Last Updated: November 23, 20:35
Saturday, November 23, 2024
ކޮލަމް

މި ތިބީ ޖިންނި ގެނައިމާ ވީގޮތް ވެފަ އެވެ.

މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތެރެއިން މީހަކު ގޮވައިގެން ފުލުހުންދަނީ/ ފޮޓޯ: ޖޭޑް ފޮޓޯގްރަފީ

އަޅުގަނޑު ދާދި ކުޑައިރު ވަރަށް ޒާތަކަށް ހިނގައި އުޅޭ ފިރިހެނަކު ރަށުން ދެކެމެވެ. ޒާތަކަށޭ މިދެންނެވީ ދެކަކޫ ކޭއްތޭ ގޮތަށް ހިނގައި އުޅޭކަމުންނެވެ. އެގޮތަށް އޭނާ ހިނގައި އުޅުމުގެ ސަބަބާމެދު ވަރަށް އެހެން ކަހަލަ ވާހަކައެއްވެސް އޭރު އަޑު އަހަމެވެ. އޭގެ ތެދު ދޮގެއް ނޭގެއެވެ.

އެކަމަކު އެންމެންވެސް އެވާހަކަ ކިޔާގޮތް މުޅީން އެއްގޮތެވެ. އެހެންވީމާ މުޅިއަކުން ތެދަކަށް ނުވިއަސް ކޮންމެވެސް ކަންތައްތަކެއް ހިނގާފައި އޮތްކަމަށް ގަބޫލު ކުރެވެއެވެ.

މިދެންނެވި ފިރިހެންމީހާ ޒުވާންއިރު އޭނާއަކީ ވަރަށް ކުޅަދާނަ ފަންޑިތަވެރިއެއްގެ ކައިރީގައި އޭނާއަށް އަތް ގާތްކޮށްލަދޭން އުޅުނު މީހެކޯލައެވެ. މިގޮތަށް އުޅުނު އުޅުމުގައި ކިޔެވެލި ކިޔަވައިގެން ޖިންނި ގެންނާނެ ގޮތާއި ޖިންނި މެދުވެރިކޮށް ކަންތައްތައް ކުރުވާނެ ގޮތްވެސް ފަންޑިތަވެރިޔާއަށް ސިއްރުން މިސޮރު ދަސްކުރިކަމަށްވެއެވެ.

ކުޑަކޮށް އަޖުމަ ބަލައިލުމުގެ ގޮތުން ގޭގައި ފަންޑިތަވެރިޔާ ނެތް ވަގުތެއްގައި އެއްރޭ ޖިންނި ގެންނަން މިސޮރު ކިޔެވެލިތައް ކިޔަވައިފިއެވެ. އިސާހިތަކު މިގޭގެ ފެންޑާ ތެރެއިން ޖިންނި ފާޅުވެއްޖެއެވެ. ޖިންނީގެ ސިފަ ހުތުރުކަމާއި ބިރުވެރިކަން ބޮޑުކަމުން މިސޮރު ވަރަށް ބޮޑަށް ސިހި ޖިންނި މައިތިރިކުރަން ކިޔަވާން ޖެހޭ އެހެނިހެން ކިޔެވެލިތަކުގެ މަތިން ހަނދާންނެތި ގޮތްހުސްވެއްޖެއެވެ.

ގަންނާކުރެއްވި ބިރެއްގެ ބޮޑުކަމުން ޖިންނިއަށް ފިލާންވެގެން މިސޮރު ވަނީ ފެންޑާގެ އެއްފަރާތުގައި ހުރި އުނދޯއްޔެއްގެ ފުރަގަހަށެވެ. އެދަނޑިވަޅުގައި ޖިންނި މިސޮރު ދަމާނެރެ މީނާގެ ދެކަކުލުގެ ތެރޭގައި ހުރި ޖޮއިންޓްތަކާއި ހުޅުހުޅުތައް ނައްޓައި އެހުންނަންވާގޮތް ނޫން އެހެންގޮތަކަށް އަނބުރައިލައިފިއެވެ. ފަންޑިތަވެރިޔާއަށް އާދެވުނުއިރު މިސަކަރާތެއް އަދި މުޅިއަކުން ނުނިމެއެވެ. މީނާ އަވަސްއަވަހަށް ޖިންނި މައިތިރިކުރަން ކިޔަވާން ޖެހޭ ކިޔެވެލިތައް ކިޔަވައި ދާދިއަވަހަށް ޖިންނި އާއިބުކޮށްލައިފިއެވެ. ނިޒާމުންވެސް ގެއްލުވާލައިފިއެވެ.

އެދުވަހަށްފަހު އެއްކަލަ ޒުވާނާ ހިނގައި އުޅެނީ ކުރީގައި އޭނާ ހިނގައި އުޅުނު ގޮތަކަށް ނޫނެވެ. މީނާ ހިނގާން ފަށައިފިނަމަ ދެ ކަކޫ ފޭވުމުގެ ބަދަލުގައި ކައިރިވެ ކޭއްތެން ފަށައިފައެވެ. އެހެންވެ ދާދި އަވަހަށް އެހާދިސާގެ ޚަބަރު ރަށުތެރެއަށް ފެތުރި ޖިންނި ޝައިތޯނުންގެ ފޯކްލޯރުގެ ތެރެއަށް އަނެއްކާވެސް އާވާހަކައެއް އިތުރުވެގެން ހިގާއްޖެއެވެ. އަޅުގަނޑު ކުޑައިރު އެމީހާ އުޅޭ ގެއަށް ޒިޔާރަތްކޮށް ހަދަމެވެ. ވާހަކަވެސް ދައްކަމެވެ. އެކަމަކު އެހާދިސާގެ ވާހަކަ ދައްކާކަށް ނުކެރެއެވެ. ސުވާލެއްކުރާކަށް ވެސް ނުކެރެއެވެ. އަބަދުވެސް އިވެނީ އެވާހަކަ ކޮންމެވެސް އެހެން ބަޔަކު ދައްކާ އަޑެވެ.

