Last Updated: November 28, 04:25
Thursday, November 28, 2024
ރިޕޯޓް

ފަސޭހައިން ނިދަން އެހީތެރިވެދޭ ގަސްތައް

ގޭގައި ގަސްތައް ގެންގުޅުމަކީ ގެއަށް ދިރުން ގެނެސްދީ، ހިތްހަމަޖައްސައިދޭ ކަމެކެވެ. މީގެ އިތުރުން ގަސްތަކަކީ ޤުދުރަތީ ގޮތުން ވައި ސާފު ކޮށްދޭ އެއްޗެކެވެ. ބައެއް ވައްތަރުގެ ގަސްތަކަކީ ރޭގަނޑު ނިދުމަށްވެސް އެހީތެރިވެދޭ ގަސްތަކެކެވެ. ތިރީގައި މިވާ ގަސްތަކަކީ ރޭގަނޑު އަރާމް ނިންޖެއް ހޯދުމަށްޓަކައި ކޮޓަރީގައި ބެހެއްޓުން ރަނގަޅު ގަސްތަކެކެވެ.

1. ލެވެންޑާ

ގިނަ ބަޔަކަށް އެނގޭނެފަދައިން މިއީ ވަރަށް މީރު ވަސް ދުވާ ގަހެކެވެ. މި ގަހަކީ އެންޒައިޓީ އާއި ސްޓްރެސް ލެވެލްތައް ދަށްކޮށްދީ، ފަސޭހައިން ނިދޭގޮތް ހަދައިދޭ ގަހެކެވެ. އެގޮތުން ދިރާސާވެރިން ސާބިތުކޮށް ދީފައިވާ ގޮތުން ލެވެންޑާ އަކީ ކުޑަކުދިން ފަސޭހައިން ނިންދަވާލަދޭ އަދި އަލަށް މަންމައިންނަށް ވާ އަންހެނުންގެ ސްޓްރެސް ލެވެލްތައް ދަށްކޮށްދޭ ގަހެކެވެ.

2. ޖޭސްމިން

މިއީ ހަށިގަނޑަށް އަރާމް ލިއްބައިދޭ ގަހެކެވެ. އެގޮތުން ޖޭސްމިން އަކީ އެންޒައިޓީ ލެވެލް ދަށްކޮށްދީ، އުފާވެރިކަން ގެނެސްދޭ ގަހެކެވެ.

3. ހަރުފަ ގަސް (ސްނޭކް ޕްލާންޓް)

ނާސާ އިން ބުނާ ގޮތުގައި ހަރުފަ ގަހަކީ ވައި ސާފުކޮށް ދިނުމުގައި އެންމެ ބޮޑަށް އެހީތެރިވެދޭ އެއް ގަހެވެ. މީގެ އިތުރުން ގޭތެރެ ޒީނަތްތެރި ކުރުމަށްވެސް މި ގަސް ބޭނުން ކުރެވިދާނެ އެވެ. ހަރުފަ ގަހަކީ ރޭގަނޑު ގަޑީގައި އޮކްސިޖަން ބޭރުކޮށްދޭ ގަހެއްވެސް މެއެވެ.

4. މަކުޑު ގަސް (ސްޕައިޑާ ޕްލާންޓް)

ބުނެވޭ ގޮތުގައި މި ގަހަކީ ކެންސަރަށް މަގުފަހި ކޮށްދޭ ކެމިކަލްތައް ނައްތާލައި، ވައި ސާފުކޮށްދޭ ގަހެކެވެ. މީގެ އިތުރުން މި ގަހަކީ ނުބައި ވަސްތައް ނައްތާލަދީ ނިދުމުގައި ފަސޭހަ ކޮށްދޭ ގަހެކެވެ.

5. އެލޯ ވޭރާ

ހަންގަނޑުގައި ލާ ކްރީމްތަކުގައި ބޭނުންކުރުމުގެ އިތުރުން އެލޯ ވޭރާ ގަހަކީ ފަސޭހައިން ނިދުމަށް މަގުފަހިކޮށްދޭ ގަހެކެވެ. އެގޮތުން މިއީ ރޭގަނޑު އޮކްސިޖަން ބޭރުކުރާ، ފަސޭހައިން ހެދޭ އަދި ގެންގުޅެންވެސް ފަސޭހަ ގަހެކެވެ. އެލޯ ވޭރާ ގަހުން އުފައްދާ ޖެލް އަކީ ޒަޚަމްތަކަށް ފަރުވާ ކުރުމުގައި ބޭނުންކުރާ އެއްޗެކެވެ.