ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ މަދުވެގެން 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް މަޖްލިސްގެ އާންމު ކޮމެޓީން ފާސްކޮށްފި އެވެ.
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅި އިސްލާހު އާއްމު ކޮމެޓީއަށް ހުށަހެޅި އިސްލާހް މަޖްލިސްގެ ތަޅުމުން ފާސްވެއްޖެ ނަމަ މިހާރު އިދިކޮޅު ފަރާތްތަކުން މަޖްލިސްއަށް ވައްދާފައިވާ މަޖްލިސްގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮޓަމެޓިކުން މަޖްލިސްގެ ތަޅުމުން ބޭރުވީ އެވެ.
މިހާރު މަޖްލިސްގެ އާއްމު ގަވާއިދުގައިވާ ގޮތުން މަޖްލިސްގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަދުވެގެން 15 މެމްބަރުންގެ ސޮއާއިއެކު މަޖްލިސްއަށް ހުށަހެޅޭނެއެވެ.
މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް މިދިޔަ މަހުގެ 27 ވަނ ދުވަހު ބޭއްވި ވޯޓު ބައެއް މެމްބަރުން މަޖްލިސްގެ ތަޅުމުން ބޭރުކޮށް ވަނީ 48 މެމްބަރުންގެ ވޯޓާއި އެކު ފާސްކޮށްފައެވެ.
ނަމަވެސް މިއަދު އަނެއްކާވެސް އިދިކޮޅު މެމްބަރުން ވަނީ 31 މެމްބަރުންގެ ސޮއާއި އެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައެވެ.
މަޖްލިސްގެ އާންމު ކޮމެޓީގެ މުގައްރިރު އަލީ އާރިފު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާ އިސްލާހު ކުރުމަށް ހުށަހެޅި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ޖެއްސުން ކުރާތީ އެކަން ހުއްޓުވުމަށް ކަމަށެވެ.
މަޖްލިސްގައި މިވަގުތު އައްލަބިއްޔަތު އޮތީ ވެރިކަންކުރާ ޕީޕީއެމް/ އެމްޑީއޭ ކޯލީޝަނަށެވެ. އެހެންވެ އިދިކޮޅު ފަރާތްތަކަށް 42 މެމްބަރުން ހަމަ ކުރުމަކީ އަދި އުނދަގޫކަމެކެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ްގޜުޕްގެ ލީޑަރ ނިހާން ވިދާޅުވީ ދެންވެސް މަޖްލިސްގެ ރައިސް އަދި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ ވޯޓު ނަގާނީ ރޯލް ކޯލް އުސޫލުން ކަމަށެވެ.
މަޖްލިސްގެ ނައިބް ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިމަހުގެ 11 ވަނަ ދުވަހަށް ވަނި ތާވަލް ކޮށްފައެވެ.