މިއީ ތެދުވާހަކައަކަށް ވިޔަސް ނުވިއަސް މިވާހަކައިގެ ވެސް ފިލާވަޅެއް އެބައެކުލެވެއެވެ. އެފިލާވަޅަކީ ތިމާގެ އިލްމާއި ހިލްމާއި ނުބައްދަލުގެ ބޮޑެތި ބޮޑެތި ކަންތައް ކުރާއިރު އޭގެ ނަތީޖާއާ ދޭތެރޭ ވިސްނައި ފިކުރުކޮށް ގޯސްވާއަތަށް އަޅައިފިނަމަ މައިތިރިކުރާނެ ގޮތް ވެސް ރޭވިފައި އޮވެގެން ނޫނީ އާޚިރުގައި ނަތީޖާ ރަނގަޅު ނުވާނެ ކަމެވެ. މިފިލާވަޅަށް ރިއާޔަތް ކުރާއިރު އަޅުގަނޑުމެންގެ ތެރެއަށް މިހާރު ތައާރަފްވެގެން އުޅޭ ޑިމޮކްރަސީ މީގެތެރެއަށް ނިކަން ރިވެތިކޮށް އެބަފެތެއެވެ.

އަޅުގަނޑުމެންގެ ތެރެއަށް ޑިމޮކްރަސީ ތައާރަފްވެފައި މިއޮތީ ރޭގަނޑާއި ދުވާލު ހޭލާ ތިބެގެން އެތައްބަޔަކު އެކަމަށް އެދި ކުރި ބުރަ މަސައްކަތަށް ފަހުގައެވެ. އެވެރިން ދަސްކުރީ ޑިމޮކްރަސީ ގެންނަން ކިޔަވާން ޖެހޭ އެންމެހައި ތަކެއްޗެވެ. ޑިމޮކްރަސީގެ ބޮޑުކަމާއި ބަރުކަމާއި ފުޅާމިނަށް ބަލާފައި އެޑިމޮކްރަސީ މައިތިރިކޮށްގެން އަޅުގަނޑުމެންގެ މުޖުތަމައުގެ ބޭނުންތަކާ ގުޅޭ ގޮތަށް ފައްތައި އެޑިމޮކްރަސީއަކީ ފައިދާކުރަނިވި އެއްޗަކަށް ހަދަން ކިޔަވާން ޖެހޭ އެއްވެސް ކިޔެވެއްޔެއް އެވެރިން ދަހެއް ނުކުރެއެވެ. ދެން މިވީގޮތަކީ އަޅުގަނޑުމެން ގެނައި ޑިމޮކްރަސީ އިސާހިތަކު ގެއްލުންދެނިވި ބިރުވެރި އެއްޗަކަށްވެ އޭތި މައިތިރިކުރެވޭނެ ގޮތެއްވެސް ނެތި އެންމެން ގޮތްހުސްވެ ހާސްވެއްޖެއެވެ.

ތަންތަނުގައި ހުޅުޖަހައި ވީރާނާކުރަނީ ޑިމޮކްރަސީގެ ނަމުގައެވެ. މަގުމަތީގައި އައުގުރާނަގޮވަމުން އައުރަ ކަޝްފުކުރަމުން ދެކޮޅަށް ދުވެ ނަގަނީވެސް ޑިމޮކްރަސީގެ ނަމުގައެވެ. ތަޅާފޮޅައި ލޭ އޮހޮރުވައިލަނީވެސް ޑިމޮކްރަސީގެ ނަމުގައެވެ. މި ޑިމޮކްރަސީއަކާ ހެދި ގައުމު އިނދަޖެހިއްޖެއެވެ. ކިޔެވެލިތައް ކިޔަވައިގެން މިގެނައި ޑިމޮކްރަސީ އަޅުގަނޑުމެންގެ ގައުމުގެ ދެކަކޫ އޮޕަރޭޝަން ކޮށްލައިފިއެވެ. އެއަށްފަހު ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިހިނގެނީ އެއްކަލަ މީހާއަށް ޖިންނި ހެދި އެތިފަހަރަށް ފަހު އެމީހާވެސް ހިނގި ޒާތަށެވެ.

ޖިންނި ގެނައި މީހާއަށް އޭތި މައިތިރިކުރަން ނޭގުނަސް އެކަން ކުރަން ދަންނަ މީހަކު ހުރިކަމުން ކަންތައް މާގޯސް ނުވަނީސް ޖިންނި އޮތީ ނިޒާމުން ގެއްލުވައިލައިފައެވެ. މިހާރު އެވަރުވެސް ދަންނަ މީހަކު ހުރިކަމަކަށް ނުވެއެވެ. މިހާރު ތިބި މީހުންނަށް އެނގެނީ ތިމާމެންކަހަލަ އެހެން އިންސާނުން ނިޒާމުން ގެއްލުވައިލާށެވެ.