މޫސާ ޒަމީރު

އަދި މިއީ ވަކި ވަކި ފަރުދުންނަށް އަމާޒުކޮށްގެން މީރާއިން ކުރާ މަސައްކަތެއް ނޫންކަމުގައި ވިދާޅުވިއެވެ.

2011 އިން ފެށިގެން މިހާތަނަށް މީރާ އިން 4.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދަޢުލަތައް ހޯދާދީފައިވާއިރު މީރާ އިން މަސައްކަތް ކުރަނީ ހަމަހަމަކަމާއިއެކު ޤާނޫނާއި ޤަވާއިދުގެ މަތިން ކަންކަން ކުރުމަށް. ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު

މި ބައްދަލުވުމުގައި މިނިސްޓަރ ޡުހޫރު ވިދާޅުވީ މީރާއަށް ވިޔަފާރިތަކުން ލިބެންޖެހޭ ފައިސާއަކީ ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް، ރާއްޖޭގެ ތަރައްޤީއަށް ބޭނުންކުރާނެ ފައިސާކަމަށާއި، ނަމަވެސް ބައެއް ފަރާތްތަކުން ސިޔާސީ ކަންކަމުގެ ނިވާދަށުގައި ތިބެގެން ސަރުކާރަށް ލިބެންޖެހޭ ފައިސާ ހިފަހައްޓަމުން އަންނަކަމަށެވެ.

ޡުހޫރު އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ބަޔަކު ފިއްތުންތައް ކުރިމަތިކުރުމުން އެ ކުރަން ޖެހޭކަމެއް ނުކޮށް ދޫކޮށްލާނެ ސަރުކާރެއްނޫންކަމަށާއި، މި ސަރުކާރުން ވަކި ވަކި ފަރުދުން ތަފާތުކުރުމެއް ނެތި ސަރުކާރަށް ލިބެންޖެހޭ ފައިސާއެއްވާނަމަ، އެ ބައެއްގެ އަތުން އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތެއް ކުރާނެކަމަށެވެ.

ސަރުކާރުގެ އިސްވެރިން ނޫސްކޮންފަރެންސްގައި މިފަދައިން ވިދާޅުވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ވިލާ ގްރޫޕްގެ އެކައުންޓް ފްރީޒްކޮށްފައިވަނީ ގާސިމްއަށް ބިރު ދެއްކުމަށް ކަމަށެވެ.