މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ގޮތުގައި ބެލެވޭ މޯހިތު ސޫރީގެ "ހާފް ގާލްފްރެންޑް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ ވިދިޔާ ބަލަން އާއި އިމްރާން ހާޝިމީ ލީޑް ރޯލުން ފެނިގެން ދިޔަ "ހަމާރީ އަދޫރީ ކަހާނީ" އަށް ފަހު މޯހިތު ސޫރީ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމެވެ.
"އާޝިގީ 2" އާއި "އެކް ވިލަން" ފަދަ ކާމިޔާބު ފިލްމްތައް ޑައިރެކްޓްކޮށްފައިވާ މޯހިތުގެ "ހާފް ގާލްފްރެންޑް" އަކީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިތާ ޗެތަން ބަގަތު ހަމަ އެ ނަމުގައި ލިޔުނު ވާހަކައަށް ބިނާކޮށް ހަދާފައިވާ ލޯބީގެ އަސަރު ގަދަ ފިލްމެކެވެ.
އިންޑިއާ އާއި އެމެރިކާގެ ނިއު ޔޯކްގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އަރުޖުން ކަޕޫރާއި ޝްރަދާ ކަޕޫރެވެ.
މިއީ މި ދެ ޒުވާން ތަރިން އެކުގައި ފެނިގެންދާ ފުރަތަަމަ ފިލްމެވެ.
"ހާފް ގާލްފްރެންޑް" އަކީ މޯހިތާ އެކު ޝްރަދާ މަސައްކަތް ކުރި ތިން ވަނަ ފިލްމެވެ. "އާޝިގީ 2" އާއި "އެކް ވިލަން" ގެ ބަތަލާއަކީ ވެސް އޭނަ އެވެ.
މިއީ އަރުޖުން، މޯހިތާ އެކު މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ.
އެހެން ނަމަވެސް އޭނާ ވަނީ ކުރިން ވެސް ޗެތަންގެ ވާހަކައަކަށް ހެދި ފިލްމެއް ކުޅެފަ އެވެ. އެއީ 2014 ގައި ރިލީޒް ކުރި "2 ސްޓޭޓްސް" އެވެ.
އަންނަ މަހުގެ 19 ގައި ރިލީޒް ކުރާ "ހާފް ގާލްފްރެންޑް" ގެ ފުރަތަމަ ޓްރެއިލާ ބަލާލުމުން ވެސް މިއީ ވަރަށް ރީތި ފިލްމަކަށް ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ. ޓްރެއިލާ ވަރަށް އެމޯޝަނަލް އެވެ.
އަދި އަރުޖުން އާއި ޝްރަދާ ކެމިސްޓްރީ ވެސް ވަރަށް ސަޅި އެެވެ.