Last Updated: November 23, 21:59
Saturday, November 23, 2024
ވިޔަފާރި

ވެމްކޯއަކީ ފައިދާވާ ކުންފުންޏެއް: ފުއާދު

ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ހާއްސަކޮށްގެން ސަރުކާރުން އުފެއްދި ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަކީ މިހާރު ފައިދާވާ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އިބްރާހީމް ފުއާދު ވިދާޅުވެއްޖެ އެވެ.

ހިތަދޫގައި ވެމްކޯގެ ސަދަން ރީޖަނަލް އޮފީސް ހުޅުވަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފުއާދު ވިދާޅުވީ މި އަހަރު އެ ކުންފުނިން މާލޭގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ފެށީ ރިކަރަންޓް ހަރަދަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހޭދަ ނުކޮށް ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ފުރަތަމަ ފަހަރަށް ޕަބްލިކްގައި ދަންނަވަން ބޭނުން ވެމްކޯއަކީ މިހާރު ފައިދާވާ ކުންފުންޏެކޭ،" އޭނާ ވިދާޅުވިި އެވެ.

ފުވާދު ވިދާޅުވީ މާލޭގައި އުފެދޭ ޕްލާސްޓިކް ފުޅިން ވެމްކޯ އަށް އަހަރެއްގެ މައްޗަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހތު ލިބޭ ކަމަށެވެ.

އެގޮތުން އުކާލެވޭ ކުނީގެ ބާވަތްތަކުގެ ތެރެއިން މާލޭގެ ސްކޫލްތަކުން އުކަލާ ކަރުދާސް ރިސައިކަލް ކުރުމަށްޓަކައި، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ 52 ޓަނުގެ ކަރުދާސް ރާއްޖޭން ބޭރަށް އެކްސްޕޯޓްކޮށްފަ އެވެ.

ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ވެސް މިހާރު ވެމްކޯގެ ހިދުމަތް ފަށާފައިވާތީ، ކުނި މެނޭޖް ކުރުމުގެ ކަންކަން ވަރަށް ހަރުދަނާކޮށް، ހަމަޖެހޭ ނިޒާމެއްގެ ތެރެއިން ކުރިށް ގެންގޮސް ފައިދާ އިތުރު ކުރެވޭ ގޮތަށް މަސައްކަތް ބައްޓަން ކުރާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ވެމްކޯ އިން އަންނަނީ ކުނި މެނެޖް ކުރުމުގެ މަސައްކަތުގެ ތެރެއިން ރީސައިކަލް ކުރެވޭނެ ތަކެތި ރީސައިކަލްކޮށް ބޭނުން ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.